ހައްޖާއި އަޅުވައިގެންވެސް ދޮގުހެދުމާއި މުއިއްޒުގެ ޕްރަމޯޝަން!

ހައްޖާއި އަޅުވައިގެންވެސް ދޮގުހެދުމާއި މުއިއްޒުގެ ޕްރަމޯޝަން!

ގައުމުގެ ހެވާއި ލާބައަށް ހައްދަވައިގެން ކަމެއް ނުކުރާ މުއިއްޒު ހައްޖުގެ އަޅުކަމަކީ ވެސް އޭނާގެ ޕްރަމޯޝަނަށް ކުރާ ކަމަކަށް ހަދައިފިއެވެ. ހައްޖުގެ އަޅުކަމާއި ގުޅުވައިގެން ދެއްކުންތެރިކަމާއި އިންތިހާ ދަރަޖައިގެ ބޮޑެތި ދޮގު ހެދުމަކަށްވެސް ބިރެއް ކަމެއް ނުގަނެއެވެ. 

ރާއްޖޭން ހައްޖަށް މީހުން ގޮސް އުޅެނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. ސިދާ ރާއްޖޭން ފުރައިގެން ހައްޖާޖީން ޖިއްދާއަށް ދާތާ ކިތަންމެ ޒަމާނެކެވެ. ރާއްޖޭގެ ގައުމީ އެއަރލައިންގައި އެވަރުގެ ދަތުރެއް ކުރެވޭވަރުގެ ހަކަތަހުރި ކޮންމެ ފަހަރަކު ރާއްޖޭގެ ގައުމީ އެއަރލައިނުން މީހުން ހައްޖަށް ގެންގޮސްފައިވެއެވެ. ރާއްޖޭގެ ގައުމީ އެއަރލައިންގައި ހައްޖަށް މީހުން ގެންދިޔުން އައުވެގެން އުޅެނީ މުއިއްޒަށާއި މުއިއްޒުގެ ވަޒީރު ޝަހީމަށެވެ. 

ކޮންމެ އަހަރަކުވެސް އެއިރަކަށް ހަމަޖެއްސެން އޮތް ހުރިހާ ލުއިފަސޭހައެއް އޭރަކު އޮންނަ ސަރުކާރަކުން ހައްޖާޖީންނަށް ހަމަޖައްސާދެއެވެ. ހައްޖާޖީންނަށް ރަނގަޅު ހޮޓާތަކާއި ދަތުރު ފަތުރުގެ ލުއިފަސޭހަ އެއިރަކު ހަމަޖެއްސެން އޮތް އެންމެ ރަނގަޅަކަށް ހަމަޖައްސާދެއެވެ. ހައްޖަށް މީހުން ގެންދަން އަމިއްލަ ޖަމާއަތްތަކަށް ފުރުސަތުދީގެން ހައްޖާޖީންގެ ކަންކަން އަމިއްލަ ޖަމާއަތްތަކުން ކުރިއިރުވެސް ސަރުކާރުން އެކަންކަން ކައިރިން ބަލާ މޮނިޓަރ ކުރިއެވެ. 

ހައްޖުގެ އަޅުކަމަކީ ސަރުކާރުންކުރާ ވިޔަފާރިއަކަށް ބަދަލުކޮށްގެން އުޅެނީ މުއިއްޒު ސަރުކާރުންނެވެ. ޑރ. ޝަހީމް އިސްވެހުރެ ހިންގާ ބޮޑު ބިޔަ ކޮރަޕްޝަނަކަށް ހައްޖުގެއަޅުކަން ވަނީ ހަދާފައެވެ. މުއިއްޒު ސަރުކާރުގެ ފުރަތަމަ އަހަރު ހައްޖާޖީން ފޭލިގެ ތަކުގައި ގެންގުޅުނުގޮތް ހަނދާންނެއް ނުނެތެއެވެ. ހިރެނުލެވޭ ވަރަށް ފޭލިގެއަށް މީހުން ތޮއްޖައްސާ ގައިގައިމަތިން ނޫނީ ހިނގޭވަރު ކޮށްލިހަނދާން ނެތުނީ ހެއްޔެވެ. 

ހައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާދިނުމުގެ ގޮތުން ހައްޖުވެރިން ދާ ވަރަށް ގިނަ ގައުމުތަކާއި ގުޅިގެން މައްކާ ރޫޓް އިނިޝިއޭޓް ދަނީ ހިދުމަތް ދެމުންނެވެ. ޕާކިސްތާނާއި އިންޑޮނޭޝިއާއި ބަނގްލާދޭޝްއާއި މޮރޮކޯ ފަދަ އެތައް ގައުމަކަށް މައްކާ ރޫޓް އިނިޝިއޭޓް ހިދުމަތް ދެއެވެ. މައްކާ ރޫޓް އިނިޝިއޭޓްއަކީ މުއިއްޒުގެ ދުރުވިސްނުމާއި އިސްނެގުމުގެ ތެރެއިން އުފެދިގެންއައި ދިވެހިންނަށް ހާއްސަ ޖަމާއަތެއް ނޫނެވެ.

ހައްޖާޖީން ކުރިން ބަހުގައި ކުރާ ދަތުރު ހައިސްޕީޑް ރޭލުގައި ކުރެވޭ ގޮތްވުމަކީ އެކަމުގައި ފަސާދައެއް ނެތްނަމަ ކުރެވުނު ރަނގަޅު ކަމެކެވެ. ިނައިރު އެއަރޕޯޓުގައި ތިބެން ނުޖެހުމަކީވެސް ވަރަށް ބޮޑު ލުޔެކެވެ. އެހެންނަމަވެސް ކޮރަޕްޝަނުން ކަޅިވެފައިވާ މުއިއްޒުގެ ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ކޮރަޕްޝަނާއި ފަސާދަ ނެތިއެއް ނުދާނެއެވެ. މުއިއްޒާއި ޝަހީމަށް މައްކާ ރޫޓް އިނިޝީއޭޓިވްގެ ތެރެއިން ބޮޑުފައިދާގަޑެއް ނުވާގޮތަށް އެކަންކަން ކުރުމަކީ މުސްތަހީލުކަމެކެވެ. 

ރާއްޖޭގެ ހައްޖުވެރިން ގައުމީ އެއަރލައިނުގައި ފުރަތަމަ ފަހަރަށް ހައްޖަށް ގެންދަނީ މުއިއްޒު ސަރުކާރުން މި އަހަރުކަމަށް ބުނެ ފާޅުކަން ބޮޑު ދޮގެއް ހަދަން އިސްލާމިކު މިނިސްޓަރ ޝަހީމް ޖެހެލުމެއް ނުވިއެވެ. އެކަމުގެ ހަގީގަތަގީ އެޔެއްނޫނެވެ. ރާއްޖެ ފެށުނީ މުއިއްޒާ ހަމައަކުން ނޫނެވެ. 

އެއަރ މޯލްޑިވްސް އިން މެލޭސިއަން ހެލްކޮޕްތާސްއާއި ގުޅިގެން ބޮޑެތި ބޯޓް ފަހަރު ދުއްވި އިރުވެސް އަދި 2013 ވަނަ އަހަރުވެސް ގައުމީ އެއަލައިންއިން ހައްޖަށް މީހުން ގެންގޮސްފައި ވާކަން އެގެން އެބައޮތެވެ. އެވަރު ކަންކަމުގައި ވެސް ބޮޑެތި ދޮގުހަދައިގެން މުއިއްޒު ޕްރަމޯޓް ކުރެވެނިކޮށް ޝަހީމަށްވެސް ވަރިހަމައެވެ. އެކަމަކު އެންމެންނަކީ ކަނު ބީރު މަންމަން ބައެއް ނޫނެވެ.

ހައްޖާޖީންނަށް ލުއި ގޮތްތައް ހަމަޖައްސާދީ އިންތިޒާމްތައް ރަނގަޅުކުރުމަކީ ސައުދީ ސަރުކާރުން ހުއްޓާނުލާ ކުރަމުން އަންނަ ކަމެކެވެ. އެއް އަހަރުން އަނެއް އަހަރަށް ހައްޖުވެރިންގެ ކަންކަން ރަނގަޅުވަނީކީ މުއިއްޒުގެ މޮޅުކަމަކުން ނޫނެވެ. ދީނުގެ ރުކުނެއް އަދާކުރުމާ ގުޅުވައިގެން ވިޔަސް މުއިއްޒު ކަމެއް ކުރިއްޔާ ކުރާނީ ކޮރަޕްޝަނާ ފަސާދައިގެ ތެރެއިން އަމިއްލަ ޕްރަމޯޝަނަށެވެ.