ބާ ކައުންސިލަށް ވާވަރުވެސް އުއްތަމަ ފަނޑިޔާރަށް ކޮށްނުލެވޭ!

ބާ ކައުންސިލަށް ވާވަރުވެސް އުއްތަމަ ފަނޑިޔާރަށް ކޮށްނުލެވޭ!

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންކަމުގައިވާ ޑރ. އަޒްމިރަލްދާ އާއި އުސްތާޒް މަހާޒު އަލީ ޒާހިރު ސިޔާސީ ނުފޫޒުން މަގާމުން ވަކިކުރަން ކުރެވޭ މަސައްކަތްތަކާމެދު ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ކަންބޮޑުވުމެއްނެތެވެ. ރައީސް މުއިއްޒުގެ ސިޔާސީ ބޭނުމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ތަކެއް ހަވަރަށްދޭއިރު އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުންނެވީ ހަނެވެ. ކަހަރުވަކެކޭ ވެސް ހީނުވެއެވެ.

މުއިއްޒުގެ ނުފޫޒުން ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އުޅޭއުޅުން އުއްތަމަ ފަނޑިޔާރަށް ބޮޑު ނުވިޔަސް ރާއްޖޭގެ ގާނޫނީ ދާއިރާގެ ކަންބޮޑުވުމަކަށް އެކަން ވަނީވެފައެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ބާކައުންސިލުގެ ކަންބޮޑުވުންތަކާއި ކަށަވަރުކުރަން ބޭނުންވާ ކަންކަން ރައްޔިތުންގެ މަޖިލީހާ ވަނީ ހިއްސާކޮށްފައެވެ. ހަމައެހެންމެ މަޖިލީހުގެ ފަރާތުން ކަށަވަރު ކޮށްދިނުމަށް އެދުނު ކަންކަން ދިވެހި ރައްޔިތުންނާވެސް ބާ ކައުންސިލުން ވަނީ ހިއްސާކޮށްފައެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ހިންގި ތަހުގީގު ހިންގުމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތު ތަކާއި އެއްގޮތަށް ރަނގަޅަށްތޯ ކަށަވަރު ކޮށްދިނުމަށް ބާ ކައުންސިލުން މަޖިލީހުގައި ވަނީ އެދިފައެވެ. ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީން ފާހަގަކޮށްފައިވާ ކަންކަން ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްތޯ ކަށަވަރު ކުރުމަށްވެސް އެދިފައިވެއެވެ. 

ތުހުމަތުކުރެވޭ ފަރާތްތަކަށް ލިބިދޭންޖެހޭ ގާނޫނީ ހައްގުތައް ތަހުގީގުގައި ލިބިދިންތޯ އާއި ޖޭއެސްސީގެ ނިންމުމަކީ ހުށަހެޅުނު އެންމެހާ ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއްތޯ ޔަގީން ކުރުމަށް މަޖިލީހުގައި ބާކައުންސިލުން އެދިފައިވެއެވެ. ޖޭއެސްސީގެ ނިންމުތަކަށް ވާސިލުވެފައިވަނީ ބުރަދަންހުރި ހެކިތަކެއްގެ މައްޗަށްތޯ އާއި މައްސަލައިގެ ޑިއު ޕްރޮސަސް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރު ކޮށްދިނުމަށްވެސް ބާކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލައަށް ގޮތްނިންމުމުގައި ދެ ފަނޑިޔާރުންނާއި އެ ބޭފުޅުންގެ ވަކީލުންނަށް ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް އެކަށީގެންވާ ވަގުތު ދެއްވުމަށާއި ފަނޑިޔާރުންގެ މައްސަލައިގެ ކޮމެޓީ ބައްދަލުވުންތަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ. ދެ ފަނޑިޔާރުންގެ މައްސަލަ ނިންމުމުގައި އިޖުރާޢީ އަދުލުވެރިކަން ގާއިމުކޮށް ދިނުމަށް ބާކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވެއެވެ. 

ސްޕްރީމް ކޯޓްގެ ބެންޗް ރޫޅާ އަޅާލާއިރު ބާ ކައުންސިލުން ކޮށްލިވަރުވެސް ކޮށްލަން އުއްތަމަ ފަނޑިޔާރަށް ނުކެރުނެވެ. އުއްތަމަ ފަނޑިޔާރަކު ރާއްޖޭގައި އެބަހުރިތޯ މީހުން މިހާރު ސުވާލު އުފައްދައެވެ.