ވެރިކަމުގާތިބެ އަތަށް ބޯޑުދީފާ މަގުމައްޗަށް ވަޒީރުން ނެރުން
އަޒަލުކުރާނެ ކަމުގެބިރު ދައްކައިގެން ބަޔަކު ގޮނޑި ވިއްކާލިޔަސް އެމްޑީޕީއެއް ނުސިހޭ!
މަޖިލީހު މާލަމުގެ ދޮރުތައް ތަޅުވެސް ލެވިދާނެއެވެ. މަޖިލީހުގެ ރިޔާސަތަށް މަކުނެއްހެން އަރާވެސް އިނދެވިދާނެއެވެ. އެކަމަކު ހަށިވިއްކި މެންބަރުންނަކީ އިތުބާރު ގެއްލިފައިވާ އަގެއްނެތް ފީކުދާނު ތަކެކޭ ތަފާތެއް ނެތް ކަމަށް ގިނަބަޔަކު ދެކެއެވެ.
ދެފައި ވަށްކޮށްގެން ރިޔާސަތު ގޮނޑިއަށް މަކުނެއްހެން ކަނޑިތީމު ޝަހީމު އަރާ އިނަކަސް އެމްޑީޕީން ޑަރުވެސް ހީނުވާނެއެވެ. ރައީސް މުއިއްޒަށް މާވަފާތެރި މީހަކަށް ހެދެން ވެގެން ޗަރުކޭސް ކުޅުނަކަސް ގޮނޑި ވިއްކި މެންބަރުންނަކީ ތުންފުހި ތަކެއް ނޫން ކަމަކަށް މުއިއްޒެއް ވެސް ނުދެކޭނެއެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުކޮށްފައި އެ ބައިގަނޑު ގަނެލައިގެން ގެންދިޔައީ ހިނދުކޮޅެއްގެ ބޭނުމަށެވެ. މިއަދު އެ ތިބީ ފުޅަނތްގަށް ވެފައެވެ. އަޑިން ދިޔަސް މަތިން ދިޔަސް ސަލާމަތެއް ނެތެވެ.
ގޮނޑި ވިއްކާލި މެންބަރުން ކިތަންމެ ފޮނެއް މަޖިލީހުގެ ތަޅުމުގައި އެރުވިޔަސް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ރުހުން ނެތް ވަޒީރަކަށް ވަޒީރު ކަމަކު ނުހުރެވޭނެއެވެ. ވަޒީރުންނަށް ރުހުން ހޯދަން ބޭނުމިއްޔާ ޖެހޭނީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ރުއްސާށެވެ. ވައްވަށް ޖަަހައިގެން ވަގުތު ނަގާލައިގެން ވާނެ މޮޅެއް ނުއޮންނާނެއެވެ.
މުއިއްޒު އަޒަލު ކުރާނެ ކަމުގެ ބިރު ދައްކައިގެން ގޮނޑި ވިއްކާލިޔަސް އެމްޑީޕީއެއް ނުސިހޭނެއެވެ. އެމްޑީޕީއަކީ ގަދަފަދަ މައުމޫނިޒަމްގެ ތެރޭއިން ނިކުމެ މައުމޫނިޒަމް ފުޑާލި ފަހުރުވެރި ޕާޓީއެވެ. އަސްލު އެމްޑީޕީއަކީ ރުފިޔާ ފައިސާގެ އަވާގައި ޖެހިގެން އަންނަ ވައި ކުޅަނދުރުތައް ހަތާ ދޫކޮށް ދިޔަސް ލުހިގެން ބިމަށް ޖެހޭނެ ޕާޓީއެއް ނޫނެވެ.
އިބްރާއާއި މުނައްވަރާއި ވަހީދާއި އަންނި ނެތުމުންވެސް އެމްޑީޕީ އޮތީ ގަދަކޮށެވެ. އަރައަރާފައި އޮއްސޭނީ އެ ބައިބައި ގަނޑެވެ. ހަގީގަތުގައިވެސް އެމްޑީޕީ އޮޑިއެއް ނުފެތޭނެއެވެ. ފައްތައެއްވެސް ނުލެވޭނެއެވެ. އެމްޑީޕއަކީ ވެއްޓޭ ކުރިއަކަށް ދެކުރި ފަޅާ ހެދި ބޮޑުވަމުންދާ ރާއްޖޭގެ ޑިމޮކްރަސީ ގަހެވެ. މުއިއްޒު އެއުޅޭ ފާޑަށް ކުރިންވސް ބަޔަކު އެމްޑީޕީ ޖަނާޒާ އަރުވަން އުޅުނެވެ. ޖަނާޒާ ވެގެން ދިޔައީ އެމީހުންނެވެ.
އެމްޑީޕީ ނޫން ގޮތެއް ހޯދަން ނިކުތް މީހުނަށް ދެމަސް ދުވަސްނުވެ މުއިއްޒު ނޫން ގޮތެއް ޖެހިއްޖެއެވެ. ރަން އިލޮށިން ކަދުރު ކާން އުޅެގަތީމާ ރާކަނިމަސް ކެވިގެން ވެރިކަމުގައި ތިބެ ބާރުކެނޑިގެން ތިޖެހެނީ މަކުނު ހެދިގެން ރިޔާސަތަށް އަރާ އަތަށް ބޯޑުދީފައި މަގުމައްޗަށް ވަޒީރުން ނެރޭށެވެ.