ދިވެއްސަކަށްވީތީ ގިނަ މީހުން މިހާރު ގަންނަނީ ލަދު.

ދިވެއްސަކަށްވީތީ ގިނަ މީހުން މިހާރު ގަންނަނީ ލަދު.

އިން ގޮނޑިން ތެދުވަންވެސް އިންޑިއާގެ ރުހުން ހޯދަން ރާއްޖޭގެ ވެރިންނަށް ޖެހޭވަރަށް އިންޑިއާއަށް އަޅުވެތިވެފައި އޮތް އޮތުން މިހާރު ނިމުނީތާއެވެ. އިންޑިއާ އައުޓް ކުރަން 2023ގައި މޯދީއާއި ވާދަކޮށްގެން މޯދީ ބަލިކޮށް ރާއްޖޭގެ ރައީސްކަން ހޯދީ މުއިއްޒުތާއެވެ. 

މީސް ގިނަވިޔަސް ޖާނުން ބޮޑަސް މުއިއްޒާ ސަމާސާ ނުކުރެވޭނެކަން މޯދީއަށް މިހާރު އެގޭނެއެވެ. ބޫޓްކިބައެއްހާ ހިސާބުވެސް ނުބަހައްޓާ އިންޑިއާ ސިފައިން އެއޮތީ ބޭރު ކޮށްލާފައެވެ. އިންޑިއާ އަށް ދޫނުކުރާވަރުގެ އެއަރފޯސްއެއް އެއޮތީ ހަދާފައެވެ. 

އުތުރު ތިލަފަޅާ ހަނިމާދުއާއި ކައްދުޢައި އައްޑޫގަން އިންޑިއާގެ އަތްދަށުން މިހާރު އެއޮތީ މިނިވަންކޮށްފައެވެ. ބިހާއި އަލުއްވާއި ފިޔާ ހޯދަން އިންޑިއާއަށް ދާކަށް މިހާރަކު ނުޖެހޭނެއެވެ. ރާއްޖޭގެ އާސަންދައިން އިންޑިއާ މުއްސަދިވާކަށް މިހާރު ޗާންސް ނޯންނާނެހެވެ. ދިވެހިން ބޭސްކުރާނީ ބެންކޮކާއި ދުބާއީންނެވެ.

މުއިއްޒު ކުރިމަތީގައި ހަމަރަނގަޅަށްވެސް މޯދީ ކުޑަކަކޫ ޖެއްސުވީތާއެވެ. ރާއްޖޭގެ ރުހުމާއި އެހީތެރިކަންނެތި އިންޑިއާއަށް އެމީހުން ބޭނުން އެއްވެސް ކަމެއް ވާން އޮންނާނީއެއް ނޫނެވެ. މުއިއްޒު ފިއްތާލުމުން އިންޑިއާ އާއި މޯދީއަށް އެވަނީ ގޮތް ހުސްވެފައެވެ. 

މުއިއްޒު ބޭނުންހާ ގޮތަކަށް ބޭނުންހާ ކަމެއް ބޭނުންވާ ވަރަކަށް ކޮށްނުދީ މޯދީއަށް ހެދޭނެ އެއްވެސް އެއްޗެއް ނެތްވަރަށް މުއިއްޒު އެހުރީ އިންޑިއާއަށް ފިއްތާލައިގެންނެވެ. އިން ގޮނޑިން ތެދުވުން ކިއްކުރަން ހެއްޔެވެ. އިންޑިއާ އަށް އިނގިއްޔެއް ވެސް މިހާރު ހަލުވާލެވޭނީ މުއިއްޒު ރުހޭ ގޮތަކަށެވެ. 

ސިޔާދަތުގެ ފަލަ ރޮނގު މުއިއްޒު ދަމާލީ ތިޔަހެންނަކުން ނޫނެވެ. މުއިއްޒުގެ ކުޅޭކުޅޭ ބުދަކަށް މޯދީ އެ ހަދާލީއެވެ. އެންމެ ފަހުން އޮބި ނޯވެގެން މޯދީއަށް އެ ޖެހުނީ ގެންގޮސްގެން އުޅުނު ރާއްޖޭގެ މިނިވަންކަން އަނބުރާދޭން ރާއްޖެއަށް އަންނާށެވެ. ކިހާ ރީތިހެއްޔެވެ.

އަންނައުނު ލަނީ އޮރިޔާން ނިވާކުރާށެވެ. ގައުމެއްގެ ނިސްބަތުގައި މުއިއްޒު ވަރުގެ ގޮތްކުޑަ ވެރިއެއް ދުނިޔޭގެ ތާރީހުވެސް ނުދެކެއެވެ. ދިވެހިރާއްޖޭގެ އިއްޒަތާ ކަރާމާތް މުއިއްޒު ވަނީ ނަގާލާފައެވެ. ދެފުށް ދެގޮތް މުނާފިގު ކަމުގެ ސިއްކަ ކޮންމެ ދިވެއްސެއްގެ ނިތްކުރީގައި މުއިއްޒު ވަނީ ޖައްސުވާފައެވެ. ދިވެއްސަކަށްވީތީ ގިނަ މީހުން މިހާރު ގަންނަނީ ލަދެވެ.