ކުށެއް ސާބިތުވާ ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ: އިމްރާން

ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް

ކުށެއް ސާބިތުވާ ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ: އިމްރާން

އާންމު އެކި ފަރާތްތަކާއި ސިޔާސީ މީހުން އަދި ވިޔަފާރިވެރިންނާ ގުޅިގެން ބައެއް ފުލުހުން ކުށްކުރުމުގައި ބައިވެރިވުމަކީ އަލަކަށް ހިނގާ ކަމެއް ނޫނެވެ. އަބަދުވެސް އެކަން ހިނގައެވެ. ދުނިޔޭގެ ހިރިހާތަނެއްގައިވެސް ކުށްކުރާ ފުލުހުން އުޅެއެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެހެނެވެ. 

މަދުން ނަމަވެސް ފުލުހުންގެ ތެރެއިން ބަޔަކު ކުށްތަކުގައި ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. ކުށުގެވެށީގައި އުޅޭ ފުލުހުންގެ ތެރެއިން ކުށްކުށުގައި ބައިވެރިވާ ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މީހުނަށް ގާނޫނީ ފިޔަވަޅު އަޅަމުން ދެއެވެ.
ކުށްކުރުމުގައި ބައިވެރިވި އެތައް ފުލުހަހަކު މަގާމުން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ޑިމޯޓް ކުރުމާއި މަސައްކަތްކުރާ ތަން ބަދަލު ކުރުމާއި ނަސޭހަތް ދިނުން ފަދަ ފިޔަވަޅުތައް އަޅާފައިވަނީ ވެސް މަދެއްކޮށެއް ނޫނެވެ. ބައިވެރިވުން އޮންނަ މީންވަރެއްގެ މައްޗަށް ބަލާ އެ ހިނދަކަށް އަޅަންޖެހުނު ފިޔަވަޅެއް ފުލުހުންނަށް ވެސް އަޅައެވެ. 
މައްސަލައެއްގައި ޝާމިލުވާކަން ސާބިތުވާ އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ދެއްވައެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިސް މެންބަރުން އެ މައުލޫމާތެއް މިނިސްޓަރާ ހިއްސާކޮށް ދެއްވަމުން ގެންދެވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައެވެ. ކުށްކުރުމުގައި ބައިވެރިވާ ފުލުހުންގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކައުންސިލްތަކުގެ ކިބައިންވެސް އެ މަނިކުފާނު އެދިވަޑައިގެންފައިވެއެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ގެންދަވަން ވެސް އިމްރާނު ހުންނެވީ ތައްޔާރަށެވެ. 
މިނިސްޓަރ ޔަގީންކަމާއެކު ވިދާޅުވަނީ އެއްވެސް ހާލަތެއްގައި ކުށުގެ މައްސަލައެއްގައި ޝާމިލްވާ ފުލުހަކާމެކު ފިޔަވަޅު ނާޅައެއް ނޯންނާނެކަމަށެވެ.