މުއިއްޒު ވިއްކާދިނީ ޔާމީނުގެ ދޮގު ދޮލަނގު!
3 މަސްނުވެ މުއިއްޒަށް ކައްޒާބުގެ ލަގަބު ދީފި!
އާނއެކެވެ. ރާއްޖެ މިއަދު މި އޮތް މިހާލަތަށް ވައްޓާލީ މުއިއްޒެއް ނޫނެވެ. 2013 އިން 2018އަށް ރާއްޖޭގައި ވެރިކަން ކުރި ޔާމީނެވެ. މުއިއްޒަށް ޖެހިގެން އުޅެނީ ޔާމީނު ޖެއްސި ހާލެވެ.
ބަޔަކަށް ކަންކަން އޮޅެގެން އުޅުނަސް ވިސްނާ ބަޔަކަށް އެ ހަގީގަތެއް ނޯޅެއެވެ. އެމްއެމްޕީއާރުސީ ދަވާލި ގޮތުގެ ވާހަކައާއި ޗައިނާގެ ދަރަނީގެ ދަންތުރައިގެ ވާހަކައާއި ޔާމީނުގެ އަނިޔާގެ ވާހަކައާއި އެއްވެރިކަމުން އަނެއް ވެރިކަމަށް ނަގުލުވެ ވާރުތަ ވަމުން އައި އިގްތިސޯދީ ދަތިކަމުގެ ވާހަކަ އެހަށް ބާއްވަމާ ހިގާށެވެ.
ޑރ. މުއިއްޒަށް ޔާމީނު ޖެއްސި ހާލުގެ ވާހަކަ އެހަށް ދައްކާލަމާ ހެއްޔެވެ. ހަމަ ތެދެކެވެ. ޔާމީނެކޭ މުއިއްޒާ ވިދިފައި ހުރި ބޭރިއެކޭ ތަފާތެއް ނެތެވެ. ނުމެ ކޭމެއެވެ. ނުމެ ދިޔަމެއެވެ. ޔާމީނަކީ މުއިއްޒުގެ ހަތުރެއް ކަމެއް މިތުރެއް ކަމެއް ނޭނގެއެވެ. މަޖިލިސް އިންތިހާބު ނިމެންދެން ޕީޕީއެމް ކުދިންގެ ހިމަނާރާ ކުޅެލައިގެން ހަމްދަރުދީ ޔާމީނު ހޯދަނީއެކޭ ނުބުނަމެވެ.
ޔަގީނުން ވެސް އެނގޭކަމަކީ ޑރ. މުއިއްޒަށް އަރައިނުގަނެވިގެން އެ އުޅެނީ ޔާމީނު ޖެއްސި އުނދަގޫ ތަކުން ކަމެވެ. ކަންކަން ހިނގާ ނިމިދާ ގޮތަށް ވިސްނާލުމުން ނިކަން ރަނގަޅަށް މިއީ ތެދެއްކަން އެނގޭނެއެވެ.
އެންމެ ފުރަތަމަ ކަމަކީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ޔާމީނު އުޅުނު އުޅުމެވެ. އެ ބިޔަ ބޮޑު ކޯލިޝަނުން ޔާމީނު ނޫން މީހަކު ވެރިކަމަށް އަޔަނުދޭން އަމަލު ކުރި ގޮތެވެ. ޔާމީނުގެ އަމިއްލަ އެދުމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ވާގި ނައްތާލީ ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. އަދުރޭ ވިސްނާ ނެތް ނަމަ ޕީޕީއެމް-ޕީއެންސީ ވުޖޫދުގައިވެސް ނުއޮތީހެވެ.
ވެރިކަމުގައި ހުރެ ދައުލަތް ދަވާލާ އަމިއްލަ އެކައުންޓު ތަކަށް ދައުލަތުގެ ފައިސާ އެޅުމުގެ ކުށް ސާބިތުވުމުން ވެސް ވެރިކަން ނޫން ކަމެއް ބޭނުން ނުވެގެން ގައުމު ނުރައްކަލަށް ވައްޓާލީ ޔާމީނެވެ. ކޮވިޑާއެކު ގައުމު ބަނޑަށްޖެހި އެމްޑީޕީގެ ވެރިކަން ވައްޓާލެވޭނެ ކަމަށް ޔާމީނު ހީކުރިއެވެ. ޔާމީނު ހީކުރި ގޮތަށް އެކަން ނުވީ އަވައްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ރައީސް ސޯލިހު ގައުމު މެނޭޖު ކުރިލެއް ރަނގަޅު ކަމުން ކަމަށް ޔާމީނު ގަބޫލުކުރިއެވެ.
އިންޑިއާގެ އެހީތެރިކަން ކަނޑުވާލައިގެން ނޫނީ ވެރިކަމުގެ ވަސްވެސް ޔާމީނަށް ނުފެންނާނެތީ އިންޑީއާ އައުޓް ކެންޕޭން ޔާމީނު ފެށީއެވެ. ހާސްހާހުން ހަތިޔާރު އެޅި ސިފައިން ތިބި ކަމަށް ބުނެ ރައްޔިތުން ބިރުގެންނެވީއެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި އެއްގޮތަށް އދގެ ޓްރައިބިނަލަކުން ހަމަޖެއްސި އިގުތިސާދީ ސަރަހައްދުގެ އިމުގެ މައްސަލައަކީ ކަނޑުވިއްކާލުން ކަމަށް ހަދައިގެން ރައްޔިތުން ރުޅިއެރުވީއެވެ. ކޯޓުގެ ހުކުން ހަރާންކޮށް " ބޭ އިއްޒަތު ބަރީ" ވާން މަގުމަތީކޯޓު އުފަން ކުރުވީ ޔާމީނެވެ.
ދަބަސް ދަބަހާއި ފޮށިފޮށީގައި ގެއަށް ވެއްދި ހަރާން ފައިސާ ހަލާލުކޮށް ކޯޓު ހުކުމް ހަރާންކޮށްގެން އެއްވާނަކަށް ސަޕޯޓަރުން ކައްކުވައިގެން އެމީހުންގެ ދުނިޔެ ރަންކޮށްލީ ޔާމީނެވެ. ވެރިކަމަށް ވާދަ ނުކުރެވޭނެކަން ކަށަވަރު ވާއިރުވެސް އެހެން މީހަކަށް ފުރުސަތު ނުދީ ޕްރޮގްރަސިވް ކޯލިޝަން މަގުމަތިކޮށްލަން ފައިވިއްދީވެސް ޔާމީނެވެ. ޑރ. މުއިއްޒުގެ ހުސިޔާރު ކަމުން ރިޔާސީ ޓިކެޓް ޖަހައިގަނެ ޕްރޮގްރެސިވް ކޯލިޝަން މަގުމަތި ވިޔަނުދީ ކޮޅަށްޖެހީ ޔާމީނާ ދެކޮޅަށެވެ.
އެކަމަކު ކުރާނީ ކީއްހެއްޔެވެ. ސަޕޯޓަރުންގެ ރޫހާ ދެކޮޅަކަށް ޑރ. މުއިއްޒަށް އެއްވެސް އެއްޗެއް ނުބުނެވި ޔާމީނު ވިއްކި ދޮގު ދޮލަގު ބޮލަށް ލައިގެން އުޅުން ނޫން ގޮތެއް މުއިއްޒަކަށް ނެތެވެ. ރާއްޖޭގައި ހާސް ހާހުން ހަތިޔާރުއެޅި އިންޑިއާ ސިފައިން ނެތޭ ބުނަން ބޭނުން ވިޔަސް ތާއީދު ހިފެހެއްޓުމަށް އެހެން ބުނެވެން މުއިއްޒަށް ނެތުނީއެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެކޭ ބުނަން ބޭނުންވިޔަސް އެ ވާހަކަ އެހެން ގޮތަކަށް ފުރޮޅާލެވޭކަށް މުއިއްޒަކަށް ނެތެވެ. ދެކުނު ކަނޑުގެ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅިގެން ދިޔައީ ރަނގަޅަށް ކަމަށް ބުނަން ކިތަންމެ ބޭނުންވިޔަސް މުއިއްޒަށް އެހެންވެސް ބުނެވޭކަށް ނެތެވެ. ވިއްކި ދޮގުލަނގުގެ މައިގަނޑު ތިނެއްޗަކީ އެއީ ވިއްޔާއެވެ.
ޔާމީނުގެ ދޮގު ދޮލަނގު ވިއްކައިގެން ވެރިކަމަށް އައު ދެވުނީމާ އެ ދޮގުތައް ދިފާއު ކުރަން އުޅެން ހަދައިގެން މުއިއްޒަށް ދައުލަތް ހިންގުން ވަނީ އަނިޔާއަކަށް ވެފައެވެ. އަވައްޓެރި އިންޑިއާ އާއި އެކު އޮތް ޒަމާންވީ އަހުވަންތަ ގުޅުން ކަނޑާލާ އެ މިހުންގެ އެހީތެރިކަމުން އަތްދޮވެލަން ޖެހުނީއެވެ. ބާލަން ވެރިކަމަށް އެރި ސިފައިންގެ ބާލަން ލިބުނީ ޔުނީފޯމެވެ. ހިތާ ދެކޮޅަށްވެސް ކަނޑު ހޯދަން އުޅޭ ގޮތް ދައްކައިގެން އުޅުން ނޫން ގޮތެއް މުއިއްޒަށް މިހާރަކު ނެތެވެ. ޔާމީނަށް ކޮށްފައި ވަނީ ހައްގު ހަލާލު ހުކުމެއް ކަމުން ޔާމީނު މިނިވަން ކުރަން މުއިއްޒަށް ކުރެވޭނެ ކަމެއް ނެތޭ ސީދާކޮށް މުއިއްޒަށް ބުނެވޭކަށް ނެތެވެ. ވެރިކަމަށް އައުމާއެކު ފުއްދަންވީ މައި ތިން ވައުދު ނުފުއްދުމުގެ ސަބަބުން އެންމެ ފަހުން ވެރިކަމަށް 3 މަސްނުވެ މުއިއްޒަށް ރައްޔިތުން ކައްޒާބުގެ ލަގަބު ދިނީއެވެ.