ރާއްޖޭން ބޭރުގައި ފަނޑިޔާރުންނާ ރައީސްގެ ބައްދަލުވުމެއް؟!

ޖުޑިޝަރީގެ ބައެއް ބޭފުޅުން ރާއްޖޭން ބޭރަށް

ރާއްޖޭން ބޭރުގައި ފަނޑިޔާރުންނާ ރައީސްގެ ބައްދަލުވުމެއް؟!

ދެން އޮތީ ކެމްޕޭނުގައި ރައީސް މުއިއްޒު މަންޒަރު ދެއްކެވި ގޮތަށް ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާމް ހުކުމެއް"ތޯ ނުވަތަ ނޫންތޯ ކަނޑައަޅާ އިސްތިއުނާފީ ހުކުމެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ "ހަރާމް ޙުކުމެއް" ކަމަށް ބުނި މީހުންގެ ކުރީ ސަފުގައި ރައީސް މުއިއްޒު ހުންނެވުމަކީ އެ މަނިކުފާނަށް ވެރިކަން ލިބިވަޑައިގަތް އެއް ސަބަބެވެ. 

ކެމްޕޭންގައި ރައީސް މުއިއްޒު ވިދާޅުވީ ނޮވެމްބަރ17 އާއި ޖެހެންދެން އެ ހުކުމުގައި ރައީސް ޔާމީން ހުންނެވިއްޔާ ހުންނަވާނީ އޭރު އޮތް ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ ކަމަށެވެ. ދެން އައީ 17 ނޮވެމްބަރެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށެވެ.

އަޖައިބެކެވެ. 17 ނޮވެމްބަރާ ހަމައަށް އެ ވިދާޅުވި ނުފޫޒު ފޯރުވި ހުކުމުގައި ހުންނެވި ރައީސް ޔާމީން، ނުފޫޒު ފޯރުވުން ސަރުކާރުން ނިންމާލީމާ އަދިވެސް އެހުރީ ހުކުމުގައެވެ.

މުޢުތަބަރު ނޫން އަޑުތައް އިވޭ ގޮތުން، ރައީސް މުއިއްޒު މެދުއިރުމައްޗަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގެ ހަވާސާގައި ނުރަސްމީ ގޮތުން ބައްދަލު ކުރައްވަން ޖުޑިޝަރީގެ ބައެއް ބޭފުޅުން ރާއްޖޭން ބޭރަށް އެބަ ވަޑައިގަނެޔޯލައެވެ.

ކުރިއަށް އޮތީ ކުރިން ބުނި އެތި ކެންސަލްވެ ހަގީގަތުގައި ވެސް ރައީސް ޔާމީނަށް ކޮށްފައިވަނީ ޙަލާލު ހުކުމަކަށް ވުމާ ނުވުމުގެ ހުކުމެވެ.

ނިންމާލަމުން ބުނެލަން އޮތީ އެއް ވާހަކައެކެވެ. ވެރިކަން ހޯދުމަށްޓަކާ ދައްކާ ވާހަކައާއި ހަދާ ދޮގާއި ފިތުނަ ވެރިކަން ލިބުމުން ކުރާ ކަންތަކާ ދިމާވުމަކީ ދުރު ކަމެކެވެ. ގައުމާ ވަތަނާ ދީނާ އޭމިހިރަ ދިދަޔާއޭ ކިޔައިގެން ކުޅޭ ޑްރާމާއަކީ ގިނަ ފަހަރަށް އެއްވެސް ހަގީގަތެއް ނެތި ވޯޓު ހޯދަން ހަދާ ޙީލަތެވެ.