އިވެންޓްމެނޭޖު ކުރަން ދައުލަތް ދަވާލިޔަސް ސްކޭމަކަށްނުވޭ!
4 އަހަރު ދުވަހުން 537.8 މިލިޔަން ރުފިޔާ 20410 ދަރިވަރުންނަށް ދައުލަތުން ހަރަދުވުމަކީ ކުރެވުނު އިންވެސްޓެއް
ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރަން ދައުލަތުން ހަރަދު ކުރުމަކީ ސްކޭމެއް ކަމަށް ސިފަކުރާނީ ހާދަހާ ބޮޑު ޖާހިލެކެވެ. ގޮތެއް ފޮތެއްނެތް އަންޕަޅު ގަމާރެކެވެ. ރައްޔިތުންގެ ވަކީލުންނަށް ވެގެން މަޖިލީހަށް ވަދެ ރާއްޖޭގައި މަތީ ތައުލީމު ފެތުރުމާ ދެކޮޅަށް ވާހަކަ ދައްކާނީ ހާދަހާ ގޮތްކުޑަ އިންސާނެކެވެ.
ރާއްޖޭގައި ތައުލީމީ ގަބިލު ދަރިންތަކެއް އުފެދުމަކީ ހަލާލެއް ހަރާމެއް ނުބަލާ ޖެހުނު ގޮތަކަށް ފައިސާ ހޯދާ މީހުން ބޭނުންވާނެ ކަމެއް ނޫނެވެ. ތަންދޮރު ދަންނަ އިލްމީ ޖީލެއް އުފެދިއްޖެނަމަ ދައުލަތުން ފޭރިކާ މީހުންނަށް އެފުރުސަތު ގެއްލިދާނެތީ އެ މީހުން ބިރުގަންނާނެއެވެ. ތައުލީމަށްޓަކާ ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީ އިސްރާފެއް ކަމަށް ދެކޭނެއެވެ.
ބާރަށު ދާއިރާގެ މެންބަރު ޝުޖާއަށް ވެސް ވެގެން އެއުޅެނީ އެހެންނެވެ. ހައްގު ގޮތުގައި ތައުލީމު ފެތުރުމަށް ދައުލަތުން ހޭދަކުރުން ސްކޭމެއްގެ ސިފައިގާ ފެންނަނީ އެހެން ވެގެންނެވެ. ހަތަރު ފަސް އަހަރުވަންދެން ތައުލީމަށްޓަކާ އެތައްހާސް ދަރިވަރުންނަށް ހޭދަކުރި މިންވަރު ހިސާބުކޮށްލުމުން ފެންނަ އަދަދު ބޮޑުވެގެން ޝުޖާމެންގެ މޭކަރަނީ އެހެން ވެގެންނެވެ. ވެރިކަމަކުން ގައުމަށްޓަކާ ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމަންޓަކީ ތައުލީމީ ދަރިންތަކެއް ބިނާކުރަން ކުރެވެ ހޭދަކަން ނޭނގޭވަރުގެ ގަމާރުން އިއްޒަތްތެރި މެންބަރުންނޭ ކިޔައިގެން މަތިހަށި ނަގާފައި ނޫޅޭށެވެ.
މައި ބަނޑުން ވިހޭއްސުރެ ކޭހާކެއުމާއި ބުއިހާ ބުއިމަށް ހަރަދުކުރި ފައިސާ ޝުޖާ ނިކަން ހިސާބުކޮށްލަ ބަލާށެވެ. ފިއްކަނޑައިގެން ދާނެއެވެ. އެހެން ވީއިރު 4 އަހަރު ދުވަހުން 20410 ދަރިވަރުންނަށް 537.8 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ޝުޖާގެ ދެފައިކައިރި ނުވެގެން ތިޔައުޅެނީ އެފައިސާ އިން ހަތަރު އަނާއެއްވެސް ނުލިބުނީމާކަން އެނގެއެވެ. އިވެންޓް މެނޭޖުކުރަން ކުންފުންޏެއް ހަދައިގެން އުޅުމުގެ ބަދަލުގައި ކޮލެޖެއް ހަދައިގެން އުޅުނު ނަމަ އޭގެން ކަންފުޅެއްވެސް ވީސްނޫން ހެއްޔެވެ.
ގަމަރީވެސް ވަކިވަރަކަށް ނޫނެވެ. ތިޔަ ބުނާ 537.8 މިލިޔަން ރުފިޔާގެ ތެރެއިން 157.3 މިލިޔަން ވަނީ ސަރުކާރުގެ ދެ ޔުނިވަރސިޓީއަށެވެ. އެމްއެންޔޫއަށް 138.8 މިލިޔަން ރުފިޔާއެވެ. އިސްލާމިކް ޔުނިވަރސިޓީއަށް 18.5 މިލިޔަނެވެ. ބާކީ އަމިއްލަ ކޮލެޖުތަކަށެވެ.
ރާއްޖޭގައި މަތީ ތައުލީމް ހޯދާ ދަރިވަރުންނާއި އެ ދަރިވަރުން ތައުލީމު ހާސިލްކުރާ ތަންތަނާ ޖެހިގަންނައިރު ކުރެވޭ ކަމުގެ ހައްސާސްކަން ޝުޖާއަށް އެބަ އެނގޭ ހެއްޔެވެ. ތައުލީމުގެ މުހިންމުކަމާ ބޭނުން އެނގޭނީވެސް އެދުރު ގެއެއްގެ ދޮރުމަތިންވެސް ދިޔަނަމަތާއެވެ.
ދައުލަތުން ތައުލީމަށް ހޭދަކުރުމަކީ ސްކޭމެކޭ ޝުޖާ ބުނާއިރު އިވެންޓް މެނޭޖުކުރުމުގެ ނަމުގައި ދައުލަތުން އެތައް މިލިޔަން ރުފިޔާ ދަވާލަމުން ދާކަށް ނޭނގޭ ކުދަކުއްޖަކުވެސް ނެތޭ ރަށުތެރޭގައި ކިޔާއުޅެއެވެ. މިސާލެއްގެ ގޮތުން މުއިއްޒު ވެރިކަމަށް ހުވާކުރި ރަސްމިއްޔާތަށް އެކަނި ބަލާލިޔަސް ސްކޭމް ހިންގައިގެން ފައިސާ ހޯދަނީ ކާކު ކިހިނެތްކަން އެނގޭނެއެވެ. ހަލާލެއް ހަރާމެއް ނުބަލާ ތިމާއަށް ދަވާލެވުނު ގޮތަކަށް ދަވާލަމުން ސްކޭމޭ ކިޔާކަށް ތާހިރެއް ނޫނެވެ.