ޔާމީނަށް ހުކުމްކޮށްގެން ދުނިޔެ ކުޅަދުރު ހަތަޔަކަށް!
ދުނިޔޭގެ ލަޝްކަރުތައް ގުޅިގެން ސައްދާމަށް ހެދިގޮތް އިބޫއަށް ހަދަނީތަ!
މާތްކަލާކޯއެވެ. ޔާމީނަށް ހަރާން ހުކުމެއްކޮށްގެން މުޅިދުނިޔެ ހީވަނީ ކުޅަދުރު ހަތައެއް ހެންނެވެ. ނޭޓޯއާއި ރަޝިއާ ވެސް އެތިބީ އެއްގަލަށް އަރައިގެން ޔާމީނުގެ ހަރާން ހުކުން ބާތިލުކޮށް ޔާމީނު ޖަލުން ނެރެން ލަޝްކަރު އެއްކޮށްގެންނެވެ. ދިވެހި ސަރުކާރަށް އިންޒާރުތައް އެއަންނަނީ ފުލުފުލުން ވިއްޔާއެވެ. ދިވެހި ސަރުކާރު އެކަމާހެދި އެއޮތީ ބިރުން ފިއްކަޑައިގެން ގޮސްގޮހެވެ. އެމެރިކާއާއި ޗައިނާއާއި ނޭޓޯއާއި ރަޝިޔާގެ އަސްކަރިއްޔާއަށް ޔާމީނު މިނިވަންކުރުމަށް ވުރެ ބޮޑު އެހެން ކަމެއް ނެތެވެ. އިންޑިއާ އައުޓުކޮށް ޔާމީނު ވެރިކަމުގައި ބައިންދާފައި ނޫނީ ދުނިޔެ އޮތީ އެހެން ދިމާލަކަށް އެނބުރޭ ގޮތަކަށް ނޫން ވިއްޔާއެވެ. ދިން މުހުލަތު ހަމަވާނެ އިރަކަށް އެތިބީ ބަލަބަލާ ކަހަލައެވެ.
ވާނީ އެހެންތާއެވެ. ގައުމު ދަވާލައިގެން ވެރިކަމުން ބާލާ ޝަރީއަތް ހިންގަން ފެށުމުން ޕީޕީއެމް ޓިކެޓް ފޭރިގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ބޮޑު ވަގަކު ވީމާ އެ ވަގު ސަލާމަތް ކުރަން ދުނިޔެ ކިހާވަރެއް ހުންނާނެ ހެއްޔެވެ.
ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. ޝަރީއަތްތައް ހިނގަނިކޮށް ތެޅެގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ ތިޔަ ތާކިހާ އަޅަންކަން ދުނިޔޭގެ އެއްވެސް ބަޔަކަށް ނޯޅެއެވެ. އިދިކޮޅު ކެންޑިޑޭޓް ޖަލަށް ލައިގެން އުޅެނީއޭ ކިޔައިގެން ލަންކާގައި ހުންނަ މިޝަން ތަކަށް ގޮސް ތޮރުފުނަކަސް ޔާމީނަކީ ކީހާވަރެއްގެ ވަގު ޑިކްޓޭޓަރެއްކަން އެ މީހުނަށް މާރަނގަޅަށް އެނގެއެވެ.
މާ ވަރުގަދަ ޓީމަކަށް ޔާމީނު ސަލާމަތްކުރަން ލަންކާއަށް ދެވިގެން ނެގނެގިފައި ޖެހެނީ އެހެންވެގެންތާއެވެ. ބަލަގަ! ބައިނަލްއަގުވަމީ ހަމައިގެ ތެރޭން ޕައްލަންބެ ބައްދަލުކުރަން ދިޔަސް އެ މީހުން ބައްދަލު ކުރާނެއެވެ. ކިޔާހާ އެއްޗެއް އަޑުއަހާނެއެވެ. ވާނުވާ ބަލާނެއެވެ. މީހަކު ކިޔާހާ އެއްޗަކަށް ގައުމު ތަކުން އަމަލުކުރާނީ ލައްކަ ބެލުން ބަލާ ލައްކަ ގިނަ ހަމަތަކެއްގެ ތެރެއިންނެވެ. ދެތިން ކެނަ ސޯސަންމަގު ހަތަރު އަނގޮޅިއަށް ނިކުމެ ކަރުން ހަން ދުއްވާހެން ބައިނަލްއަގުވާމީ ދުނިޔެ ނަށައެއް ނުގަންނާނެއެވެ.
ސަރުކާރުން ލީޒްކުރި ކޮންމެ ފަޅުރަށެއް ލީޒްކުރި މީހުންގެ އަތުން ރައީސް ކަމުގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް އެ ދަނޑިވަޅު މިލިޔަން ޑޮލަރު ވަނުމަކީ އިއްތިފާގެއް ނޫންކަން ބައިނަލްއަގުވާމީ ދުނިޔެއަށް އެނގެއެވެ. ބާރާއާރުގައި ހުރެ ސިޔާސީ ވާދަވެރިން ފުރޭމްކޮށް ހައްޔަރުކޮށް ރިޔާސީ އިންތިހާބުގައި ވާދަ ކުރިޔަ ނުދިނީ ޔާމީނުކަން ދުނިޔެ ދަނެއެވެ. އީޔޫގެ ނަސޭހަތް ގަބޫލުނުކޮށް އީޔޫއާއި އެކަހެރިވެ ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތް ދިނީ ޔާމީނެވެ. ސީމެގުން ފިޔަވަޅު އަޅާ ހިސާބަށް ޔާމީނުގެ ގޮށްމުށުގެ ބާރުވެރިކަން ގޮސްގެން އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ނިންމިކަން ގައުމުތަކުން ހަނދާނެއް ނުނެތެއެވެ. އެންމެ ފަހުން އެކަމާ ހެދި ކޮމަންވެލްތާ އޮތް ގުޅުން ކަނޑާލީ ޔާމީނުކަން ކޮމަންވެލްތު ހުރިހާ ގައުމަށާއި އީޔޫއާއި އެމެރިކާއަށް ރަނގަޅަށް އެނގެއެވެ.
ހައަނގަ ޖަމީލުމެން މަތިހަށި ނަގާފައި ގޮސް ލިބިގެންވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި މި ސަރުކާރުން ހިފަމުން ގެންދާ ކަމަށް ބޭރު ގައުމުތަކުގެ އެމްބަސީގައި ބުނީމާ އެމީހުން ވެސް ކުރަނީ މަލާމާތެވެ. އެ މީހުނަށް މީ ކޮންބައެއްކަން އެނގެއެވެ. މި ބައިގަނޑު ޔާމީނުގެ ވާހަކަ ދައްކަން ލަންކާއަށް ގޮސް މީހަކަށް ވާކަހަލަ މީހަކާ ބައްދަލުވީނަމަ ލައްކަ ފޮނު އެރުވީހެވެ. ހައަނގަ ޖަމީލުމެން މީހުނަށް ތައާރަފްވެލާ މަޝްހޫރުވެލަން ޕީޕީއެމް ހަރަދުގައި ލަންކާއަށް ނަމަވެސް ދަތުރެއް ކޮއްލެވުނީތީ ކޮންމެވެސް އެއްޗެކޭ ކިޔާ ކޯތަޅުވަން ވާނެތާއެވެ.