ސްކޭމަރ ފަހަދު އައްޝަލާންއަކީ ސައޫދީ ޕްރިންސެއްނޫން!

ސްކޭމަރ ފަހަދު އައްޝަލާންއަކީ ސައޫދީ ޕްރިންސެއްނޫން!

އަބްދުލްއަޒީޒް ބިން އަބްދުއްރަހުމާން އަލް ސައުދު އަކީ އިބްނު ސައުދުގެ ނަމުން ދުނިޔެއަށް މަޝްހޫރު ރަސްކަލެކެވެ. ސައުދީ އަރަބިޔާ އެބޭފުޅެއްގެ ނަމަށް ނިސްބަތްވާ އަބްދުއްރަހުމާން އަލް ސައުދުގެ ދަރިކަލުންނެވެ. އުފަންވެ ވަޑައިގަތީ މީލާދީން 1875 ގައެވެ. އަވަހާރަވީ 1953 ގައެވެ. ކިންގް އަބްދުލް އަޒީޒް ސައުދީ އަރަބިޔާގެ ރަސްކަން ކުރެއްވީ 21 އަހަރެވެ. 

ކިންގް އަބްދުލް އަޒީޒް 20 އަށްވުރެ ގިނަ ބޭފުޅުންނާ ކައިވެނި ބައްލަވައިގަތެވެ. ކިންގް އަބްދުލްއަޒީޒުގެ ދެޖިންސުން 45 ބޭފުޅުން ތިއްބެވިއެވެ. އެ 45 ބޭފުޅުންނަށްވެސް ގިނައަދަދަކަށް ދަރިދަރި ކަލުންނާއި ދަރިދަރި ކަނބަލުން ލިބިވަޑައިގަތެވެ. އެހެންކަމުން ކިންގް އަބްދުލް އަޒީޒުގެ ރަސްދަރިކޮޅަށް ނިސްބަތްވާ ވަރަށް ގިނަ ޕްރިންސުން ތިއްބަވައެވެ.

އާލު ސަޢޫދުގެ އާއިލާގައި 15،000 އާއި 25،000 އާ ދެމެދުގެ އަދަދެއްގެ މެންބަރުން ތިބޭނެކަމަށް ބެލެވެއެވެ. އެހެން ނަމަވެސް "ޕްރިންސް" ނުވަތަ "އަމީރު" މި ލަގަބު ވާރުތަވަނީ ފިރިހެން ދަރިފަސްކޮޅުންނެވެ. އެހެންކަމުން އާލު ސައޫދުގެ އާއިލާއަށް ނިސްބަތް ވިޔަސް ޕްރިންސް ނުވަތަ ޕްރިންސަސްގެ ލަގަބު ލިބެފައި ތިބެނީ އާލު ސައޫދުގެ ހަތް ހާހެއްހާ ބޭފުޅުންނަށެވެ. 

ރައީސް މުއިއްޒު ސައުދީ ޝާހީ އާއިލާގެ ޕްރިންސަކަށް ހަދައިގެން އުޅޭ ސްކޭމަރ ފަހަދު އައްޝަލާން އަކީ މައިފުށުން ކިންގް އަބްދުލްއަޒީޒްއަށް މުނިކާފަކިޔާ މީހެކެވެ. އެއްވެސް ހައިސިއްޔަތަކުން ރަސްކަން ވާރުތަވާ މީހެއް ނޫނެވެ. މައިފުށުން ޝާހީ އާއިލާއާއި ގުޅުމެއް އޮތުމަކީ ޕްރިންސަކަށްވާ ސަބަބެއް ނޫނެވެ. އެހެން ކަމުން މިހާރުގެ ސައޫދީ ޝާހީ އާއިލާއާއި ގާތްކަމެއް ގުޅުމެއް ސްކޭމަރ ފަހަދު އައްޝަލާން އަކާ ނޯވެއެވެ.

މައިފުށުން ޝާހީ އާއިލާއާއި ލޭގެ ގުޅުން އޮންނާތީ ސައޫދީ ޝާހީ އާއިލާގެ ނަން ބޭނުންކޮށްގެން ފަހަދު ކުރާހާވެސް ކަމަކީ އެކިއެކި ގޮއުމުތަކަށް ގޮސްގެން ޒާތްޒާތުގެ ސްކޭމް ހިންގުމެވެ. ސްކޭމަރ ފަހަދު އައްޝަލާން ގެ ސްކޭމްގެ މަޅީގައި ފުރަތަމަ ޖެހުނު ވެރިއަކަށް މިވީ ރާއްޖޭގެ ރައީސް މުއިއްޒުއެވެ.