މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް: އަބްނާއު އަބޫ ޖުންދަލް

ހަނުހުރުމުގެ މައްޗަށް ވަރަށް ބޮޑަށް ކެތްކޮށްފިން

މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް: އަބްނާއު އަބޫ ޖުންދަލް

ސަލާމަތީ އިދާރާއާ ދެކޮޅަށް ތެދުވެ އިޒްރޭލާ ކުރިމަތިލުމަށް ފަލަސްތީނު ފުލުހުންގެ ތެރޭގައި ހިމެނޭ އަބްނާއު އަބޫ ޖުންދަލް ތައްޔާރު ވެއްޖެއެވެ. ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމަށް ނިންމާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަށް ވަނީ 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ފުލުހުންގެ އެ ޖަމާއަތުން ރައީސްއަށް ދިން މުހުލަތު ހަމަވާނީ މިރެއެވެ.

ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމާ މެދު ރައީސް މަހްމޫދު އައްބާސަށް މުހުލަތު ދިނީ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން އިޒްރޭލުގެ އުދުވާނާ ކުރިމަތިލުމަށް ހުއްދަ ދެއްވުމަށެވެ. އިޒްރޭލު ސިފައިންނާ ކުރިމަތިލުމުގެ އަމުރު ނުދެއްވައިފި ނަމަ، ފުލުހުންގެ ތެރޭގައި ހިމެނޭ ވަކި ބަޔަކު މިއަދު އިޒްރޭލާ ދެކޮޅަށް ނުކުންނާނެ ކަމަށް "އަބްނާއު އަބޫ ޖުންދަލް" ބުނެފައިވެއެވެ. ފުލުހުންގެ ތެރެއިން އިޒްރޭލާ ދެކޮޅަށް ނުކުންނަން ތިބި މީހުންގެ ނަންތައް ވެސް މިއަދު އާންމުކުރާނެ ކަމަށްވެއެވެ.

"އަބްނާއު އަބޫ ޖުންދަލް" ބުނަނީ މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތްކަމަށެވެ. "އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އޮހޮރަމުންދާ ލޭތަކުގެ ކުރިމަތީގައި މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ޣައްޒާގައި އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންތައް ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް. ހުޅަނގު އައްސޭރީގައި އަހަރެމެންގެ ޒުވާނުން ގަތުލުކުރަމުން ދާއިރު މާގިނަ ވާހަކަ ދައްކާނެ ވަގުތެއް ނެތް،" އަބްނާއު އަބޫ ޖުންދަލްގެ ބަޔާނުގައިވެއެވެ.

އަސަރުން ފުރިފައިވާ އެބަޔާނުގައި "އިސްތިއުމާރީންގެ ޖަރީމާތަކަށް ވަރަށް ބޮޑަށް ކެތްކޮށްފިން. އަހަރެމެންގެ ބާރެއް ނެތްކަމުގެ މައްޗަށާއި އަހަރެމެންގެ ހަނުހުރުމުގެ މައްޗަށް ވަރަށް ބޮޑަށް ކެތްކޮށްފިން. ކޮންމެ ދުވަހެއްގެ ކޮންމެ މިނެޓެއްގައި ކުޑަކުދިންނާއި އަންހެނުންގެ މުޅަމަސްތައް ފެންނަމުންދާ އިރު ވެސް، ސަލާމަތީ އިދާރާގެ އަމުރުތަކަށް ތަބާވުމުގައި ވަރަށް ބޮޑަށް ކެތްކޮށްފިން." ކަމަށް އިތުރަށް ބުނެފައިވެއެވެ.