ރައީސް ވައުދުވެ ވަޑައިގެން މަކުނުދޫ އެއަރޕޯޓް ހަގީގަތަކަށް
ހދ. މަކުނުދޫގައި އަޅާ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް އޮންނާނެ
ހދ. މަކުނުދޫގައި ތަރައްޤީ ކުރުމަށް ރައީސް ވައުދުވެ ވަޑައިގެން އެއަރޕޯޓްގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. ހދ. މަކުނުދޫގައި އެއާޕޯޓް ތަރައްޤީ ކުރަން ބޭނުންވާ ފައިސާ ހަމަޖެހިފައި ވާކަން ރައީސް އިއުލާން ކުރެއްވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ޖެނުއަރީ މަހު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހދ. މަކުނުދޫގައި އަޅާ އެއަރޕޯޓްގައި 1500 މީޓަރުގެ ރަންވޭއެއް އޮންނާނެއެވެ. ހަމައެއާއިއެކު އެއަރޕޯޓެއްގައި ގާއިމުކުރަން ޖެހޭ ހުރިހާ ވަސީލަތަކާއި ހިދުމަތެއް މަކުނުދޫ އެއަރޕޯޓްގައި ގާއިމުކުރާނެއެވެ.
މަސައްކަތާއި ގުޅޭ އިދާރީ ހުރިހާ މަސައްކަތްތައް ނިންމާލުމަށްފަހު މިހާރު ވަނީ އެއަރޕޯޓް ތަރައްްޤީ ކުރަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކޮށްފައެވެ. މަޝްރޫޢު ޙަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މަކުނުދޫ އެއަރޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހިއްކާ ސަރަޙައްދު ހިމާޔަތް ކުރުމުގެގޮތުން 3493 މީޓަރުގެ ރިވެޓްމަންޓް ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މަކުނުދޫ ބިން ހިއްކުމުގެ މަޝްރޫޢު ބިގްފިޝް މޯލްޑިވްސްއިން 366 ދުވަހުން ނިންމާނެއެވެ. މަޝްރޫޢަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މަކުނުދޫގައި އެއަރޕޯޓް އަޅަނީ ރަށުގެ ދެކުނު ފަރާތުން ބިން ހިއްކައިގެންނެވެ.
މަކުނުދު އަކީ ޒަމާނުއްސުރެ ރާއްޖޭގައި ދަތުރުފަތުރުގެ ދަތިކަން އެންމެ ބޮޑަށް އޮތް އެއް ރަށެވެ. ކައިރީގައި އިތުރު ރަށެއް ނެތުމާއި، އެ ރަށް އޮތް ހިސާބުގެ ސަބަބުން އެ ސަރަޙައްދަކީ އެހެން ރަށްރަށަށް ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ސަރަޙައްދެއް ނޫނެވެ. އެރަށަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ހިދުމަތަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެކެވެ.