ގާނޫނު ހަދާބާރުގެ ރިޔާސަތު އެންމެ ދެކުނާ އެންމެ އުތުރަށް
މަޖިލީހުގެ ނައިބު ރައީސްކަމަށް ސައްލެ ހޮވުން
- އަހުމަދު ސަލީމް. 51 ވޯޓް
- އަބްދުއްލާ ޖާބިރު 23 ވޯޓް
1932 ގައި ރާއްޖޭގެ ބަރުލަމާނު ފެށުނު ފަހުން ހިނގާ މިދިޔަ 91 އަހަރުތެރޭ ރާއްޖޭގެ ޤާނޫނު ހަދާ ބާރުގެ ރިޔާސަތު ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ނިސްބަތްވި މިއީ ފުރަތަމަ ފަހަރެވެ.
މިކަން މިކުރީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ގެނައުމުގެ މުގުލުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިންނެވެ.
އައްޑޫ ހިތަދޫ މޫލެކެޑެ ސަރަހައްދަށް ނިސްބަތްވާ އޮނަރަބްލް މުޙަންމަދު އަސްލަމް މަޖިލިސްގެ ރިޔާސަތަށް ވަޑައިގަތީ އެމްޑީޕީ ޓިކެޓްގައި މަޖިލިސް ރިޔާސަތުގައި އިންނެވިކުރީގެ ރައީސް ނަޝީދު އާޕާޓީ އެެއް ހައްދަވައިގެން ރިޔާސަތުގައި އިންނަވަނިކޮށް ހުށައެޅުނު އިތުބާރު ނެތް ކަމުގެ ވޯޓުގެ މިޔަމަތިން އިސްތިއުފާ ދެއްވުމުންނެވެ.
މިރޭ މަޖިލިހުގެ ނައިބް ރައީސް ކަމަށް ވަޑައިގަތް އަހުމަދު ސަލީމަކީ ރާއްޖޭގެ އެންމެ އުތުރުގެ ތުރާކުނާ އުލިގަމު ހިމެނޭ ހޯރަފުށި ދާއިރާ ތަމްސީލު ކުރައްވާ ހޯރަފުއްޓަށް އުފަން އެމްޑީޕީގެ މެމްބަރެކެވެ.
މަޖިލިހުގެ ނައިބު ރައީސްގެ ގޮނޑީގައި ކުރިން އިންނެވި އީވާއަށް މިއަދުވީ ކުރިން އެކަމަނާގެ ދެބެންގެ ދެދަރި ބޭބޭފުޅު ރައީސް ނަޝީދުގެ ރިޔާސަތު ގޮނޑިއަށް ވެސް ވީގޮތެވެ.
ރާއްޖޭގެ ވެރިކަމުގެ ބާރުތައް ފަހަކަށް އައިސް މާލޭން ބޭރަށް ނިސްބަތް ވުމުގެ ފަހުގެ ތާރީޚުގެ ފެށުމަކީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހިމް މުޙަންމަދު ޞޯލިޙް 2018 ވަނަ އަހަރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމުންނެވެ.
މާލޭ ރަޖިސްޓްރީގައި އޮވެ ބޮލު ތާކިހާ ވެއްޓޭ ވަރުގެ އުސް ޢިމާރާތެއްގެ ވެރި ޑރ މުއިއްޒަކީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ބައްޕާފުޅުގެ ގޮތުގައި ބެލެވިފައިވަނީ ތިލަދުންމަތީ ވަށަފަރަށް އުފަން ބޭފުޅެކެވެ.
އެހެން ކަމުން ރާއްޖޭގެ ވެރިކަން ހިންގާ ބާރާ ގާނޫނު ހަދާ ބާރުގެ ރިޔާސަތު މިވަގުތު ގުޅިފައިވަނީ ރާއްޖޭގެ އެންމެ އުތުރާ އެންމެ ދެކުނަށެވެ.
ކަން މިހެން އޮތް ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިވަގުތު މުޅި ރާއްޖޭގެ އޯނަރަކީ ހައްދުން މަތީ ފޮނަދޫ އަބްދުއްރަހީމް ޢަބްދުއްލާއެވެ.