ސަލަފުން ޝޭހު އަލީ ޒައިދު ގަނެލުން
ފައިސާ ހަރަދު ކުރަނީ ސަލަފާ ގުޅިފައިވާ އަޑިނޭނގޭ ޖަމާއަތްތަކުން
ޓޫރިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ރައީސް ސޯލިހަށް ތާއީދު ކުރުމުން އެކަމަކީ އެތައް މިލިޔަން ޑޮލަރުގެ ޑީލެއްކަމަށް ޑރ. މުއިއްޒުގެ ފަޅިންނާއި ރައީސް ނަޝީދުގެ ފަޅިން އަޑުފެތުރިއެވެ. ހެސް ކިޔާފާ ފައިސާ ބަހަމުން ކަލަ ގޮވަމުން އާދޭސް ކުރަމުން ރޮމުން ގާސިމް އިބުރާހީމް ވެސް ރައީސް ސޯލިހު ވޯޓަކަށް ވިހިތިރީސް ހާސް ރުފިޔާ ދީގެން ވޯޓު ގަންނަ ކަމަށް އެބަބުނެއެވެ. ރަށްރަށުގެ ގްރޫޕް ތަކަށް ލައްކަ ލައްކައިން ބަހަމުން "ބާގީ ނާޒިމް" ގެ މީހުން ވެސް ކިޔަނީ ރައީސް ސޯލިހު ވޯޓް ގަންނަ ވާހަކައެވެ. ކިހާރީތި ހެއްޔެވެ. ތިމާމެން ކުރާކަންތައް ފޮރުވާ މަތިޖެހުމަށް ރައީސް ސޯލިހު އިސްތަށިފުޅުގައި ތުހުމަތުތައް އަޅުވަމުން މުއިއްޒާ ގާސިމާ އިލްޔާސާ ނާޒިމާ އުމަރު ވެސް ހޭނުބަހައްޓާ ވޯޓު ގަންނަނީއެވެ.
ވެރިކަމުގައި މިވަގުތު ހުންނެވީ ރައީސް ސޯލިހެވެ. އެ މަނިކުފާނަކީ ވެރިކަމުގައި ހުންނެވިޔަސް ވެރިކަމުގެ ނަޖާއިޒު ފައިދާ ނަންގަވާ ބޭފުޅެއް ނޫނެވެ. ރާއްޖޭގެ ނުފޫޒުހުރި އެތައް ބަޔަކު އެ މަނިކުފާނަށް ތާއީދު ކުރައްވާ ދެވަނަ ދައުރަކަށް ހޮވުމަށް ޖާނާ މާލުން ގުރުބާން ވަމުން ދަނީ ރާއްޖެ ދެކެމުން މިދާ ކުރިއެރުމާ ހަމަޖެހުމާ އަމާންކަން ދެމެހެއްޓުމަށް ބޭނުން ވެގެނެވެ. ބަޔަކު އެ މަނިކުފާނަށް ތާއީދުކޮށް ފާޅުގައި މަސައްކަތް ކުރަނީ ހިތުން ރުހުމުންނެވެ. އެހެނަސް އެ މަނިކުފާނާ ގުޅުވައިގެން ކެނޑިނޭޅި ވޯޓު ގަތުމުގެ ތުހުމަތު އިދިކޮޅުން އެބަކުރެއެވެ.
ފެށުނީއްސުރެ ރައީސް ސޯލިހު ވަރެއް ނެތިގެން އުޅޭ މީސްމީހުން އިރު އޮއްސި އިރު އަރާއިރު މުއިއްޒަށް ތާއީދު ކުރުމަކީ ވިކުމަކަށް ނުވެއެވެ. ބުނާނީ ހިތުލޯބިން ތާއީދު ކުރިކަމަށެވެ. ދެ އިރު ދެ ދަޅައަށް ޓްވީޓް ކުރަމުން، ރައީސް ސޯލިހުގެ ދިފާއުގައި މީހުންނާ ފާޅުގައި ޒުވާބު ކުރަމުން އައި މީހަކު މިއަދު އިރު އެރިއިރު އޭނާގެ ވިސްނުން ކުއްލިއަކަށް ބަދަލުވީ މުއުޖިޒާތަކުން ހެއްޔެވެ. މިހުރިހާ ދުވަހަކު އޭނާ ކީހާޅެން ފަރިއްސަށްވީ ކޮންފަދަ އިލްހާމެއް އައިސްގެންތޯ އަހާ މީހުން އަހާނެއެވެ.
ޝޭހު އަލީ ޒައިދު ބޮޑު އަގު ދީފާ ގަނެލީއެވެ. ޑީލް ހެއްދެވީ ޑރ. ޝަހީމް މެދުވެރިކޮށެވެ. ޑީލަކީ ވަޒީރު ކަމަކާއި ފަސް މިލިޔަން ޑޮލަރު ކަމަށް މައުލޫމާތު ލިބެއެވެ. ދީނީ އިލްމުވެރިން ތިބީ މުއިއްޒަށް ތާއީދު ކޮށްގެންކަން ދެއްކުމުގެ ގޮތުން ދީނީ އިލްމުވެރިން ގަތުމުގެ މަސައްކަތް ތަކެއް ޑރ، ޝަހީމް ލައްވާ މުއިއްޒު އެބަކުރެއެވެ. ދީނީ މީހުންގެ ތާއީދު މުއިއްޒަށް އެނބުރުމަށް ފައިސާ ހަރަދު ކުރަނީ ސަލަފާ ގުޅިފައިވާ އަޑިނޭނގޭ ޖަމާއަތްތަކުން ކަމަށް މައުލޫމާތު ލިބެއެވެ. ކަންދަހާރީ ބާރުވެރި ވެރިކަމެއް މި ރާއްޖެއަށް ގެނައުމަށްޓަކާ ދީނުގެ ނަމުގައި މި ސަރަހައްދުގައި އޮޕަރޭޓްކުރާ ބައެއް ޖަމާއަތް ތަކުން ސަލަފަށް ފަންޑު ކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ.