މަސްވެރިންނަށް ލާރިދެވޭނެ ގޮތެއް މުއިއްޒަކަށްނެތް
މުއިއްޒުގެ 48 ގަޑިއިރަކީ ކިތައް ދުވަސް
މަސްވެރިންނަށް ދޭން ބުނި ލާރި އަދިވެސް އުޅެނީ ނުދެވިގެންނެވެ. މަސް ނުބޭވުނީމާ ކަނޑު ނުބައިކުރާހެން ކަމަކީ ކުރީ ސަރުކާރު ކިޔާލަ ކިޔާލާ ތިބުމެވެ.
19 ވަނަ މަޖިލީހުގެ ނައިފަރު ދާއިރާ ތަމްސީލުކުރެއްވި މެމްބަރު އޭރު މަސްވެރިންނައިގެން ނޫޅޭގޮތެއް ނެތެވެ. ފާހަގަވެގެން ދިޔައީ މަސްވެރިންގެ ޝަކުވާތަކާއި އުދާސްތައް އޭރުގެ ސަރުކާރަށް އަޑުއިއްވަވައި ދިނުމަށް އެންމެ އަޑު ހަރުކޮށް އަޑުއުފުލި މެންބަރުގެ ގޮތުގައެވެ. މަސްވެރިންގެ މައްސަލަ އަށް ވަކާލާތުކުރެއްވި އެއް މެމްބަރ ގޮތުގައެވެ.
އާ ސަރުކާރާއި އެއްކޮށް ނައިފަރު ދާއިރާގެ މެމްބަރު ޕްރޮމޯޓް ވެގެންދިޔައީ ފިޝަރީޒް މިނިސްޓަރަށެވެ. ބޮޑެތި ވައުދުތަކާއި އެއްކޮށެވެ. ރައްޔިތުންނަށް އެތައް ހުވަފެނެއް ދައްކާފައެވެ. އެންމެންވެސް ހީކޮށްގެން ތިބީ މިއީ މަސްވެރިންނަށް ހަމަ އަގު ދޭނެ ބޭފުޅާކަމަށެވެ. ކިރާމަހަށް ވަގުތުން ފައިސާ ހޯދާދެއްވާނެ ބޭފުޅާ ކަމަށެވެ. ތިންކިޔު ސަރުކާރަށް ނުވާނެ ވަޒީރުކަމަށެވެ. ކަން ވެގެންދިޔައީ އާދައިގެ މަތިން ވީ ވައުދާއި ދިމާ އިނދިކޮޅަށެވެ.
ޝިޔާމް މަސްވެރިންނަށް ވީ އެއް ވައުދުވެސް ފުދިފައެއް ނެތެވެ. މަސް ކިރާތާ 48 ގަޑި އިރު ތެރޭ ފައިސާ ދޭނެ ކަމުގެ ވައުދާއި އެއްކޮށް ފެނިގެންދިޔައީ ފައިސާ ނުލިބި 2 މަސް ވެގެން ދާތަނެވެ.
މަސްވެރިން ކިރާމަހަށް ފައިސާ ނުދީ ގިނަ ދުވަސްވަމުންދާތީ "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން" ކަންބޮޑުވުން ފާޅުކޮށް އެކްސް ކުރި ޕޯސްޓެއްގައި ރިޔާސީ އިންތިހާބްގެ ކެމްޕެއިން ތެރޭ މަސްވެރިންނަށް ވީ ވައުދު ފުއްދުމަށް ގޮވާލާފައި ވެއެވެ.
މުއިއްޒު ސަރުކާރު އައި ފަހުން މި ނޫން ގޮތަކަށް ކަން ހިނގާ ތަނެއް ފެނިގެން ނުދެއެވެ. އެންމެ އާދައިގެ ޒަރޫރީ ބޭނުންތަކުން ފެށިގެން އިންތިހާބުގައި ވީ ވައުދު ފުއްދުމަށްވެސް ރައްޔިތު މީހާ މި ޖެހެނީ އާދޭސް ކުރާށެވެ. ކިތަންމެހާވެސް ލަދުވެއްޗެވެ. މިއީ ކުރަން ވައުދުވި ހެޔޮ ވެރިކަމެވެ. ކުރާހާވެސް ކަމަކީ ރައްޔިތު މީހާ އަށް ލިބޭ ފައިސާ ކޮޅު ދިރުވާލުމެވެ. އާހިރުގައި ހާލު ޖެހެނީ ނިކަމެތި ރައްޔިތުންނެވެ. އެންމެ ފަހުން މަސްވެރިންގެ ފައިސާއިންވެސް ވައްކަންކުރަން ފެށީއެވެ. ކަރަންޓު ބިލެއް މަސްބިލެއް ތަފާތެއް ނެތެވެ. ބޮޑުކޮށް ވައްކަން މަސްވެރިންގެ ފައިސާއަށް ބަދަލުވީއެވެ. ވަގުންގެ ގޮތުގައި އަޑުއެރުވީ އެހެން ބައެއްގެއެވެ. ވައްކަން ކުރަނީ މި މީހުނެވެ
އަޑަށް ބާރުލާފައި 19 ވަނަ މަޖިލީހުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި ލެވިހާ ހަޅޭކެއް މިއަދު ދިޔައީ ފެނަށެވެ. އިއްޔެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ ނަމުގައި މަޖިލިސް ތަޅުމުގައި ރެނދުލާ ވަރަށް ޒުވާބް ކުރި މީހުން މިއަދު ފިނި ގޮނޑިއަށް ވެޑުވުނު ފަހުން ކަހާތަން ހިރުވާވެސް ނުލައެވެ. ޝިޔާމަށްވާ އައްސަރިބަހާ ސާބަހެވެ.