ހިތްވަރާއި އިސްލާހާއި ތަހުޒީބީ ހިޔާލުގެ ޕާޓީއަކީ އެމްޑީޕީ: ރައީސް ސޯލިހު

ހިތްވަރާއި އިސްލާހާއި ތަހުޒީބީ ހިޔާލުގެ ޕާޓީއަކީ އެމްޑީޕީ: ރައީސް ސޯލިހު

އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަހުރުވެރި ޕާޓީ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި މަރުހަބާ ދަންނަވަން ކުރެއްވި އެކްސް ޕޯސްޓްގައި މިއަދު ރައީސް ސޯލިހު ވިދާޅުވީ ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއަކާއި މުބާރިކްބާދީ ދަންނަވާކަމަށެވެ. 

ރައީސް ސޯލިހު ކުރެއްވި އެކްސް ޕޯސްޓްގައި ވިދާޅުވީ އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރުކުރިން ފެށި މިދަތުރު އަދި ނުނިމޭ ކަމަށާއި ކުރަންހުރި ކަންކަން ބައިވަރު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ހުދުމުހުތާރު ގޮށްމުށްތަކުގެ ދަށަށް ގައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ގައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި މިވަނީ ރައީސް ސޯލިހުގެ ވެރިކަމާ ދެކޮޅުވެވަޑައިގެން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ވަކިވެވަޑައިގެން ދެއަހަރު ހުންނެވުމަށް ފަހު އެމްޑީޕީއާއި ގުޅިވަޑައިގެން ދަނޑިވަޅުގައެވެ.