ހަނގުރާމަ ކޮށްގެން ވެސް ފޯޅަވަހި އަތުލާނެ!
ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަ ކަމަށް އެއްވެސް ބަޔަކު އެއްވެސް އިރަކު ގަބޫލެއް ނުކުރޭ!
މީގެ 460 އަހަރު ކުރިން ޗާގޯސް އަކީ ދިވެހީންގެ ބިމެއްކަން އެނގުނީ އަދި ކިރިޔާ ހެއްޔެވެ. ޗާގޯސް ފަރަންސޭސިންނާއި އިނގިރޭސިން ކޮލޮނައިޒްކޮށް، 1966ގައި އެމެރިކާއަށް ކުށްޔަށްދީ، 1968ގައި މޮރިޝަސްގެ ބައެއް ކަމަށް ދައުވާ ކުރިއިރު ދިވެހިން ކޮބައި ހެއްޔެވެ. ދުނިޔޭގެ ކޯޓުން ޗާގޯހަކީ މޮރިސަހުގެ ބައެއްކަމަށް އިސްތިޝާރީ ލަފާއެއްދީ އދ މަޖިލީހުގެ މެޖޯރިޓީން ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރިއިރު ޔާމީނާއި އަންނި ކޮބައިހެއްޔެވެ.
މީލާދީއިން 1500އާއި 1600 ދެމެދުގެ އަހަރުތަކަށް ހިނގާބަލާށެވެ. ނުވަވަނަ ހަސަން ރަސްގެފާނު ، ޕޯޗުގީޒުންގެ ރާޖާއަށް ފޮނުއްވި ކަމަށް ދިވެހި ތާރީހު ބުނާ ފަތްކޮޅެއްގައި ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ބުނެފައި އޮތްކަމަށް އެބަވެ ޔޯލައެވެ. ވޭތުވެ ދިޔަ ދިގު މާޒީގައި ރާއްޖޭގެ ވެރިކަމުގައި ތިބިހާ ބަޔަކަށް އެކަން ނޭގި އޮތީ ހެއްޔެވެ. ގައުމާ ވަޒަނާ ދީން ދެކެ އެންމެ ލޯބިވާ ކަމަށް ބުނާ ޔާމީނު އަބްދުލްގައްޔޫމާއި ކެނެރީގޭ ނަޝީދު ވެސް މި ރާއްޖޭގައި ވެރިކަން ކޮށްފިއެވެ. ފޯޅަވަހި ރައްޖޭގެ ބައެއް ކަމަށް ވެގެން އެތަން ހޯދަން ކުރި އެއްކަމެއް ނެތެވެ. އޭރު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކީ ހެއްޔެވެ. މިދެ މީހުން ވެސް އެކަމާ ނޫޅުނީ އޭރު ރާއްޖޭގެ ބަޔަކަށް ޗާގޯސް ވާތީތާއެވެ. ނުނި ވިއްޔަ ރާއްޖެއަކީ ޗާގޯހުގެ ބަކަށް ވެގެން ހެއްޔެވެ.
މޮރިސަހުން ދުނިޔޭގެ ކޯޓުގައި ފޯޅަވަހީގެ ސިޔާދަތީ ބާރު އެ މީހުނަށް އޮތްކަން ސާބިތު ކުރަން ދައުވާ ކުރިއިރު ރާއްޖޭގެ ވެރިކަމުގައި ހުރީ ގައުމީ ބަތަލު ޔާމީނެވެ. ފޯޅަވަހި ރާއްޖޭގެ ތަނަކަށް ވެގެން އެތާގެ މިލްކުވެރިކަން ހޯދަން ދައުވާ ނުކުރިތާ މޮރިސަހުން ހުށަހަޅައިގެން އުޅުނު މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ.
ރާއްޖޭގައި ގާނޫނު އަސާސީ ލިޔެވޭން ފެށީއްސުރެ ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ގޮތުގައި ޗާގޯހުން އަކަ އިންޗިއެއް ވެސް ހިމަނާފައެއް ނުވެއެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮވެގެން މޮރިޝަހާ ދެކޮޅަށް އެކަމާ ދައުވާ އެބަކުރެވެއެވެ. ރާއްޖޭގެ ސަރުކާރު ތަކުން އިގިރޭސީންނާއި އެކުގައި މަޝްވަރާ ކުރީވެސް މޮރިޝަސް ސަރުކާރާ މަޝްވަރާ ކުރަނީ ވެސް އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރާށެވެ. އެއްވެސް އިރަކު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކަށް ވެގެން އެ ވާހަކައެއް ދިވެހި އެއްވެސް ސަރުކާރަކުން ދައްކާފައެއް ނެތެވެ. ރާއްޖޭން އެ ވާހަކަ ދައްކާނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަތާއެވެ.
ވެގެން ތިޔަ އުޅެނީ އެހެން ގޮތެކެވެ. ރައީސް ސާލިހުގެ ސަރުކާރަށް އަވައްޓެރި އިންޑިއާއިން އެއްބާރުލުން ދޭދިނުން ހަޖަމް ނުވަނީއެވެ. ވާދަވެރިން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ފިތުނައެއްް އުފައްދަނީއެވެ. ދުނިޔޭގެ ޖިއޯ-ޕޮލިޓިކްސްގައި އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްޓާލައިގެން ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްދަނީއެވެ. ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ރާއްޖެ ގުރުބާން ކުރަނީއެވެ.
ތިޔަ ވަރަށް ފޯޅަވަހިވެފައި ތިބިއްޔާ މޮރިޝަސްއާ ހަނގުރާމަ ކޮށްގެން ވެސް ވާނީ ފޯޅަވަހި އަތުލާށެވެ. ރާއްޖެއަކީ ދުނިޔޭގެ ނިންމުންތައް އޮޅާލާފައިވެސް އެކަން ކުރެވޭވަރުގެ ގަދަ ބައެއްތާއެވެ. ޔާމީނާއި ނަޝީދު ވެރިކަން ހޯދަން ކުޅޭ ބައިބަލާ މެޗަކަށް ހަދައިގެން ރާއްޖެ ގަނަތަޅުވަން ނޫޅޭށެވެ. ހޭކަނޑާލާފައި ފޯޅަވަހި ރާއްޖޭގެ ބައެކޭ ގޮވާ ނަގާއިރު އެތާނގެ ވަޒަންވެރިންނަކީ މުސްލިމުން ނޫންކަން ވެސް ހަނދާނެއް ނުހުރެއެވެ. ފޯޅަވަހި އިނގިރޭސި އިސްތިއުމާރުން ވީއްލުމާއެކު އެތާގެ އަސްލު ވަޒަންވެރިން އެތަނަށް އާރާނެއެވެ. ފޯޅަވަހި އެއް އިސްތިއުމާރުން އަނެއް އިސްތިއުމާރަށް ދާން އެތާނގެ ވަޒަން ވެރިން ރުހޭނެ ހެއްޔެވެ. ފޯޅަވަހީގެ އަސްލު ވަޒަން ވެރިންގެ ގިނަ މީހުން އެތިބީ މޮރިޝަސްގައެވެ. މޮރިޝަސްގެ ދަށަށް ފޯޅަވަހި ދިޔުމުން އެތާނގެ އަސްލު ރައްވެހިން ފޯޅަވައްސަށް ގޮސް އަލުން ވަޒަންވެރި ވުމުގެ ފުރުސަތު ބޮޑެވެ. މިހާރުވެސް އެ މީހުންނަކީ މޮރިޝަސްގެ ރަށްވެހިންނަށް ވާތީއެވެ. އޭގެ ބަދަލުގައި އެ މީހުންގެ ދީން ބަދަލުކޮށްގެން ރާއްޖޭގެ ދަށުގައި އިސްތިއުމާރު ވެގެން ތިބެން އެމީހުނަށް ރުހެވޭނެ ހެއްޔެވެ. ނުރުހެވޭނެއެވެ.