ނުފޫޒުގަދަ ވިޔަފާރިވެރިއަކު އުމުރަށް ޖަލަށް

ބިލިއަން ޑޮލަރުގެ ހިޔާނާތުން މުދާ ހޯދި މައްސަލައެއް

ނުފޫޒުގަދަ ވިޔަފާރިވެރިއަކު އުމުރަށް ޖަލަށް

ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއް ބިލިއަން ޑޮލަރުގެ ހިޔާނާތުން މުދާ ހޯދި މައްސަލައެއްގައި ކުށްވެރިވެ، ބުރާސްފަތި ދުވަހު އުމުރަށް ޖަލަށް ލުމަށް ވިއެޓްނާމްގައި ހުކުމް ކޮށްފިއެވެ. މިއީ އެތާނގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މައިގަނޑު މަސައްކަތުގެތެރެއިން ފާހަގަކޮށްލެވޭ މައްސަލައެކެވެ.

ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ ޓްރުއޯންގް މައި ލާން މީގެ ކުރިން ވެސް އޭޕްރީލް މަހު ވަނީ ފްރޯޑް މައްސަލައެއްގައި ކުށްވެރިވެ މަރުގެ ހުކުމް އިއްވާފައެވެ. އޭނާއަށް މަރުގެ ހުކުމް އިއްވާފައިވަނީ އެ ގައުމުގެ ޖީޑީޕީގެ ގާތްގަނޑަކަށް 3 އިންސައްތަ އާއި ގާތްކުރާ އަދަދެއް ކަމުގައިވާ 12.5 ބިލިއަން ޑޮލަރު މައްސަލައެއްގައި ހޯ ޗީ މިން ސިޓީ ކޯޓުންނެވެ. 

މައްސަލައިގައި އޭނާއާ ދެކޮޅަށް ހުރި ތުހުމަތުތަކުގެ ގިނަކަމުން، ޝަރީއަތް ދެބަޔަކަށް ބަހާލެވުނެވުނެވެ. އަދި ބުރާސްފަތި ދުވަހުގެ ހުކުމުން ލަންގެ ގާނޫނީ މައްސަލަތައް އިތުރުވެގެން ދިޔައެވެ. މިހާރު އޭނާ ދަނީ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމަށް މަޑުކުރަމުންނެވެ.

ވިއެޓްނާމުގައި ވޭތުވެދިޔަ 10 އަހަރު ތެރޭގައި 2000 އަށްވުރެ ގިނަ މަރުގެ ޙުކުމް އިއްވާފައިވެއެވެ. އަދި 400 އަށްވުރެ ގިނަ މީހުން މަރައިލާފައިވެއެވެ. އެ ތާނގައި މަރުގެ ހުކުމަކީ 14 ކުށަކަށް އިއްވިދާނެ ހުކުމެކެވެ. ނަމަވެސް އާންމު ގޮތެއްގައި މި ހުކުމް އިއްވަނީ މަރުގެ މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައެވެ.

"އަހަރެންގެ އަމަލުތަކުގެ ސަބަބުން ދިހަ ހާސް އާއިލާއަކަށް އަސަރުކޮށްފައިވާކަން އަހަރެންގެ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ހަނދާން ނައްތައެއް ނުލެވޭނެ." ކަމަށް ލާން ބުނެފައިވެއެވެ.

ލާންގެ ކުންފުނިން ނެރުނު ގާނޫނާ ހިލާފު ބޮންޑުތަކުގައި 36،000 ޑޮލަރުގެ ލައިފް އިންސުއަރެންސް ހިފެހެއްޓިފައިވާ ސްކޫލް މުދައްރިސެއް ކަމުގައިވާ ގުއެން ހިއޫ ބުނި ގޮތުގައި ލާންއަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމަކީ އިންސާފުވެރި ހުކުމެކެވެ. "އޭނާއަށް އެ އަދަބު ހައްގުވޭ،" އޭނާ ބުނެފައިވެއެވެ. އަދި ފުރަތަމަ ޝަރީއަތުން އިއްވި މަރުގެ ހުކުމް ބަދަލުކޮށް، ލާންއަށް އޭނާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ބަދަލު ދިނުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ގުއެން ހިއޫ ބުންޏެވެ.

ލާން އާއި ގުޅުންހުރި ކުށްކުށުގައި ކުށް ސާބިތުވެގެން 33 ކުށްވެރިއަކަށް 2 އަހަރާއި 23 އަހަރާ ދެމެދުގެ ޖަލު ހުކުމްތައް އިއްވާފައިވެއެވެ. އޭގެ ތެރޭގައި ލާންގެ ފިރި ޗޫ ނާޕް ކީ ވެސް ހިމެނެއެވެ. އޭނާއަށް މަނީ ލޯންޑަރިންގގެ ކުށަށް 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

މުދާ ހޯދުމަށް މަކަރާއި ހީލަތް ހެދުމުގެ އިތުރުން، ލާންއަށް މަނީ ލޯންޑަރިންގ އަދި ގާނޫނާ ހިލާފަށް ބޯޑަރު ހުރަސްކޮށް ފައިސާ ބަދަލުކުރުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

ލާންގެ މައްޗަށް ތުހުމަތުކުރެވުނީ 4 ކުންފުންޏެއް މެދުވެރިކޮށް ގާނޫނާ ހިލާފަށް ބޮންޑު ނެރެގެން 36،000 އާ ގާތްކުރާ އިންވެސްޓަރުންގެ އަތުން 1.2 ބިލިއަން ޑޮލަރު ހޯދި ކަމަށެވެ. އަދި މަކަރާއި ހީލަތުން ހޯދި 18 ބިލިއަން ޑޮލަރު އަމިއްލައަށް ނެގުމާއި، އޭނާ ކޮންޓްރޯލްކުރާ ކުންފުނިތައް މެދުވެރިކޮށް 2012 އާއި 2022 އާ ދެމެދު 4.5 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވިއެޓްނާމުން ބޭރަށް އަދި އެތެރެއަށް ގާނޫނާ ހިލާފަށް ބަދަލުކުރި ކަމުގެ ކުށްވެސް ސާބިތު ވެފައިވެއެވެ.

ލާން މި ހުކުމް އިސްތިއުނާފު ކުރާނެކަން ނުވަތަ ނޫންކަން މިވަގުތު ސާފެއް ނޫނެވެ. އަދި އޭނާއަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފު ކުރުމަށް އަޑުއެހުމެއް ބޭއްވޭނެ ތާރީހެއްވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ.