މާލެ ސިޓީއަށް ޢާޒިމާ ނެރުނީ ރައީސް ޔާމީންގެ ވިސްނުމުން!؟
ވެރިކަމަށް ދެމަސް ނުވަނީސް ކެޕިޓަލް ސިޓީގާ ވޯޓުން ބަލިވުމަކީ ލައްކަ ބޮޑު ބައްޔެއް
ޢާޒިމާ ޝަކޫރަކީ މިހާތަނަށް ވޯޓަކުން ރައްޔިތުންގެ ރުހުން އޮތް ކަނބަލަކަށް ނުވިޔަސް ބަންޑާރަ ނައިބު ކަމާ ހޯމް މިނިސްޓަރ ކަމަކީ ރައީސް މައުމޫންގެ ފުށުން އާޒިމާއަށް ލެއްވި ބޮޑެތި ނަޞީބެވެ. ކުރުކޮށް ބުނާނަމަ ޢާޒިމާ, ޢާޒިމާ އަކަށް ހެއްދެވީ ރައީސް މައުމޫނެވެ. ނަމަވެސް ސިޔާސީ ގޮތުން ރައީސް މައުމޫނާ ކޮއްކޯފުޅު ރައީސް ޔާމީން މުޑިއެރި ވަގުތު އާޒިމާ ރައީސް މައުމޫނާ ފޭވެ ރައީސް ޔާމީނާ އަރިސްވެ ވަޑައިގަތީ އެވަގުތު ރައީސްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅަކީ ރައީސް ޔާމީން ކަމުގައި ވާތީ ކަމުގައި ވެދާނެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގާނޫނީ ބޮޑުތެލިން ކެއްކި ހުރިހާ އެއްޗެއް ރޯފިލުވީ ޢާޒިމާގެ ލީގަލް މިނިސްޓަރ ކަމުގެ ބޮޑު މަގާމުގައެވެ.
ކޮންމެ އަކަސް ރައީސް ޔާމީނަށް ވެރިކަން ނެތި ޖަލު ހުކުމެއްގައި ހުންނެވި އިރު އެމަނިކުފާނުގެ ހައްގުގައި އާޒިމާގެ އަޑެއް ބަޑެއްނެތި ދައުރެއް ނިމިދިޔައެވެ.
ތިމަން ކަމަނާ ސިޔާސީއެއް ނޫންކަން ދައްކަވަމުން ގޮސް ރައީސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާ އެކު ހެދިކާ ހެއްދެވި ޢާޒިމާ ކުއްލި އަކަށް ސިޔާސީ ޢާޒިމާގެ ގޮތުގައި ފާޅުވީއެވެ.
މިހިސާބުން އެނގެން އޮތް ކަމަކީ މީހެއްގެ ވެރިކަން ނެތޭ އިރަށް ޢާޒިމާ އެ މީހަކު ދޫކޮށްލާ ވެރިކަން އޮތް މީހާއާ އެއްކޮޅަށް އަރާ ކަމެވެ. މިހާރު އެހުންނެވީ މުއިއްޒުގެ ރައީސް ކަމުގައި އެރޮނގުން ތަށި މިލްކު ކުރައްވައިގެންނެވެ.
ބަލިކަލޯ ބޮލަށް ތުޅާ ޖެހުމަށް ފަހު އަބަދު މޮޅު ހޯދަން އުޅޭ މީހަކާ މެދު ރައްޔިތުންގެ ގިނަ މީހުން ގަޔަކާ ނުވާނެއެވެ. އެކަން މިއޮތީ މޭޔަރު އިންތިޚާބުން ހާމަވާށެވެ.
ރައީސް މުއިއްޒަށް އާޒިމާ އެނގިވަޑައި ނުގަތަސް މާލޭ ގިނަ މީހުންނަކަށް ޢާޒިމާއެއް ނުއޮޅެއެވެ. ވޯޓެއް ލައިގެން ހޮވަންޏާ ސްކޫލް ޕީޓީއޭއަށް ވެސް ނުހޮވޭ ޒާތުގެ މީހަކު މި މުހިންމު އިންތިޚާބުގައި ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ނެރުނީ ރައީސް މުއިއްޒުގެ ވިސްނުމަށް ނަމަ އެ މަނިކުފާނުގެ ވިސްނުން ކޮއްޓެވެ. ނުވަަަތަ މާލޭގެ މޭޔަރު ކަމަށް ޢާޒިމާ ނެރުނީ ޕީއެންސީގެ މީހެއް ނުވަތަ ބައެއްގެ ލަފަޔަށް ނަމަ އެއީ ކަނޑައެޅިގެން އެނގި ތިބެ ރައީސް މުއިއްޒަށް ލަނޑެއް ދޭން ކުރިކަމަކަށް ވެދާނެއެވެ.
މިކަން މިހެން ވުމުގައި އޮތުން ގާތީ 2 ސަބަބެކެވެ. ފުރަތަމަ ސަބަބަކީ މިކަން މިމަގުން ހިންގާފައި މިވަނީ 7 ވަލު ކޮޅުން ނަމަވެސް ރައީސް ޔާމީނަށް ވަފާތެރި ބަޔަކު މާސްކް އަޅައިގެން މުއިއްޒު އަރިހުގައި ތިބީއެވެ.
ނޫނީ ކުށުގެ ރެކޯރޑް ހުރި މީހުންނާ އެގޮތް މިގޮތުން އެކަށީގެން ނުވާ މީހުންނަށް ސިޔާސީ މަގާމު ވިއްކާހެން ރައީސްއަށް ދޮންކަޅު އަންގާ ނުލާ މުއިއްޒުގެ އަރިސް ބަޔަކު އާޒިމާއަށް ޓިކެޓް ވިއްކާލީއެވެ.
އަޑުތައް ހުރި ގޮތުން ވެރިކަން ކުރާ ޕާޓީން މަޖިލިހަށް ނުކުންނަން ތިބި މިބުނި ފަދަ އެކަށީގެންނުވާ އެތައް ބަޔަކަށް ވެސް ޕްރައިމަރީގައި ވާދަ ކުރުމާ މަޖިލިސް ޓިކެޓް ވިއްކުމުގެ ކަންކަން އެތަނުގައި ދަނީ ހިނގަމުންނެވެ.
ރައީސް ޑރ މުއިއްޒު ވާނުވާގައި ހުންނަވައިފި ނަމަ ހޭވެރިކަން ވާނީ ފެތެމުން ގޮސް ނޭފަތާ ހަމައަށް ފެންއަރާ ނޭވާ ނުލެވެން ފެށީމައެވެ.
ވެރިކަމަށް ދެމަސް ނުވަނީސް ކެޕިޓަލް ސިޓީގެ ވޯޓުން ރައީސް މުއިއްޒު ބަލިވީމާ އެއީ ލައްކަ ބޮޑަށް ބަލިވީއެވެ.
ދަންނާށެވެ. ވެރިކަން ފެށުމަށްފަހު ހިނގާ ކޮންމެ ދުވަހަކީ އެކަކުގެ ރުހުން ލިބުނިއްޔާ 3 މީހުންގެ ނުރުހުން އެވެރިޔަކަށް ލިބޭނެ ދުވަހެކެވެ. މިހާ ކުރީކޮޅު މޭޔަރު އިންތިޚާބުން މިލިބުނު މިންގަނޑުން ހިސާބު ހަދާނަމަ ޑރ މުއިއްޒުގެ ވެރިކަމުގެ މުއްދަތު ލައްކަ ކުރޭ މިހާރު ހީވާން ފަށައިފިއެވެ.