އަމުރަށް: ގެއްްލުނު މަގާމުގެ މަސްތުގާ މޮޔަނުވޭ!
ސިޔާސީ ޕާޓީއެއްގެ ސިފައަކީ މެޖޯރިޓީއަށް ތާއީދު ނުކުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ޕާޓީގެ ޓިކެޓްގައި ހޮވިފައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކޮށްފައި ހުންނަ މަގާމެއްގައި ހުރެ ވަޒީފާއަށް އައްޔަނު ކުރި ރައީސަށް ހަރާން ކޯރުވުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ގަބޫލު ނުކުރާ ސިޔާސަތެއް ހިންގާ ސަރުކާރަކުން އަތްގުޅި ނުކާވަރުގެ މުސާރައެއް ނަގައިގެން ކަނޑާލަންދެން ހުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ޕްރައިމަރީ ތަކުގައި ބަލި ވުމުން ބަލި ގަބޫލު ނުކުރުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ގޮތް ދޫނުކުރާ މަވެތި މީހެއްގެ ފަހަތުގައި ކުޑަކަކޫ ޖަހައިގެން އުޅަބޮށީގައި ދޫލާން އޮތުން ހެއްޔެވެ. ސިޔާސީ ޕާޓީއެއްގެ ސިފައަކީ ނަމެއްގައި ޕާޓީގައި ތިބެގެން އިދިކޮޅަށް ވުރެ އިދިކޮޅުވުން ހެއްޔެވެ. އެހެން ކަމަށް ވާނަމަ ރަނގަޅީ އެ ވައްތަރުގެ ސިފަ އެމްޑީޕީގައި ނެތިއްޔާއެވެ.
ނަމުގެ ކުރިއަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނޫސްވެރިންނާއި ސިޔާސީ ޕްލޭޓްފޯމްތަކުގައި ބޭނުން ކުރާނެ ފުރުސަތު ހޯދާދިނީ ތިޔަ ބުނާ ޕާޓީއެއްގެ ސިފަ ނުޖަހާ ޕާޓީންނެވެ. ސިޔާސަތު ކަމުނުގޮސްގެން ވަކިވާން ނޭގިފައި ކަނޑާލަންދެން ހުރީ ތިޔަ ބުނާ ސިފަނެތް ޕާޓީގެ ޓިކެޓްގައި ހޮވިގެން ހުރި ރައީސް ބަހައްޓާފައި ހުރި މަގާމެއްގައެވެ. އެސްޓީއޯގެ އިސްވެރިޔާގެ މަގާމަށް އާދެވެންދެން ތިޔައީ މާ ބޮޑު މީހެއް ނޫނެވެ. އެމްޑީޕީގައި އޭރުވެސް އެވަރުގެ މަގާމެއް މާމޮޅަށް ފުރާލެވޭނެ މީހުން ތިއްބެވެ. މިހާރުވެސް ތިބޭނެއެވެ. މެނިފެސްޓޯ ކޮމެޓީއެއްގައި ހޭކިލެވުނީމާ ހައްސައެކޭ ހީވަނީ ހެއްޔެވެ.
މާ މޮޅު ވާހަކައަކަށް ވެގެން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިފައި ވާކަމަށް ބުނާއިރު ތިޔަ ބައިގަޑެއް އެމްޑީޕީގައި ތިބެގެން އެމްޑީޕީއަށް ވީމޮޅެއް ނެތެވެ. އެތެރޭގައި ތިބެގެން ކުރިހާ ވެސް ކަމަކީ ސަރުކާރު ހިންގިޔަ ނުދިނުމެވެ. ސަރުކާރުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގުވުމެވެ. ރައީސް ބަދުނާމު ވާހާ ގޮތަކަށް ކަންކަން ރާވާ ހިންގުމެވެ.
މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ދުރާލާ މަޖިލީހުގެ ރިޔާސަތަށް ސަވާރުވެ ތިބެގެން ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރަން ކުރިހާ ކަންކަން އެހުރީ ފެންނާށެވެ. ކެނޑިގެން ދިޔަ މީހުންނަކީ މަޖިލީހުގައި ތިބެގެން ސަރުކާރު ހިންގުމަށް ދިން އެއްބާރުލުމެއް ނެތެވެ. ވިޕްލައިނެއް ނެރުނިއްޔާ ވަނީ ހިލާފެވެ. މަޖިލީހުގެ ތަޅުން ބޭނުންކުރީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް ޗަރުކޭސް ދައްކާ ތަނަކަށެވެ. ޖަވާބު ދާރީ ކުރުވުމުގެ ނަމުގައި ރައްޔިތުންގެ ފައިސާ ކައިގެން ތިބެ ރައްޔިތުންނަށް ލާބަހުރި ކަމެއް ނުކުރިތާ ރައީސް ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަދޭން އުޅުން ނޫން ކަމެއް އެތާކު އެ މީހުން ނުކުރެއެވެ. ނަމެއްގައި އޮތް ސްޕަރމެޖޯރިޓީއަކަށް ވުރެ ރަގަޅަށް އިދިކޮޅުވެލިއްޔާ މާރަނގަޅެވެ. ޕާޓީގައި ތިއްބަސް އިދިކޮޅަށް ވުރެ ވީ އިދިކޮޅެވެ. ކަތުރުފަނިން ޕާޓީ މިންޖުވާނެއެވެ.
ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ. އެމްޑީޕީއަށް ގެއްލޭނެ އެއްޗެއްގެ ވާހަކަ ދެއްކުމުގައި ދޮޅިކެނޑެންދެން އަމްރު ތިޔަ އުޅެނީ ގެއްލުނު ވަޒީފާގެ އަސަރުގައި ޖެހިގެންކަން އެންމެންނަށް ވެސްއެނގެއެވެ. ވަތުއޮޑި ކަޑައިގެން އައިސް ޖެހުނީމާ ތިޔަ އުޅެނީ މާ ވަރުގަދަ އައްސިއެއް އަރައިގެން ވިއްޔާއެވެ. އަނެއްކޮޅުން ޖީސަސްއާއި އަރާއިރާ ގުޅިގެން ހިންގަމުން ދިޔަ ފާދުގެ ޖަރީމާތައް ނުހިންގި މަގުމަތިވެގެން އުޅެވޭ ގޮތެއް ކަމަށް ގޭދޮށުކުދިން ކިޔާތީ އިވެއެވެ. އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި ރައީސް ސޯލިހަށް ވެރިކަން ގެއްލުމަކީ ފިކުރެއްގެ ދިރުން އެންމެ އެދޭނެ އެންމެ ބެނުންވާނޭ ކަންތައްކަން އެއްވެސް އިރަކު އެކަކަށްވެސް ނޯޅެއެވެ.
ހިސާބެއްގެ ހަމަޔަކާއި ގޮތެއް ހުންނަ މީހެއް ކަމަށް ކުރީން މީހުން ހިސާބަކަށް ގަބޫލުކޮށް އުޅުނެވެ. ތިމާގެ ލޮލުން ތިމާގެ ދުނިޔެ ނުފެންނަވަރުގެ ކަންނާޑިއެއް އަޅާތީ ނުފެންނާތީ މީހެއްގެ ލޮލުން ތިމާގެ ދުނިޔެ ބަލާވަރުގެ ސޮހޮލެއްކަމެއް މީހުންނަކަށް ނޭނގޭނެތާއެވެ. ލޮލަށް ފެންނަތަން ނުފެނުމަށްވުރެ ދެރަކަމެއް ނުއޮންނާނެއެވެ. އިއްޔެ މެދުއުޑުގައި ހުރި އިރު މިރޭ ވީއިރު އެތާކު އެ އިރެއް ނެތެވެ. މި ބީދައިން އަންނިގެ ތަރިވެސް އެހެރަދަނީ ބާރަށް އޮއްސޭށެވެ. ބަލަން ތިބޭށެވެ. ޕާލަމެންޓްރީ ގްރޫޕްގެ ތާއީދު ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. ޕާޓީގެ ގައުމީ މަޖިލިސް މުށުތެރޭން ދޫވެ މިނިވަން ވެއްޖެއެވެ. ކޮންގްރަސްގައި އިންނަން ޖެހުނީ އެކަހެރިވެ ބަކީވެފައެވެ. ރިޔާސީ ޓިކެޓް ދިޔައީ އަތަށް ފުށް ދީފައެވެ. އަމްދުން އިތުބާރު ކުރާ މީހަކު ނެތެވެ. ބަރުލަމާނީއާއި ބޮޑުވަޒީރުކަން ކުރަން އޮތީ ޗާގޯހުގައެވެ. ބަޔަކު ބައިންދާފައި އިނީތީ މަޖިލީހުގެ ރިޔާސަތުގައި އަދި އެބަ އިނދެވެއެވެ. އެންމެ ފަހުން އިއްޔެ އަތުގައި ހިތަކަށް އޮތް ޕާޓީ އެއޮތީ އަތުން ގެއްލިފައެވެ.
ނިކަން ފުއްޕާފައި ނިކުމެ ޕާޓީހަދާށެވެ. އިވާއާއި ހަސަންލަތީފާއި އިންތިގެ މަޅީގައިޖެހި މައުމޫނަށް ވީވަރު ވިއްޔާވެސް ރަނގަޅެވެ. އެފަކީރަށް އަދިވެސް އެއުޅެނީ 3000 ހަމަކޮށް ނުލެވިގެނެވެ. އަތަށްފަޔަށް ދަރިން ތިބެ ތިރީސް އަހަރުވެރިކަން ކުރި މީހާގެ ހާލަކީ މިއެވެ. 3 އަހަރު ހަމަނުކޮށް ވެރިކަމުން ފުންމާލީ މީހަކަށް 3000 ހަމަވިއްޔާ ގައި ނަސީބެވެ. އަބަހައްދު ނުވާ މީހަކަށް އެއީ ލައްކަ ވަރެކެވެ. މައުމޫނު ވާ ޕާޓީއެއް ހެއްޖަސް ރިޔާސީ އިންތިހާބެއްގައި ވާދަކުރާކަށް ނުވިސްނައެވެ. އެކަމަކު ފިކުރުގެ ދިރުމުން ރިޔާސީ އިންތިހާބަށް އަންނި ވަނީ ނެރޭށެވެ. މިހާރު ނުކުޅެވި އޮތީ އެކާޑު އެކަންޏެވެ. ކުރިއަށްކަމަށް ހީކޮށް ކުޅުނުހާ ހަކުޅި ކުޅެވުނީ ފަހަތަށް ކަން އެގޭނެއެވެ. ރައްޔިތުންގެ ގިނަ ބަޔަކު އެތިބީ ސައިޒް ދައްކާލަން ކެތް މަދުވެފައެވެ.