އާދުބާގާ މީހުންނާއި ހޫދު އަލައިހިއްސަލާމް
އާދުބާގާ މީހުނަށް ކުރިމަތިވީ ރަހުމަތުގެ ވިލާގަނޑެއް ނޫން- ގަދަފަދަ އަޒާބެއްވާ ވައިގެ ވިލާގަނޑެއް
ނޫޙުގެފާނަށް ފަހު
ނޫހުގެފާނުގެ ދަރިފަސްކޮޅުގައި މާތް ރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. ނޫހުގެ ދަރިފަސްކޮޅު މުޅި ބިންމަތީ ފެތުރިގެން ދިޔައެވެ. ނޫހުގެ ދަރިފަސްކޮޅުގެ ތެރޭގައި އާދު ކިޔާ އުއްމަތެއްގެ ބަޔަކުވިއެވެ. އެބައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. އެބައިމީހުންގެ ހަށިގަނޑުތައް ދަގަނޑުންވާ ފަދައެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ކޮންމެ ބައެއް ބަލިކޮށް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދައެވެ. އެހެންކަމުން އެބައިމީހުން ބިރުގަންނަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެހެން މީސްތަކުން އެބައިމީހުން ދެކެ ބިރުގަނެއެވެ.
އާދު ބާގައިމީހުންގެ އެންމެހާ އެއްޗެއްގައި ބަރަކާތް ލެއްވިއެވެ. އެބައިމީހުންގެ ގެރިބަކަރިތަކުންވަނީ މުޅި ވާދީތައް ފުރާލެވިފައެވެ. އެންމެހާ އަސްތަކުން ވަނީ މައިދާންތައް ފުރާލެވިފައެވެ. އަދި އެބައިމީހުންގެ ދަރިންތައް ގިނަވުމުގެ ސަބަބުން ގެތައްވަނީ ފުރިފައެވެ. އާދުބާގައިގެ މީހުންގެ ގެރިބަކަރިތައް ހުއިހައްޕަން ބޭރަށް ނެރޭ ވަގުތަކީ ވަރަށް ރީތި މަންޒަރުތަކެއް ސިފަކުރެވޭ ވަގުތެކެވެ. އަދި އެބައިމީހުންގެ ދަރިންތައް ކުޅެން ނުކުމެ އުޅޭ ވަގުތަކީވެސް އެހާމެ ހިއްގައިމު ވަގުތެކެވެ. ހަމައެހެންމެ އެބައިމީހުން ދިރިއުޅެމުންދާ ބިމަކީ ފެހިކަންގަދަ ބިމެކެވެ. ބަގީޗާތަކާއި ކޯރުތައް އެބިމުގައި ވަރަށްވެސް ގިނައެވެ.
އާދުބާގައިމީހުން ކުފުރުވުން
ނަމަވެސް އެއެންމެހާ ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެނިޢުމަތްތަކަށް އެބައިމީހުން ޝުކުރުވެރިއެއް ނުވެއެވެ. އަދި އެބައިމީހުންގެ ކާބަފައިންގެ ކިބައިން އަޑުއިވެމުން އައި، ނޫހުގެފާނުގެ ގައުމުގެ މީހުނަށް އައި ވަރުގަދަ ތޫފާނުގެ ވާހަކަ މަތިން އެބައިމީހުން ހަނދާން ނައްތާލިއެވެ. އަދި ބިމުގައިވާ އެތޫފާނުގެ އަސަރުތަކުގެ މަތިންވެސް ހަނދާން ނައްތާލިއެވެ.
ނޫހުގެފާނުގެ ގައުމުގެ މީހުންނަށް ތޫފާން ފޮނުވުނީ ކޮން ސަބަބަކާ ހުރެކަންވެސް ހަނދާން ނައްތާލިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އެބައިމީހުންވެސް ނޫހުގެފާނުގެ ގައުމުގެ މީހުން އަޅުކަންކުރަމުންއައި ބުދުތަކަށް އަޅުކަން ކުރަން ފެށިއެވެ. އެބައިމީހުންގެ އަތްތަކުން ހިލައިން ބުދުތައް ހަދައިގެން އެތަކެއްޗަށް ސަޖިދަޖަހައި އަޅުކަންކޮށް އުޅެތެވެ. އަދި އެބައިމީހުން ބޭނުންވާ ކަންކަމުގައި އެބުދުތަކަށް ދުއާކޮށް، އެބުދުތަކަށް ޖަނަވާރުތައް ކަތިލައި އުޅެތެވެ. އެބައިމީހުން ކަންތައްކުރަމުން ގެންދިޔައީ ނޫހުގެފާނުގެ ޤައުމުގެ މީހުން ކަންތައް ކުރަމުން ގެންދިޔަ ފަދައިންނެވެ.
އެބައިމީހުންގެ ވިސްނުންތަކުން، ފުރާނައެއްނެތް އެއްވެސްކަމެއް ކޮށްނުދެވޭ ބުދުތަކަށް އަޅުކަންކުރުމަކީ ފައިދާއެއްނެތްކަމެއް ކަމަށް ގަބޫލެއް ނުކުރެއެވެ. އެބައިމީހުންގެ ވިސްނުންތަކުން އެބައިމީހުންނަކަށް ހިދާޔަތެއް ދައްކައެއްނުދިނެވެ. އެބައިމީހުންނަކީ ދުނިޔެވީ ކަންތައްތަކުގައި ވިސްނުންތެރި އަދި ދީނުގެ ކަންތައްތަކުގައި ބުއްދި ހަމަނުޖެހޭ ބައެއްކަމުގައިވިއެވެ.
އާދުބާގައިމީހުންގެ ޢަދާވާތްތެރިކަން
އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. އެކަމުގެ ސަބަބަކީ ޢާލަމްތަކުގެ ވެރި ރައްބަށާއި ގިޔާމަތްދުވަހަށް އެބައިމީހުން އީމާންނުވުމެވެ.
އަނިޔާވެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި ޢަދާވާތްތެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި އެހެން މީސްތަކުންނަށް އެބައިމީހުން އަނިޔާވެރިނުވާންވީ ކީއްވެތޯއެވެ؟ އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަށްވުރެ ބާރުވެރި އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެބައިމީހުން ބިރުގަނެ ޖެހިލުންވާ އެއްވެސް މީހެއް ނުވެއެވެ. އެބައިމީހުން ބުނާކަމުގައިވިއެވެ. "ބާރުގެގޮތުން ތިމަންނަމެންނަށްވުރެ ވަރުގަދައީ ކާކު ހެއްޔެވެ؟" އެބައިމީހުން ހައްދަވައި، އެބައިމީހުންނަށް އެބާރު ދެއްވި އިލާހު އެބައިމީހުންނަށްވުރެ ބާރުގަދަކަން އެބައިމީހުންކަށް ނުވިސްނުނެވެ.
އެބައިމީހުންގެ މިސާލަކީ މިނިކާ ޖަނަވާރުތަކެއްގެ މިސާލެވެ. އެބައިމީހުންގެ ތެރެއިންވާ ބޮޑެތިމީހުން ކުޑަކުދިންނަށް އަނިޔާވެރިވެއެވެ. އަދި އެމީހުންގެ ތެރެއިންވާ ބާރުގަދަ މީހުން ދެރަނިކަމެތިންނަށް ގޯނާކޮށް އަދަބު ދެއެވެ. އަދި އެބައިމީހުން ރުޅި އަތުވެއްޖަނަމަ މިސާލަކީ ރުޅިއައިސްފައިވާ އެތްތަކެއްގެ މިސާލެވެ. އެއްވެސް އެއްޗެއް މަރާނުލައި ދޫކޮށްނުލައެވެ.
އެބައިމީހުން ހަނގުރާމައެއްކޮށްފިނަމަ އެބައެއްގެ ދަރިފަސްކޮޅާއި ދަނޑުބިންތައް ސުންނާފަތިކޮށްލައެވެ. އަދި އެބައިމީހުން ރަށަކަށް ވަދެއްޖެނަމަ އެރަށެއްގެ މީހުންގެ ތެރެއިންވާ ޢިއްޒަތްތެރިން ނިކަމެތިކޮށްލައެވެ. އެންމެހާ ދެރަނިކަމެތިމީހުން ޢާދުބާގައިގެ މީހުންގެ ނުބައިކަމާމެދު ބިރުގަނެއެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން ފިލާ އުޅެއެވެ.
މިފަދަ ސަބަބުތަކާހުރެ އާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. ހައްދަވާ ގެންގުޅުއްވާ އިލާހަށް ބިރުވެތިނުވެ، އަދި ގިޔާމަތް ދުވަހަށް އީމާންނުވެ އުޅޭ ކޮންމެ މީހެއްގެވެސް އުޅުން ހުންނަގޮތެވެ.
ޢާދުބާގައިމީހުންގެ ބިނާތައް
އާދުބާގައިމީހުން، ކެއުމާއިބުއިމާއި، ކުޅިވަރުކުޅުމުގައި ވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. އެކަންތައްތައް ފިޔަވައި އިތުރުކަމެއް އެބައިމީހުންނަށް ކުރަންނުޖެހޭ ފަދައެވެ. އެއިގެ ތެރެއިން އެއްބައިމީހުންގެ އުސްބިނާތަކާއި ތަނަވަސް ގެތަކާހުރެ އަނެއްބަޔެއްގެ މައްޗަށް ފަހުރުވެރިވެ ބޮޑާވެގަނެއެވެ. އެބައިމީހުން ބިނާތައް ހެދުމަށްޓަކައި، އެބައިމީހުންގެ އެންމެހާ ފައިސާތަކެއް ފެނާއި، ވެއްޔާއި، ގާ ހޯދުމަށް ހަރަދުކުރެއެވެ. އެބައިމީހުންގެ އަމާޒަކީ އުސްތަނެއްހުރިކަމުގައި ވަނީނަމަ އެތަނެއްގައި ވަރުގަދަ ބިނާއެއް ހެދުމެވެ.
އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ، އެބައިމީހުންނަކީ ދާއިމަށް މަރުވުމެއްނެތި އެބިނާތަކުގައި ދިރިއުޅޭނެ ބައެއްކަމަށް ހީކޮށެވެ. އަދި އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ ބޭނުމެއްނެތި އެކަކު އަނެކަކާ ވާދަކުރުމުގެ ގޮތުންނެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންނަށް އެއްވެސް އަޅާލުމެއް ނެތިއެވެ. އެބައިމީހުންގެ ތެރޭގައިވާ ފަގީރުންވީ ވަންނާނެ ގެއެއްނެތް ބައެއްގެ ގޮތުގައެވެ. އަދި މުއްސަނދިންގެ ގެތަކަށް އެފަގީރުންތައް ނުވައްދައެވެ.
މިބައިމީހުންގެ ބޮޑެތި ބިނާތައް ފެނިއްޖެ މީހަކަށް އެނގޭނީ މިބައިމީހުންނަކީ ގިޔާމަތް ދުވަހަށް އީމާންނުވާ ބައެއްކަމެވެ.
ރަސޫލާ ހޫދު އަލައިހިއްސަލާމް
އާދުބާގައި މީހުންގެ ގާތަށް ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވިއެވެ. އެއީ އެއްވެސް ހާލެއްގައި މީސްތަކުން، އާލަމުތަކުގެވެރި ރައްބު ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އަދި ބިންމަތި ފަސާދަވުމަކަށްވެސް އެއިލާހު ރުހިވޮޑިނުގަންނަވައެވެ.
އާދުބާގައި މީހުން، އެބައިމީހުންގެ ބުއްދި ބޭނުންކޮށް އުޅެނީ ކެއިންބުއިމާއި، ކުޅިވަރުކުޅުމުގަޔާއި، ގެތައް ބިނާކުރުން ފަދަ ކަންތައްތަކުގައި އެކަންޏެވެ. އެބައިމީހުންގެ ބުއްދިތައް އެބައިމީހުން ހެއްދެވި އިލާހުގެ ދީނާމެދު ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ ވިސްނުންތައް ވަނީ ފަސާދަވެފައެވެ. އެބައިމީހުންގެ ތެރޭގައި ދުނިޔެވީ ކަންތައްތަކުގައި ވަރަށްވެސް ވިސްނުންތެރިން އުޅުނެވެ. ނަމަވެސް އެބައިމީހުން އަޅުކަން ކުރަމުން ދަނީ އެބައިމީހުންގެ އަތުން ހަދާފައިވާ ބުދުތަކަށެވެ. އެބައިމީހުންނަށް އަޅުކަން މިކުރެވެނީ އެއްވެސް ފައިދާއެއް އަދި ގެއްލުމެއް ނުދެވޭ ހިލަގަނޑަކަށް ކަމެއް އެބައިމީހުންނަކަށް ނުވިސްނެއެވެ.
މިފަދަ ދަށު ދަރަޖައެއްގައި މިބައިމީހުންގެ ކަންތައްތައް ވަނިކޮށް، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު ފޮނުއްވެވުމަށް އިރާދަކުރެއްވީއެވެ. އަލަމްތަކުގެވެރި ރައްބު އެދިވޮޑިގެންވަނީ އެބައިމީހުންގެ ތެރެއިން، އެބައިމީހުން ވާހަކަ ދައްކާ އުޅޭ ބަސް ދެނެވަޑައިގަންނަވާ ބޭކަލަކު ފޮނުއްވެވުމަށެވެ.
އެރަސޫލުބޭކަލަކީ ހޫދު އަލައިހިއްސަލާމެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ އާދުބާގައިގެ މީހުންގެ ތެރެއިންވާ ޝަރަފުވެރި އާއިލާއަކަށެވެ. އެކަލޭގެފާނު އުޅުއްވަމުން ގެންދެވީ ވިސްނުންތެރިކަމާއެކު ސޯލިޙު ދިރިއުޅުއްވުމެކެވެ.
ހޫދުގެފާނުގެ ދަޢުވަތު
އާދުބާގައި މީހުންނަށް ހިދާޔަތުގެ ތެދުމަގަށް ގޮވާލެއްވުމަށް ހޫދުގެފާނަށް އެންގެވިހިނދު، އެކަލޭގެފާނު، ގައުމުގެ މީހުންނަށް ހައްގުތެދު ދީނަށް ގޮވާލެއްވިއެވެ. އާލަމްތަކުގެ ވެރި ރައްބު ފިޔަވާ އެބައިމީހުން އަޅުކަންކުރަމުން ގެންދާ ބުދުތަކަށް އަޅުކަން ނުކުރުމަށް ނަސޭތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އޭ ތިމަންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން އާލަމުތަކުގެވެރި އިލާހަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވާ އެހެން އިލާހެއް ތިޔަބައިމީހުނަކަށް ނުވެއެވެ."
އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. " ތިޔަބައިމީހުން ތަގުވާވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ތަގުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން އެތަންތާނގައި މަރުނުވެ އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު އެއްވެސް ރަޙްމެއްނެތި ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. ފަހެ، ތިޔަބައިމީހުން ތަގުވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ދަންނަ ނިއުމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި އިލާހަށް ތަގުވެރިވާށެވެ! ނައަމްސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިއުމަތްދެއްވިއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ."
އެވާހަކަ ގުރުއާނުގައި އަންނަނިވި ގޮތަށްވެސް ބަޔާން ކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިއިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ހައިރާންވީހެއްޔެވެ؟ އަދި ނޫހުގެފާނުގެ ގައުމަށްފަހުގައި، ހަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ ނިއުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."
އަދިވެސް ވިދާޅުވިއެވެ. "އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!"
ހޫދުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވި ޖަވާބު
ހޫދުގެފާނު ގައުމުގެ މީހުން މަސްއޫލުވެގެން އުޅުނީ ކެއުމާއިބުއިމާއި ކުޅިވަރުކުޅުމުގައެވެ. އެބައިމީހުން ދުނިޔަވީ ވަގުތީ ހަޔާތަށް ލޯބިކޮށް، މިދުނިޔެ އާރާސްތުކުރުމުގައި އެންމެހާ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔައެވެ. މީސްތަކުން އެއްކުރެވި، އެބައިމީހުން ކޮށްފައިވާ އަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް ކުރިމަތީގައި އޮތްކަމެއް އެބައިމީހުން ގަބޫލެއް ނުކުރެއެވެ.
ހޫދުގެފާނުގެ ބަސްފުޅުތަކުން އެބައިމީހުންގެ ހިތްތައް ނުތަނަވަސް ވަމުން ދިޔައެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއުޅެއެވެ. “ހޫދު އެދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަލޭގެފާނު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެމެންނަކަށް އެކަލޭގެފާނު އެދައްކަވާ ވާހަކަފުޅެއް އޮޅުމަކުން ނުފިލައެވެ.” އެއިގެ ތެރެއިން އެއްބަޔަކު ޖަވާބުދެއެވެ. “އެކަލޭގެފާނަކީ ތަނެއް ދޮރެއް ނުދަންނަ މޮޔައެކެވެ.”
ހޫދުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ނަސޭހަތްތެރިވެ ވަޑައިގަތުމުގައި ސާބިތުވިއެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިންވާ ބޮޑެތިމީހުން ބުންޏެވެ. "ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެ ތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ."
ޖަވާބުގައި " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ގައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، އާލަމްތަކުގެ ވެރި އިލާހުގެ ހަޒުރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި އިލާހުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި، ނަސޭތްތެރިޔަކީމެވެ."
ހޫދުގެފާނުގެ ހިކުމަތްފުޅު
ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީސްތަކުންނަށް ހިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ.
ހޫދުގެފާނު ވިދާޅުވިއެވެ.
- “އޭ ތިމަންކަލޭގެފާނު ގައުމުގެ މީސްތަކުންނޭވެ! އިއްޔެގައި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ އަހެކެވެ. އަދި އެކުވެރިއެއްވެސް މެއެވެ. ތިޔަބައިމީހުންނަށް އެކަން ނޭނގެނީ ހެއްޔެވެ؟"
- "އޭ ތިމަންކަލޭގެފާނުގެ އަހުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނު ދެކެބިރުން ފިލަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް ތިމަންކަލޭގެފާނު ބޭނުމެއް ނޫނެވެ. “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟"
- " އޭ ގައުމުގެ މީސްތަކުންނޭވެ! އާލަމްތަކުގެ ވެރި ރައްބަށް އީމާންވުމަށް ތިޔަބައިމީހުން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުން އީމާންވުމަކުން ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް އުނިނުވާ ހުއްޓެވެ. އެހެނެއްކަމަކު، އެއިރުން ތިޔަބައިމީހުންގެ ރިޒްގުގައި ބަރަކާތްލައްވައި، ތިޔަބައިމީހުންގެ ބާރު އިތުރުކޮށް ދެއްވާނެއެވެ."
- " އޭ ޤައުމުގެ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ މިގޮވާލުމާމެދު ތިޔަބައިމީހުން ތިޔަ އަޖައިބުވަނީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ ކޮންމެ މީހަކަށް ވަކިވަކިން ބަސްވަޙީ ނުކުރައްވާނެތެވެ. ކޮންމެ މީހަކަށް ވަކިވަކިން މިކަންކުރާށޭ، އެކަންނުކުރާށޭ ވަހީ ނުކުރައްވާނެތެވެ. އެހެނެއްކަމަކު، ކޮންމެ ގައުމެއްގެ ތެރެއިން، އެގައުމެއްގެ މީހުންނަށް ނަސޭހަތްދެއްވާނެ ބޭކަލަކު ފޮނުއްވައެވެ. ތިޔަބައިމީހުންނަށް ނަޞޭޙަތްދެއްވުމަށްޓަކައި އެކަލާނގެ ވަނީ ތިމަންކަލޭގެފާނު ފޮނުއްވާފައެވެ.
- "ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރި އިލާހުގެ ހަޒުރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން އަޖައިބުވީ ހެއްޔެވެ؟"
ހޫދުގެފާނުގެ އީމާންތެރިކަން
އާދުބާގައިމީހުންނަށް ހޫދުގެފާނަށް ދެއްވާނެ ޖަވާބެއް ނޭނގުނެވެ. އަދި އެކަލޭގެފާނަށް ޖަވާބުދޭނީ ކޮންގޮތަކަށްކަމެއްވެސް އެބައިމީހުންނަކަށް ނޭނގުނެވެ. އެބައިމީހުންނަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުމުން ދެންނެވިއެވެ. "ތިމަންމެންގެ އިލާހުންތައް ކަލޭގެފާނަށް ކޯފާ ލެއްވުމުގެ ސަބަބުން ކަލޭގެފާނު މިހާރު ތިޔަވަނީ މޮޔަވެފައެވެ."
ހޫދުގެފާނު ވިދާޅުވިއެވެ.
- "ހަމަކަށަވަރުން މިބުދުތައް ހަދާފައިމިވަނީ ހިލައިންނެވެ. އެތަކެއްޗަށް އެއްވެސްމީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި މިބުދުތަކަށް ވާހަކަދެއްކުމާއި، އަޑުތައް އެހުމާއި، ފެނުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އަދި އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއްވެސް އެތަކެއްޗަށް މިލްކުވެގެންނެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް އަދި ފައިދާއެއް ދިނުމުގެ އެއްވެސް ކަމެއް އެތަކެއްޗަށް މިލްކުވެގެންނުވެއެވެ."
- " އަދި ތިޔަބައިމީހުންނަކަށްވެސް އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއް މިލްކުވެގެންނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ތިމަންކަލޭގެފާނަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތަކަށް ތިމަންކަލޭގެފާނު އީމާނެއް ނުވާނަމެވެ. އަދި އެއިލާހުންތައް ދެކެ ތިމަންކަލޭގެފާނު ބިރުފުޅެއްވެސް ނުގަނެއެވެ"
- އަދިވެސް " އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް އާލަމުތަކުގެވެރި ރައްބު ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުން ހެކިވާށެވެ."
- "އަދި ތިޔަބައިމީހުން ދެކެވެސް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަމެވެ."
- "ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ގެއްލުން ދިނުމަށް ރާވާށެވެ."
- " ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ."
މުޝްރިކުނަނަށް ރައްދުދެއްވާ ހޫދުގެފާނު ވިދާޅުވީ "ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ ދަންނާށެވެ. ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިއިލާހު، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.”
އާދުބާގައިގެ މީހުން ދެކޮޅުވެރިވުން
ހޫދުގެފާނު ދެއްކެވި އެންމެހާ ވާހަކަފުޅުތަކެއް އާދުބާގައިގެ މީހުން އަޑުއެހިއެވެ. ނަމަވެސް އެކަލޭގެފާނަށް އީމާނެއްނުވިއެވެ. ހޫދުގެފާނުގެ ނަސޭހަތްޕުޅު ތަކުން އެބައިމީހުން ނަސޭހަތް ލިބިނުގަތެވެ. އެކަލޭގެފާނުގެ މަތިވެރި ހިކުމަތުންވެސް އެބައިމީހުންނަކަށް ފައިދާއެއްނުކުރިއެވެ.
އަދި އެބައިމީހުން ދެންނެވިއެވެ. “އޭ ހޫދެވެ! ކަލޭގެފާނު ތިޔަ ގޮވާލައްވާ ކަންތަކަށް އެއްވެސް ދަލީލެއް އަދި ހެއްކެއް ނުދެއްކެވެއެވެ. ކަލޭގެފާނު އަލަށް ތިޔަ ވިދާޅުވާ ބަސްފުޅުތަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށެއްނުލާނަމެވެ. މީހަކު ހަމައެއްޗެކޭ ބުނާއިރަށް، ތިމަންމެންގެ ކާބަފައިން އަޅުކަން ކުރަމުން އައި އިލާހުންތައް ދޫކޮށްލަންވީ ހެއްޔެވެ؟
އޭ ހޫދެވެ! ކަލޭގެފާނު ތިމަންމެންގެ އިލާހުންތަކަށް އީމާނެއްނުވަމެވެ. އަދި އެއިލާހުން ދެކެ ބިރުފުޅެއްވެސް ނުގަންނަމެވެ. އެހެންވީއިރު ތިމަންމެންވެސް ކަލޭގެފާނުގެ އިލާހަށް އީމާނެއް ނުވާނަމެވެ. އަދި ކަލޭގެފާނުގެ އިލާހުގެ އަޒާބަށްވެސް ބިރެއް ނުގަންނާނަމެވެ. ކަލޭގެފާނުގެ އިލާހުގެ އަޒާބުގެ ވާހަކަ ދައްކަވާތީ ވަރަށް ގިނައިން ތިމަންމެނަށް އަޑުއިވެއެވެ. އޭ ހޫދެވެ! އެ އަޒާބެއް ކޮބައި ހެއްޔެވެ؟ އެ އަޒާބު އަންނަނީ ކޮން އިރަކުން ހެއްޔެވެ؟ ތިމަންމެން މިހާރު މިއިންތިޒާރުކުރަނީ ތިޔަ އަޒާބެއް ބަލާލާ ހިތުންނެވެ.”
ހޫދުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ނުވިސްނޭކަމާމެދު އަޖައިބުފުޅުވިއެވެ. އަދި އެބައިމީހުންގެ މޮޔަކަމާމެދު ދެރަފުޅުވެ ވަޑައިގެން ވިދާޅުވިއެވެ. " ދެނެވޮޑިގަތުންވާ ކަންކަށަވަރީ އާލަމުތަކުގެވެރި ރައްބުގެ ހަޒުރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."
އަޒާބު ފޮނުއްވުން
އާދުބާގައިގެ މީހުން އުޅެމުން އައި ބިމަށް ވާރެ ނުވެހި ގިނަ ދުވަސް ތަކެއް ވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ވިއްސާރަ ވިލާގަނޑެއް އާދޭތޯ ބަލަބަލާ ތިބެއެވެ. ނަމަވެސް ވިއްސާރަ ވިލާގަނޑެއް ފެންނަ ގޮތެއް ނުވެއެވެ. އެބައިމީހުން ތިބީ ވާރެ ވެހޭނެ ވަގުތަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.
އެގޮތުން އެއްދުވަހަކު، އެބައިމީހުންނާ ދިމާލަށް ވަރަށްބޮޑު ވިއްސާރަ ވިލާގަނޑެއް އަންނަތަން ފެނިއްޖެއެވެ. އެކަމާ އެބައިމީހުން ވަރަށް އުފާވިއެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް އުފާވެރިކަމާއެކު ބުނަމުން ގެންދިޔައެވެ. "މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ. މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ."
ނަމަވެސް ހޫދުގެފާނަށް އެނގިވަޑައިގެންނެވީ އެބައިމީހުން އެ އިންތިޒާރު ކުރަމުން އައި އަޒާބުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ވިދާޅުވިއެވެ. " މިއަންނަނީ ރަޙްމަތުގެ ވިލާގަނޑެއް ނޫނެވެ. އެހެނެއްކަމަކު އެއީ ގަދަފަދަ އަޒާބެއްވާ ވައިގެ ވިލާގަނޑެކެވެ."
ކަންތައް ވެގެން ދިޔައީ ހޫދުގެފާނު ވިދާޅުވި ފަދައިންނެވެ. މީސްތަކުން ދުވަހަކުވެސް ދެކެފައިނުވާ، އަދި އެފަދަ ވައެއްގެ އަޑު އަހާފައިނުވާ ވަރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. ވައިގެ ގަދަކަމުން ގަސްތައް ބިމުން ލުހި، ގެތައް ވެއްޓި، ނަޢަމްސޫފިތައް ވަޔާއެކު މާދުރަށް ގެންދަން ފަށައިފިއެވެ. ސަހަރާ ތެރޭގައިވާ ހިރަފުހުން މުޅި އުޑުމަތި ބަނަވެ، މުޅި ބިންމަތި އަނދިރިވެ އެއްވެސް ތަނެއް ނުފެންނަވަރު ވެއްޖެއެވެ.
މިމަންޒަރުތައް ފެނުނު ހިނދު އެބައިމީހުން ބިރުވެރިކަމާއި ހާސްކަމާއެކު އެބައިމީހުންގެ ގެތަކަށްވަދެ ދޮރުތައް ތަންޑު އަޅުވައިފިއެވެ. މީސްތަކުން ރޮއެ ދުއާކުރަން ފަށައިފިއެވެ. ބިރުވެރިކަންވަނީ ފެތުރިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފިލަން ދާނެ ތަނެއް ނެތެވެ. އެބައިމީހުން ބިނާކުރި ވަރުގަދަ ގެތައް ވެއްޓެން ފަށައިފިއެވެ.
މިވަރުގަދަ ވައި ހަތް ރެއާއި އަށް ދުވަހު މެދުކެޑުމެއްނެތި ޖެހުނެވެ. މިވައި މަޑުވިއިރު އާދުބާގައި މީހުންގެ ތެރެއިން ކާފަރުވީ އެންމެންވަނީ މަރުވެފައެވެ. ބިންމަތީގައިވަނީ މަރުވެފައިވާ ހަށިގަނޑުތަކެވެ. އެންމެހާ ގެތައްވަނީ ވެއްޓި ފުޑުފުޑުވެފައެވެ.
ހޫދުގެފާނާއި އެކަލޭގެފަނަށް އީމާންވިމީހުން އެވަރުގަދަ ވައިން ސަލާމަތް ކުރެއްވިއެވެ. އާދުބާގައިމީހުން ކުފުރުވުމާއި، ނުކިޔަމަންތެރިކަމާއި ނުބައިކަމުގެ ސަބަބުން އެބައިމީހުން ހަލާކުކުރެއްވިއެވެ.
މާތް ރަސްކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " އަދި އެއީ އާދުބާގައިމީހުންނެވެ. އެބައިމީހުންގެ ވެރިއިލާހުގެ އާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެބައިމީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރެއްގެ އަމުރަށް އެބައިމީހުން ތަބާވިއެވެ. މި ދުނިޔޭގައިވެސް، އަދި ގިޔާމަތް ދުވަހުންވެސް، އެބައިމީހުންނަށް ލައުނަތް ލެއްވިއެވެ. ދަންނާށެވެ! އާދުބާގައި މީހުން އެބައިމީހުންގެ ވެރި އިލާހަށް ކާފަރުވިއެވެ. ދަންނާށެވެ! އާދުބާގައި މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ގައުމުގެ މީހުންނެވެ." ހޫދުގެފާނަށާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ސަލާމް ލައްވާށިއެވެ.
ނޯޓް: މި ލިޔުމުގެ އަސްލަކަށް ބަލާފައިވަނީ އައްޝައިހު މުހައްމަދު ސިނާންގެ ލިޔުއްވުމެކެވެ.