ބޮޑު ހިޔާނާތުގާ ޔާމީނުގެ މައްސަލަތައް އިސްވަނީ ކީއްވެ!

އެމްއެމްޕީއާރުސީ ހިޔާނާތުގައި ޔާމީނަށް ޝަރީއަތް ނުހިންގާ އެހެން މީހެއްގެ މައްޗަށް ޝަރީއަތެއް ނުހިންގޭނެ

ބޮޑު ހިޔާނާތުގާ ޔާމީނުގެ މައްސަލަތައް އިސްވަނީ ކީއްވެ!

ކުރީގެ ރައީސް ޔާމިނު މަނީލޯންޑަރ ކުރިކަމާއި ރިޝްވަތު ހިފިކަން ކްރިމިނަލް ކޯޓަށް އެ އޮތީ ސާބިތުވެފައެވެ. ދެ އަނގަ ޖަމީލަކަށް ޓޮމަކަށް އެ ހުކުމެއް ބަދަލެއް ނުކުރެވޭނެއެވެ. އަދުރޭ އަކަސް ހުކުމުގެ ހަލާލު ހަރާމެއް ކަނޑައެއް ނެޅޭނެއެވެ. ނޫސްކޮންފަރެންސަކުން މުޒާހަރާއަކުން ޓްވިޓަރ އަކުން އެ ހުކުމެއް ބާތިލެއް ނުކުރެވޭނެއެވެ.

ހުކުމާ މެދު ހިތް ހަމަ ނުޖެހެންޏާ އިސްތުއުނާފް ކުރަން ހައިކޯޓަށް ދާށެވެ. ހައިކޯޓުގައި ހުއްޖަތް ގާއިމުކޮށްގެން ހުކުމް ބަދަލު ކޮށްލާށެވެ. ނޫނީ ބާތިލު ކޮށްލާށެވެ. ހައިކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް ދާށެވެ. ޔާމީނަށް ހެޔޮ އެދެންޏާ މިއަދު ކޮށްދޭންވީ އެކަމެވެ.

ޔާމީނު ނޫނަސް ކިތަންމެ ބަޔަކު ޖަލު ހުކުމް ތަންފީޒު ކުރަމުން އެބަދެއެވެ. އެ މީހުނަށް ވެސް ހުކުމް ކުރީ ރާއްޖޭގެ ކޯޓު ތަކުންނެވެ. ޖަލުގައި ތިބިހާ ބަޔަކު އެތިބިއްޔަކީ އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމާ މެދު ހިތް ހަމަ ޖެހިގެނެއް ނޫނެވެ. ނިޔާއަށް ތަބާ ވެގެންނެވެ. ހައްޔަރުގައި ތިބި އެހެން މީހުނަށް ނުގެއްލުނު ހައްގެއް ޔާމީނަށް ގެއްލިގެން ފަސާދަ އުފައްދަން މަގުތަކަށް ނިކުމެ ތެޅި ބޭލީމާ ފައިބާނީ އެ ބައެއްގެ ހުޅުނބެވެ. މާސް މީޑިއާ ހެޑްލައިން ހަދަން މީސް މީޑިއާ އާއި ނޫސް ކޮންފަރެންސް ތަކުގައި ބޮޑެތި ވާހަކަ ދައްކަނީ އަމިއްލަ މީހާ މަޝްހޫރުވާށެވެ. ޔާމީނަށް ހެވެއް އެދިގެނެއް ނޫނެވެ.

އާނއެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި " ސްޓޭޓް ސްޕޮންސަރޑް" އެންމެ ބޮޑު ހިޔާނާތެވެ. ރައްޔިތުންގެ ހައްގު ތަކަށް ރައްކާތެރި ވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުރި މީހާގެ އަމިއްލަ އެކައުންޓްތައް ގޮތް ނޭނގޭ ފައިސާ ތަކުން ފުރި ބަންޑުންވިމާ "ހޮޅުއަށީގައި އިންނަ އާދަންބެ" ވެސް އެއީ ވަގެކޭ ބުނާނެއެވެ. ވެރިކަމުގައި ހުރެ އާއްމު އެއްވުމެއްގައި އަމިއްލަ ގެއަށް ވަން ފައިސާ ހަރާން ކަމާމެދު ޝައްކެއް ނެތްކަމަށް އަމިއްލަ ދުލުން ބުނީމާ އެއީ ދެއްކި ސިޔާސީ ވާހަކައަކަށް ނުވެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ރައީސަށް ލިބެނީ ދެ ލައްކައަށް ވުރެ ކުޑަ މިންވަރެކެވެ. މަގާމުގައި ހުރެ ވިޔާފާރި ކުރުން މަނާ ރައީސް ހިޔާނާތެއް ނުވެ ރިޝްވަތެއް ނުހިފާ އެކައުންޓުތައް މިލިޔަން މިލިޔަން ޑޮލަރުން ފުރިބާރު ބާރުވަނީ ދަރިމައިވާ މުސާރައެއް ލިބޭތީތާއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ އަވަހަށް އިންސާފު ނުހޯދާ އެކަމާ ގުޅުން ހުރި އެހެން އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގީމާ ވާގޮތް އެބަފެނޭ ނޫންހެއްޔެވެ. އަރާއި ބާރުގައި ހުރެ ކަމުން ރެކެން އަދީބާއި ޒިޔަތުގެ މައްޗަށް ޝަރީއަތް ހިންގާ ކުށް ސާބިތު ކޮށްފައި ތިބުމުން އެ ދެ މީހުންގެ ބަހަކީ ފާސިގު ހެކިބަހަށްވެ އެހެން މީހުން ކުށުން ބަރީއަވެގަތުމަށް އޮތް ހުއްޖަތަކަށް އެކަން އެބަ ހަދައެވެ. އެއްވެސް ކަމެއް ހިނގި ގޮތް އެ ކަމެއް ކުރުމުގައި އުޅުނު ބަޔަކަށް ވުރެ ރަނގަޅަކަށް އެހެން ބަޔަކަށް ނޭނގޭނެއެވެ. އެހެން ކަމަށް ވާނަމަ އެ ކަމެއްގައި އެންމެ އިސްކޮށް ހުރި މީހާކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިހަށް ނުބަލާ އެހެން މީހެއްގެ މައްސަލައެއް އިސް ކުރެވިގެން ނުވާނެއެވެ.

އަމްދުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމުން އެންމެ ފުރަތަމަ ބަލަން ޖެހެނީ އެކަމެކެވެ. މަގާމުގައި ހުންނަ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް އޭނާ މަގާމުން ވަކި ވަންދެން ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮތުމުން އެ މީހަކު މަގާމުން ވަކިވުމުން އެ ކަންކަން ބަލާ ތަހުގީގު ކުރަން ލާޒިމެވެ. ރައިސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ޝަރީއަތް ކުރުން އިސްވަނީ އެހެން ވެގެނެވެ.  

ރައީސް ޔާމީނު އައްޔަނުކޮށްފައި ހުރި ވަޒީރަކާއި އެމްޑީއަކު ބައިވެރި ވެގެން ދެ ތިން ހަތަރު އަހަރު ވަންދެން ދައުލަތް ދަވާލިއިރު ރައީސް ޔާމީނަށް ނޭނގުނީ ޔާމީނު ކޯމާއެއްގައި އޮތީމައެވެ. ބޮޑު ހިޔާނާތުގައި ރައީސް ޔާމިނުގެ ބައިވެރި ވުމެއް ނެތްނަމަ ރޭވިގެން ސަޅިކޮށް އެވަރުގެ ބޮޑު ހިޔާނާތެއް އަދީބަކަށް ޒިޔަތަކަށް ނުހިންގޭނެކަން ޔަގީނެވެ. އަމްދުން އެ ހިޔާނާތުގައި ސަތޭކައެއްހާ ފަޅުރަށާއި ފަޅުފަޅާއި ވިއްކާ ފައިސާތައް ހަަޖަމުކޮށް ނިންމިއިރު ޔާމީނަށް ދޮންކަޅު ނޭނގުމަކީ އަރަތެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީނަކީ ހިޔާނާތްތެރި އަކަށް ނުވަންޏާ ހިޔާނާތްތެރިއަކު ނޫޅޭނެއެވެ.