ވާދަވެރިން އަގުނޭރުވިޔަސް ނެތް ޑޮލަރެއް ނުލިބޭނެ!

2026ގެ ނިޔަލަށް އެތެރޭގެ ދަރަނި 150 ބިލިޔަނަށް އަރާނެ

ވާދަވެރިން އަގުނޭރުވިޔަސް ނެތް ޑޮލަރެއް ނުލިބޭނެ!

ކަށިނެތް ދުލެއް އޮތަތީ ދޫހެލުވިދާނެއެވެ. އަނގައެއް އޮތަތީ ކޯތެޅުވި ދާނެއެވެ. ކިތަންމެ ވަރަކަށް ހަގީގަތުގައި އަތްއަޅާ ފޮރުވަން އުޅުނަސް ފޮރުވޭނީ އަތްތިލައިގެ ބޮޑުމިނެވެ. އެއީ ވެސް ހިނދުކޮޅަކަށެވެ. 

މުއިއްޒުގެ މުސާރަވެރިންނާއި ކުލީ ގަލަންތަކުން ރައްޔިތުންނަށް ކަންކަން ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ކަންކަން ގިނަ ރައްޔިތުންނަކަށް ނޯޅެއެވެ. އޮޅުނިއްޔާ އޮޅެނީ ނުވަތަ އޮޅުވާލަނީ އޮޅުވާލަންއުޅޭ ބައެއްގެ އަމިއްލަ ނަފްސަށެވެ.

ކުރީ ސަރުކާރުން ވާރުތަވީ ދަރަނި ތަކެއް ހަލާސް ކުރެވިގެން ދަތްމައްޗަށް ތުންނާރާ ދަތްދިލުވާތީ އެބަފެނެއެވެ. މިއަހަރު ނުދައްކާ ވާންނެތް ބިލިޔަން ޑޮލަރުން އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިޔަން ޑޮލަރ 2030 އަށް ލަސްކުރުމަކީ ދަރަނި ހަލާސް ކުރުން ހެއްޔެވެ. މާލިއްޔަތުގެ ފޫކަހާލައިގެން ސްކޫކާއި ސްވެޕް ދެއްކީ 325 މީލިޔަން ޑޮލަރގެ ސްވެޕެއް ބޮލުގައި އަޅައިގެން ކަމުން ދަރަނި ހަލާސް ކުރެވުނު ކަމަށް ވޭހެއްޔެވެ. މިސަރުކާރުން ހޯދި ހިދުމަތުގެ އަގާއި ތަކެތީގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބިލިޔަނުން އޮތް އިރު އެތެރޭން ނަގައިގެން އުޅޭ ސީދާ ދަރަނި ބިލިޔަނުން އޮތުމުން ދަރަނި ހަލާސްކުރެވުނު ކަމަށް ވޭހެއްޔެވެ. 

2025 ވަނަ އަހަރުގެ އެތެރޭގެ ދަރަނީ ހުރީ 90.8 ބިލިޔަން ދިވެހި ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން އެއީ ބޮލަކަށް %71 އެވެ. 2026ގެ ނިޔަލަށް އެތެރޭގެ ދަރަނި 150 ބިލިޔަނަށް އަރާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކާއި މަރުކަޒީ ބެންކުން ދެކެއެވެ. ޖީއެސްޓީއާއި ޕްރޮފިޓް ޓެކްސް އާއި ގްރީން ޓެކްސް އާއި އެއަރޕޯޓް ޓެކްސް އާއި އެއަރޕޯޓް ޗާޖަސް ބޮޑުކޮށް ފުރާ މީހުންގެ ފީ ބޮޑުކޮށް ރިސޯޓްގެ ސައިޒުން މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދު ގިނަ ކުރުމަކުން މާލީ ނިޒާމަށް ލިބުނު ލުޔެއް ނެތެވެ. 

އާމްދަނީއެއް ލިބޭ ސަރުކާރު ހުރިހާ ކުންފުންޏެއްހެން އޮތީ ބަނގުރޫޓް ހާލަތުގައެވެ. ޑޮލަރެއް ގަންނަން ލިބެނީ 21ރުފިޔާ އަށް ނުވަތަ އެއާ ގާތްކުރާ އަގެއްގައެވެ. ޑޮލަރު އަގު ބޮޑުވަނީ ވާދަވެރިން ޑޮލަރުނެތޭ ކިޔާތީކަމަށް ވަންޏާ 15.42 ގެ ރޭޓުން ބޭނުން ވަރަކަށް ޑޮލަރު ލިބޭގޮތް ހަދާނުދީ ތިބޭނީ ކީއްވެގެން ހެއްޔެވެ. ކަޅު ބާޒާރުގެ އަގެއްގައި ގައުމީ ބޭންކުގައި ޑޮލަރުން އިންވެސްޓް ކުރުވަން އުޅެނީ ކީއްވެގެން ހެއްޔެވެ. ވާދަވެރިންނާ ވާދައަށްވެސް 15.42 ގެ ރޭޓުގައި ގައުމީ ބެންކާއި ދެންވެސް ހުރި ތާކުން ޑޮލަރު ބޭނުން ވަރަކަށް ލިބޭނެގޮތް ހަދާނުދީ ތިބެނީ ކިއްވެފައި ހެއްޔެވެ. 

މުއިއްޒު ވެރިކަމަށް އަންނަން ދެއްކިހާ ވާހަކައާއި ކެނޑިހާ ބައިސާ ނާހާ މީހަކުނެތެވެ. ވެރިކަމުގެ ދައުރު ދެބައިވެ ފަހަށް އޮތްތަން ދެއަހަރަށް ކުރުވެގެން ދާއިރު ވީކަމެއް ހަރާމޭ ބުނާކަށް ނެތީމެވެ. އެކަމަކު މަތި މައްޗަށް ވީހާ ވައުދާ، ވާހާ ވައުދުން ފެން ހިފޭ ގޮތަކަށް ކަމެއް ކުރެވޭތީއެއް ނުފެނެއެވެ. އެހެނެއް ކަމަކު ކުރާކަންކަން އުނބަށް ޖަހާތަން ފެންނަލެއް މަދެއް ނޫނެވެ. ދައްކާ ވާހަކަ ވަރަށް ގިނައިން އެނބުރި އަނގަޔަށް ވަންނަކަން އެނގެއެވެ. ފޭލިވެއްޖެކަމަށް ގަބޫލުކޮށް ބަލާށެވެ. ވާދަވެރިން އަގުނޭރުވިޔަސް ނެތް ޑޮލަރެއް ނުލިބޭނެއެވެ.