ބަދަލުދޭން ޖެހުނު ސަބަބު މެދުވެރިކުރުވި ފަރާތަށް އޮތީ ކޮންގޮތެއް
ގެއްލުމަކަށް ބަދަލުދޭން ޖެއްސި މީހަކު ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭނެ
ހަމަ ޖެހިފައި އޮންނަ އުސޫލެއްގެ ތެރެއިން ގެއްލުމުގެ ބަދަލު ހަމަޖައްސައިދިނުން ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަކީ ވަރަށްވެސް ބޭނުންތެރި މުހިންމު ކަމެކެވެ. ކުރެވޭ މުއާމަލާތުގެ އިތުބާރު ބޮޑުވެގެން ދާނެކަމެކެވެ. ދެފަރާތުގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ކަމެކެވެ.
ގެއްލުމުގެ ބަދަލު ދިނުމުގައި ލިޔެ ބަޔާންވެފައި އުސޫލެއް އޮތުމުން ދެފަރާތަށް ލިބޭ ގެއްލުން ކުޑަ ވެގެންދާނެއެވެ. ގާނޫނާއި، ގަވާއިދާއި، އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް އަމާޒުކޮށްގެން ގަސްދުގައި ކުރެވޭ ނޭއްގާނި ކަންކަން ކުރުމުގެ މަގު ބޮޑުތަނުން ހަނިކޮށް ލެވޭނެއެވެ. އުސޫލުން ބޭރުން ވަކިގޮތަކަށް އަމަލުކޮށްގެން ގެއްލޭ ފުރުސަތުތަކާއި މާލީ ގެއްލުމަށް އަދުލުވެރިކަމާއި ހާމަކަމާއެކު ދައުލަތުން އުފުލަންޖެހޭ ޒިންމާ ދައުލަތުން އުފުލާނެކަން ކަށަވަރު ވެގެން ދާނެއެވެ. ހަމަ އެހެންމެ އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަށް ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކުރެވިފައި އޮތުމުގެ މުހިންމުކަން ވަކީން ބޮޑެވެ.
އެއްބަސް ވުމެއްގައި ވަކި މުއްދަތެއްގައި ވަކިގޮތަކަށް ކުރަން ބަޔާންކުރެވިފައި ހުންނަ ކަންކަން އެގޮތަކަށް ނުކުރުމުން އިންތިހާ ދަރަޖައިގެ ގެއްލުން ލިބެނީ މަދެއްކޮށް ނޫނެވެ. ވަކިފަރާތަކަށް ކަމެއް ވިޔަ ނުދިނުމަށް ނުވަތަ ދަތިކުރުމަށް އަމާޒުކޮށްގެން އެއްބަސްވުމާ ހިލާފުވުމަކީ އާދައިގެ ކަމަކަށް މުޖުތަމައުގައިވަނީ ވެފައެވެ. އަމްދުން އާރާ ބާރުގައި ތިބެ ކުރެވެން ހުންނަކަންކަން ގަސްތުގައި ވަކިފަރާތަކަށް އަމާޒުކޮށް ކޮށްނުދިނުމާ ލަސްކޮށް ފަސްކުރުމަކީ އާއްމު ގޮތެއްގައި ހިނގާކަންކަމެވެ. އެފަދަ ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުމާދެރަ ލިބޭ ފަރާތްތައް އިންތިހާއަށް ގިނައެވެ. އެކަންކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ތަންފީޒު ކުރުމަކީ ގަސްތުގައި ހިންގާ ނޭއްގާނި ކަންކަމުން އަރައިގަތުމަށް ކޮށުނު އަލި މަގެކެވެ.
ދައުލަތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ހިންގަން ފަށާއިރު ސަބަބު މެދުވެރި ކުރުވި ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލެއް ދޭން ޖެހޭނީ ދައުލަތުގެ ޒިންމާއެއް އަދާކުރުމާ ހަވާލުވެ ހުރި މީހަކު ގަސްދުގައި ކުރި ކަމެއް ނުވަތަ އިހުމާލެއްގެ ސަބަބުންނެވެ. ދައުލަތުން ގެއްލުމަކަށް ބަދަލެއް ދޭން ޖެހިއްޖެ ނަމަ އެ ކަމެއްގައި ސާމިލުވާ މީހަކު ނުވަތަ ބަޔަކު އެ މީހެއްގެ ސަބަބުން ދައުލަތަށް ލިބޭ ކޮންމެ ގެއްލުމެއްގައި ޒިންމާ އުފުލަން ނުޖެހޭ ނަމަ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރަމުން ދާނެއެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލެއް އޮތުމުގެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލުދޭ އުސޫލެއް އޮންނަން ޖެހޭފަދައިން ބަދަލު ދޭން ޖެހުނު ސަބަބު މެދުވެރިކުރި ފަރާތްތަކުން އަމަލުކުރިގޮތުން ދައުލަތަށް ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދޭނެ އުސޫލެއް ވެސް އޮންނަން ޖެހެއެވެ.