އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާ ލެފްޓިނެންޓް ކާނަލަކަށް

ނަވީންގެ ކުށަކީ ރިޝްވަތު ހިފުމާ ރިޝްވަތަށް އެދުމާ ރިޝްވަތު ލިބިގަތުމަށް އެއްބަސްވުން

އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާ ލެފްޓިނެންޓް ކާނަލަކަށް

އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ މާފަންނު ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަނެއްގެ މަޤާމުގައިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށު ތުހުމަތުގައެވެ. ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލުމަށްވެސް އޭސީސީން ފޮނުވި މައްސަލާގައިވެއެވެ.

އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި ނަވީނަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އަށް އޭސީސީން އންގާފައެވެ. މިހާތަނަށް ކޮށްފައިވާ ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.