އާދަޔާ ހިލާފު ތަފާތު މީހަކަށް ނޫނީ ކައިރިނުވެވޭ ގޮނޑި!
ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފިސާރި ނަންހިނގާ ގޮނޑިއެއް
ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން މެންބަރުން އިންތިހާބު ކުރަނީ ގޮނޑި ހޫނުކުރާކަށް ނޫނެވެ. ސަރުކާރުން ނުވަތަ ނިސްބަތްވާ ޕާޓީން ބުނާހާ ގޮތަކަށް ދާއިރާ ތަމްސީލުކުރާކަށް ނޫނެވެ. ދައިރާ މެންބަރުގެ މަސައްކަތުން ދާއިރާއާއި މުޅި ރާއްޖެއަށް ހެވާއި ލާބަ ހޯދާށެވެ. މަޖިލީހާއި މަޖިލީހުގެ ބޭރުގައި މެންބަރުގެ އުޅުމާ ގުޅުންތައް ހުންނަ ގޮތުން ދާއިރާގެ ރައްޔިތުން ފަހުރުވެރިވާ ފަދަ މެންބަރަކަށް ވުމަކީ ރައްޔިތުން ކުރާ އުންމީދެކެވެ.
ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ ގޮނޑިތަކަށް ބަލާއިރު ކެންދޫ ދާއިރާގެ ގޮނޑިއަކީ ސަމާސާ ގޮނޑިއެއް ނޫނެވެ. އެ ގޮނޑިއަކީ ކޮންމެ ކޮންމެ މީހަކަށް އިނދެވޭނެ ގޮނޑިއެއްވެސް ނޫނެވެ. އާދަޔާ ހިލާފު ތަފާތު ޝަހުސިއްޔަތަކަށް ނޫނީ އެ ގޮނޑިއާ ކައިރިއެއް ނުވެވެއެވެ. ކެންދޫ ދާއިރާ ގޮނޑިއަކީ އިދާރީ ދާއިރާތައް ބެހި ދާއިރާ މެންބަރުން ހޮވަން ފެށިފަހުން ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފިސާރި ނަންހިނގާ ގޮނޑިއެކެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ކެންދޫ ދާއިރާއަށް ނިސްބަތްވާ ފުރަތަ މެންބަރު ވެގެން ގޮސްފައިވަނީ އޭރު ރާއްޖޭގެ ސިޔާސީ ނާރެހުގައި އެންމެ ނުފޫޒުގަދަ އެއް ލީޑަރ ތަމްސީލު ކުރިގޮނޑިއަށެވެ. އައު ގާނޫނު އަސީސީގެ ދަށުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރާ ވާދަވެރި އިދިކޮޅު ޑީއާރުޕީގެ ލީޑަރަކީ ކެންދޫ ދާއިރާގެ އޭރުގެ މެންބަރެވެ. ހަމައެހެންމެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީވެސް ކެންދޫ ދާއިރާގެ މެންބަރެވެ. ރައީސް މައުމޫނާއި ރައީސް ވަހީދުގެ ރަނިންގ މޭޓަކީވެސް ކެންދޫ ދައިރާގެ މެންބަރެވެ. އެ ހުރިހާ ހައިސިއްޔަތެއް ލިބިގެން ކެންދޫ ދާއިރާގެ މެންބަރުކަން ކުރެއްވީ މަޝްހޫރު އަހުމަދު ތަސްމީނު އަލީއެވެ.
ތަސްމީނު އަލީއަށް ފަހު ޖެހިޖެހިގެން ދެދައުރު ކެންދޫ ދާއިރާ ތަމްސީލުކޮށް ދެއްވީ ވަކީން ސަހަލު ބޭފުޅެއް ނޫނެވެ. ކެންދޫއަށް އުފަން މަޝްހޫރު ގާނޫނީ ވަކީލެކެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ އިތުބާރާ ލޯބި ލިބި ވަޑައިގެން ރައީސް ސޯލިހުގެ ރަނިންގމޭޓަކަށް ވުމުގެ ފުރުސަތު އެންމެ ވޯޓަކުން ގެއްލި ވަޑައިގެންނެވި ތަޖުރިބާ ކާރެކެވެ. މޫނަކަށް ކަނދުރާއަކަށް ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބެލުމެއްނެތި ހައްގު ބަސް ބުނުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މަޖިލީހުގައި އެންމެ ފަހު ބަހަކަށްވެސް ރާއްޖޭގައި ނެތް އެއްޗަކީ އިންސާފުކަމަށް ވިދާޅު ދެދައުރު ނިންމާލެއްވި އޮނަރަބަލް އަލީ ހުސައިނެވެ.
ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފާހަގަކޮށްލެވޭ ވަރުގަދަ ދެ ފަހުލަވާނުންނަށް ފަހުވެސް ކެންދޫ ދާއިރާގެ ގޮނޑީގެ ފަންވަރު އެބަފެނެއެވެ. ސަރުކާރުގެ ގޮނޑިކޮއްކޮ 80އަށް ވުރެ ގިނަ މެންބަރުންނާ ދެކޮޅަށް ކެންދޫ ދައިރާގެ އަޑު ކަނޑައިގެން ނުދެއެވެ. ކެންދޫ ދާއިރާގެ ގޮނޑި މިހާރު ތަމްސީލް އެކުރަނީ މަސައްކަތް ތެރިންގެ ހައްގުގައި މަސައްކަތް ކުރުމުގައި ރާއްޖޭގައި ދެވަނައެއް ނެތް ޝަހުސިއްޔަތެވެ. މަސައްކަތްތެރިންގެ ހައްގުގައި ޖެހެލުމެއްނެތި ކުރަމުންދާ މަސައްކަތާހެދި ރާއްޖޭގެ ބޮޑެތި މަހުޖަނުން އެންމެ ޖެހެލުންވާ ޝަހުސިއްޔަތެވެ. ކޮންމެ މަސްވެރިއަކާއި ކޮންމެ ދަނޑުވެރިއަކު އެންމެ ފަރިތަ މޫނެވެ. ކޮންމެ ރިސޯޓް މުއައްޒިފެއްގެ އުންމީދެވެ. ކޮންމެ ޓީޗަރަކާއި ޑޮކްޓަރެއްގެ އެކުވެރިޔާއެވެ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ރޫހެވެ. އޮނަރަބަލް މައުރޫފް ޒާކިރެވެ.