ޔާމީނު ފޭލިކޮށްލި ކޯޓުއަމުރުން އުފަންވި ވެރިކަން!
އަދީބަށް ވެރިކަމުގެ ހުވަފެން ދައްކައިގެން ޔާމީނާ އޮތް ގުޅުން ކަނޑުވާލި
ރައީސް ޔާމީނުގެ ވެރިކަމުގައި ކޯޓް އަމުރެއް ނެރެގެން ރައީސް ޔާމީނު ހައްޔަރު ކުރެވޭތޯ އުޅުނެވެ. އެކަމަކީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ. ރައީސް ޔާމީނުގެ އަމަލުތައް ހުރީވެސް އެކަން ބަޔަކު ކުރަން ނޫޅޭ ފާޑަކަށް ނޫނެވެ. ރައްޔިތުންގެ ގިނަ ބަޔަކުވެސް އެދިއެދި ތިބީ ނިންމުނު ގޮތަކުން ރައީސް ޔާމީނުގެ ވެރިކަން ނިންމުމަށެވެ.
އުފެދިފައިވާ ޒަމާންވީ ދެކޮޅުވެރި ކަމެއްގެ ސަބަބުން ރައީސް ޔާމީނުގެ ބާރު ކަނޑުވާލުމަށް އެންމެ ބޭނުންވާ އެކަކީ ގާސިމް އިބްރާހީމެވެ. ގާސިމް އިބްރާހީމާއި އަބްދުއްލާ ރިޔާޒަކީ އޭރު ސިޔާސީ ގޮތުން އެއް ކުޑައެއްގެ ދަށުގައި މަސައްކަތް ކުރަމުން އައި ދެ ޅިޔަނުންނެވެ. އެހެންކަމުން ރައީސް ޔާމީނު ހައްޔަރު ކުރުވަން އުޅުނީ ކުރީގެ ކޮމިޝަނަރ އަބްދުއްލާ ރިޔާޒްގެ މޭސްތިރި ކަމުގެ ދަށުންނެވެ. ފުލުހުންގެ ތެރެއިން އިސްކޮށް ތިބި ބަޔަކާ ބައިއަތު ހިފައިގެންނެވެ.
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން ފުލުހުންނާއި ކޯޓްތައް ދޮންކުރިގޮތަށް ރައީސް ޔާމީނުގެ ވެރިކަން ނިންމުމަށް ވެސް ހިޔާރު ކުރީ އެމަގެވެ. ކުރީގެ ނައިބު ރައީސް އަދީބަށް ވެރިކަމުގެ ހުވަފެން ދައްކައިގެން ޔާމީނާއި އަދީބުގެ އޮތް ގުޅުން ކަނޑުވާލާ ރައީސް ޔާމީނާ ދިމާއަށް އޮތް އެމްއެމްޕީއާރުސީ ފައިސާ ދިޔަދޮވީގެ ކޮޅު ރައީސް ޔާމީނާ އެކީގައިތިބެ ރައީސް ޔާމީނު ވަކިކުރަން މަސައްކަތް ކުރާ މީހުންނާ ދިމާލަށް އަނބުރުވާލީއެވެ. ދައްކަން މިއުޅެނީ އެފައިސާ ބެހިގެން ދިޔަ ގޮތުގެ ވާހަކައެއް ނޫނެވެ.
ފުލުހުން ލައްވާ ރައީސް ޔާމީނު ހައްޔަރު ކުރުމަށް ގާނޫނީ ސިފަ ގެނައުމަށް އެ މީހުންނާ ބައިއަތު ހިފީ އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނެވެ. ރައީސް ޔާމީނު ހައްޔަރު ކުރުމުގެ ކޯޓް އަމުރު ނެރުމަށް ކަނޑައެޅުނީ މާމިގިލީ ކޯޓުންނެވެ. ރާއްޖޭގައި އެތައް ކޯޓެއް ހުއްޓާ އެ އަމުރު ނެރުމަށް މާމީގިލީ ކޯޓް ހަމަޖެހިގެން ދިޔުމުގައި އޮތީ ގާސިމް އިބްރާހީމްގެ ދައުރެވެ.
ރައީސް ޔާމީނު ހައްޔަރު ކުރަން މަސައްކަތް ކުރަމުން ދިޔަ މީހުނަށް ކެބިނެޓްގައި އިނދެގެން ޖާސޫސްކޮށް ދިނުމުގެ ކަންކަން ކުރަމުން ދިޔައީ އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒެވެ. ޕްރޮގްރެސިވް ކޯލިޝަންގައި ހުންނަ ޖާސޫސީ އެޖެންޓަކީ ފުނަދޫ އަބްދުއްރަހީމް (އަދުރޭ)އެވެ. ސިފައިންގެއާއި ކޯޓުތަކުގެ ރޫހާނީ ލީޑަރ ރައީސް މައުމޫނު ހުންނެވީ ޔާމީނު ވެރިކަން ނިންމަން ނިކަން ރަނގަޅަށް ބައިއަތު ހިއްޕަވައިގެންނެވެ. ރައީސް ޔާމީނު އަރިހުގައި އިންތިހާއަށް ވަފާތެރިކަން ދައްކަވައިގެން ހުންނަވާ ގައްސާނު ކުރެއްވި ކަމަކީ ބައްޕާފުޅަށް ޖާސޫސްކޮށް ދެއްވުމެވެ.
ހައްޔަރު ކުރުމުގެ ރޭވުންތައް ރައީސް ޔާމީނަށް އެނގިވަޑައިގެން ހައްޔަރު ކުރުން ފޭލިކޮށް ލެއްވިއެވެ. އެންމެ ފަހުން ވަގުހަން ލައިގެން ޔާމީނު އަރިހުގައި ތިބި މުއިއްޒާއި އަދުރޭއާއި ގައްސާނު ފަދަ މީހުން ނޫން އެންމެން ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު ތިބެން ޖެހުނީ ޖަލު ގޮޅީގައެވެ. އަދުރޭމެން ސައީދުމެން މުއިއްޒުމެން އޭރުވެސް ދެއްކީ މުނާފިގުކަމެވެ.
އާހިރުގައި ރައީސް ޔާމީނާ ނުލާ އެއްކަލަ އެންމެން މިއަދު އެތިބީ އަތުގުޅާލައިގެންނެވެ. މުއިއްޒާއި އަދުރޭއާއި ގައްސާނާއި ގާސިމާއި އަބްދުއްލާ ރިޔާޒާއި މުހުތާޒު މުހުސިން ފަދަ އެންމެން މިއަދު އެތިބީ ދައުލަތް ވިދާ ނޮޅާ ކާށެވެ. މަންޒަރުގައި އަދީބު ފެންނަން ނެތަސް އަދީބުގެ ދައުރެއް މުއިއްޒު ސަރުކާރުގައި ކުޑައެއް ނޫނެވެ.