ނަޒާހަތްތެރިކަން ކަށަވަރުކޮށްދިން ހުކުމެއް

ގާނޫނު އަސާސީގެ ރޫހަކީ ނަޒާހަތްތެރިކަން

ނަޒާހަތްތެރިކަން ކަށަވަރުކޮށްދިން ހުކުމެއް

ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދެ ޝަރުތެއް ފުރިހަމަ ނުވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމީ މިއަދު ހެދުނެވެ. ސްޕްރީމް ކޯތްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ތަފާތު ރައުޔެއް ނެތި ހުރިހާ ފަނޑިޔާރުން ތާއީދުކުރެއްވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށެވެ. 

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނަށެވެ. އެ މަނިކުފާނަކީ މަނީލޯންޑަރިންގއާއި ރިޝްވަތު ހިފުމުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެވެމުންދާ ބޭފުޅެކެވެ. މި ވަގުތު ވެސް ޖަލުގައި ހުންނެވީ ޖަލުގައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ 11 އަހަރަށް ޖަލަށްލުމަށާއި ޖޫރިމަނާގެ ގޮތުގައި 5 މިލިއަން ޑޮލަރު ދެއްކުމެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެވެމުންދާތީއާއި ދައްކަން ހުކުމް ކޮށްފައިވާ 5 މިލިއަން ޑޮލަރު ހުކުމުގެ މުއްދަތުގައި ދައްކަވާފައި ނުވާތީ އެޖުރުމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާތީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން މި ދިޔަ އަންގާރަ ދުވަހު ވަނީ ނިންމާފައެވެ.

އިލެކްޝަން ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް ނިންމ، ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ދެ ޝަރުތު ފުރިހަމަ ނުވާތީ އެވެ. ރައީސް ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި ދެސަބަބު:

  • ޔާމީނަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ބޭފުޅަކަށް ވުމާ އެކު، އެ ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާތީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ޝަރުތެއް ފުރިހަމަ ނުވުން.
  • ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ އެކު ކުރި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކައި ހަލާސްކޮށްފައި ނުވާތީ، ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް އޮތްކަން އެނގެން އޮތުމުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަނުވުން.

އިލެކްޝަންސް ކޮމިޝަނުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އެޓަނީޖެނެރަލްގެ އޮފީސް ތަދައްހުލު ކުރުވާ ޕީޕީއެމް ތަދައްހުލުވެގެން އިލެކްސަންސްއާ ދެކޮޅަށް ރައީސް ޔާމީނު ހުށަހެޅުއްވި މައްސަލައިގެ އަޑު އެހުންތައް އޮތީ މިދިޔަ ހުކުރު ދުވަހު ސްޕްރީމް ކޯޓުގައެވެ. ސްޕްރީމް ކޯތުގެ ހުރިހާ ފަނޑިޔާރުން ބެންޗުގައި ތިއްބަވައިގެންނެވެ. މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ މިއަދު އެވެ. ސްޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

މައްސަލާގައި ސުޕްރީމް ކޯޓުން ޖަވާބު ދޭން ޖެހޭ އޮތީ ދެ ސުވާލަކަށް ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރައްވާ ރައުޔު ބިނާކުރެއްވީ ދެކަމެއްގެ މައްޗަށެވެ. އެ ދެކަމަކީ:

1- ޔާމީން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތްތޯއެވެ. 
2- ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމަކަށް ވާން ޖެހޭތޯ ނުވަތަ ނޫންތޯއެވެ.
ސާބީތު ދަރަންޏެއް އޮތްތޯ ބެއްލެވުމުން ފާހަގަވެ ވަޑައިގެން ކަންކަން:
  • އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަން.
  • ސާބިތިވީ ކުށަށް އައިސްފައިވާ ހުކުމް:

1- ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް

2- މަނީ ލޯންޑްރިންގެ ކުށަށް 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާ އަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް

3- 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމް ކުރާދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭ ދައްކަން އޮތް ކުކުމެއް (ޖޫރިމަނާ ދައްކަން އޮތް މުއްދަތު 2023ގެ ޖޫން މަހަށް އޮތީ ހަމަވެފައި)

މި ނުކުތާގައި ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ޖޫރިމަނާގެ މުއްދަތު ހަމަވި އިރު ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ފައިސާ ދައްކާފައި ނުވާކަން ފާހަގަ ކުރެއްވި އެވެ. އެ ފައިސާ ދައްކަން އަންގައި މިދިޔަ މަހުގެ 3ގައި މީރާ އިން ޔާމީނަށް ނޯޓިސް ފޮނުވާފައިވާކަން އެނގެން އޮންނަ ކަމަށް ވިދާޅުވިއެވެ. "އެ ލިޔުން އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ބަންދުކުރައްވާފައިވާ ޖަލަށް ފޮނުވައި އޭނާއާ ހަވާލުކުރުމަށް ގެންދިއުމުން، އެ ލިޔުން އޭނާގެ ގާނޫނީ ވަކީލުންގެ ޓީމާ ހަވާލުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ގާތުގައި އެދިފައިވާ ކަމަށް އެ އިދާރާގެ 6 ޖުލައި 2023 އިގުރާރުގައި ބަޔާންވެފައިވޭ،" ސުއޫދު ވިދާޅުވިއެވެ. އެ ލިޔުމުގައި ޔާމީން ސޮއިކުރައްވައި އިނގިލީގެ ނިޝާން ޖައްސަވާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. 

ސުއޫދުގެ ރައުޔުގައި ވިދާޅުވީ، މުއްދަތު ހަމަވިއިރު ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމަކީ އެ ޖޫރިމަނާގެ ފައިސާ ސާބިތު ދަރަންޏަކަށް ބަދަލުވާނެ ކަމެއް ކަމަށެވެ.  އެވާހަކަފުޅަށް ބާރު ދެއްވަމުން އިތުރަށް ސުއޫދު ވިދާޅުވީ ފައިސާ ދައްކަން ކޯޓަކުން އަމުރުކޮށްފައި ވާއިރު، ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައި އޮތުމަކީ ޖޫރިމަނާގެ ފައިސާ ނުދައްކަން އޮތް ސަބަބެއް ނޫން ކަމަށެވެ.

ރައީސް ޔާމީނުގެ ސާބިތު ދަރަންޏެއް އޮތްކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ބުރަވެ ވަޑައިގެން ނިންމެވި ރައުޔު: "ޔާމީން ދައްކަވަން ޖެހޭ 5 މިލިއަން ޑޮލަރު ހަ މަސްދުވަސް ތެރޭ ދައްކަން ކޯޓަކުން އަންގާފައި ވާއިރު، ހައި ކޯޓުން އެ ފައިސާ ދެއްކުން ފަސްކުރަން އަމުރުކޮށްފައި ނެތުމުން، ކެންޑިޑެސީ ފޯމު ހުށަހެޅުއްވިިއިރު ޔާމީން ދައްކަން ޖެހޭ ސާބިތު ދަރަަންޏެއް އޮތްކަން އެނގޭ. ވީމާ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ދެކެން،" ސުއޫދުގެ ވިދާޅުވިއެވެ. އެބުރަވެ ވަޑައިގަތުމަށް ބާރުލިބޭ ސަބަބެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވީ"ޖޫރިމަނާގެ ތަފްސީލުތައް އެނގިފައި ނެތް ކަމަށް ބުނުމާއި ހުކުމް އިސްތިއުނާފްކޮށްފައިވާ ކަމަށް ބުނުމަކީ އެ ޖޫރިމަނާ އަކީ ސާބިތު ދަރަންޏެއް ނޫން ކަމަށް ބެލެމަށް ބުރަދަނެއް ދެވިދާނެ ސަބަބުތަކެއް ކަމަށް އަހުރެން ނުދެެކެން." ކަމަށެވެ. 

މުޅި މައްސަލައިގެ ހަފަރާތަށް ރިއާޔަތް ކުރައްވާ ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވި ރައުޔަށް ކުޑަވެސް ހިލާފެއް ނުއުފައްދަވާ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ބ) އަދި (ޅ)ގައި ބުނާ ޝަރުތު ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.