ހަމަ ހިމޭންކަމުގެ ސުވަރުގެ ކުދިކުދި ގާޒާތަކަކަށް

ޓައުންޝީޕް ޕްރޮގްރާމާއި ރަސްމާލެ | ‏ބޯމަތީގައި އޮތީ އެންމެ ވިލާގަނޑެއް ނޫން.

ހަމަ ހިމޭންކަމުގެ ސުވަރުގެ ކުދިކުދި ގާޒާތަކަކަށް

"ހެންލީ އެންޑް ޕާރޓްނަރސް" އަކީ ދިވެހި ސަރުކާރުގެ އިކޮނޮމިކް އެޑްވައިޒަރ އެކެވެ.  އެމީހުންގެ މައިގަނޑު ވިޔަފާރިއަކީ ދުނިޔޭގެ އެކި ގައުމުތަކުން ގެދޮރުގަނެގެން ވަޒަންވެރިކަން ހޯދުމުގެ ފުރުސަތު އެކަމަށް ބޭނުންވާ މީހުނަށް ހޯދައިދިނުމެވެ. މިމީހުންގެ އެންމެ ބޮޑު ކްލައިންޓް ބޭސްއަކީ އިޒްރޭލުގެ ޔަހޫދީންނެވެ. ހެންލީ އެންޑް ޕާރޓްނަރސް ގެ އެއްބަސްވުން ސިއްރެވެ. ހަމަ އެގޮތަށް އީގަލްސް ހިލްސް އާއި އެކު ހެދި ކޮމާރޝަލް އެއްބަސްވުން ވެސް ސިއްރެވެ. 

މުއިއްޒު ވެރިކަމަށް އައީ ދިވެހީންގެ އަތުން އުތުރު ތިލަފަޅު ބީވެފައިވާކަމަށް ބުނެ އިހުތިޖާޖު ކުރަމުންނެވެ. އެހެންވީ ކުރީން ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. އޭރު ކުރި ދައުވާއަކީ އެ ސިއްރު އެއްބަސްވުމުގައި އޮތް އެއްޗެއް ނޭގުމުގެ ދައުވާއެވެ. ވެރިކަން ހޯދީ ޓީޔޫއެފް އެއްބަސް ވުން ރައްޔިތުންނަށް ހާމަ ކުރާށެވެ. އާނއެކެވެ. އެތާ ތިބި ބަޔަކު އަދި އެތަނަށް އެރޭނެ ބަޔަކު އެގޭނީ އެއްބަސްވުމުގެ ފަތިފުށް ފެނިގެންނެވެ. ބުނެވޭ ގޮތުންނަމަ ދިވެހި އަސްކަރިއްޔާއަށް “އައުޓް އޮފް ބައުންޑް”އެވެ. އެކަމަކު ޔީޓީއެފް އެއްބަސްވުން ހާމަކުރަން އައި ސަރުކާރަށް މިއަދު އެކަންވެސް ވަރިހަމައެވެ.

2026 ވަނަ އަހަރުގެ އެޕްރީލް މަހު ރަސްމީކޮށް އިފްތިތާހުކޮށް ނޫނު އަތޮޅުގައި ހިންގާ ޕާރލް ރެސިޑެންސީގެ ހަގީގަތެއްވެސް ނޭގެއެވެ. ރަސްމާލެއަށް ވާނެ ގޮތެއް ވެސް ނޭގެއެވެ. ހަގީގަތަކީ ދާދި އެއްކަހަލަ މަގުސަދުތަކެއް ހާސިލުކުރުމުގެ ޕްރޮޖެކްޓް ތަކެއް ކަމެވެ. ޕާރލް ރެސިޑެންސީ ޕްރޮގްރާމަކީ ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބްލޫރޮކް ގްރޫޕުން ތަރައްގީ ކުރާ 790 މިލިޔަންޑޮލަރުގެ ޓައުންޝީޕް ޕްރޮގްރާމެކެވެ. ޕާރލް ރެސިޑެންސީ ޓައުންޝިޕް ޕްރޮގްރާމްގެ މާކެޓިންގއާއި ވަޒަންވެރިކުރާނެ ފައިސާވެރިން ހޯދުމުގެ އެންމެހާ ކަންކަން ހިންގަނީ ހެންލީ އެންޑް ޕާޓްނަރސް އިންނެވެ. ޓައުންޝިޕް ޕްރޮގްރާމާއެކު އުފެދިގެންދަނީ ދިވެހިރާއްޖޭގެ އެތެރޭގައި އިތުރު ކުދި ގައުމުތަކެކެވެެ. 

‏މިހެން މިކަން އޮތްއިރު، ހެންލީ އެންޑް ޕާރޓްނަޒްގެ ދެ އޮފީހެއް އިޒްރޭލްގައި ގާއިމް ކޮށްފައި ހުރެއެވެ. އެއް އޮފީސް ހުންނަނީ ޓެލްއަވީވްގެ ރޮތްޗައިލްޑް ބޮލިވާރޑްގައެވެ. ވަރަށްރީތި ބޮޑު ބަގީޗާއެކެވެ. އަނެއް އޮފީސް ހުންނަނީ ޖެރޫސަލަމްގެ ގާޓީ ޓަވަރގައެވެ. މިހާވަރުގަދަ އޮފީސްތަކެއް އެ ކުންފުނިން އިޒްރޭލްގައި ގާއިމް ކޮށްފައި އެވަނީ އެމީހުންގެ ވިޔަފާރި އެ ގައުމުގައި ފުޅާވެފައިވާ މިންވަރުންނެވެ. އިޒްރޭލަކީ ހެންލީގެ ވިޔަފާރީގެ ގަދަ 10 ގަ ހިމެނޭ އެންމެ ބާރަށް ވިޔަފާރި ކުރިއަރަމުންދާ ގައުމަށް ވާތީއެވެ. އެހެން ގައުމުތަކުގެ ރައްޔިތުކަން ބޭނުންވާ އިޒްރޭލު މީހުންގެ ނިސްބަތް 230 އިންސައްތަ ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި އިތުރުވެފައިވާތީއެވެ.

‏ހެންލީ އިން ދިވެހި ސަރުކާރާއި އެކު މިހާރުވެސް ކުރިޔަށްގެންދާ އެއް މަޝްރޫޢަކީ ނޫނުއަތޮޅުގެ އައިލާ މަޝްރޫޢެވެ. އެތަނުން އިޒްރޭލުގެ ގިނަބަޔަކު ގެދޮރުގަންނާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ހެންލީގެ ޗެއަރމަން އިޒްރޭލަށް 2025 ވަނައަހަރު ކުރެއްވި ދަތުރެއްގައި ހާމަކޮށްފައި އެބަވެއެވެ. އޭނާ އެވާހަކަ ދެއްކި އިރުވެސް އަދި މިހާރުވެސް އެއީ ދިވެހި ސަރުކާރުގެ އިގުތިސާދީ  މުޝްތަޝާރެކެވެ. ބައިވެރިއެކެވެ. އެއްބަސްވުމެއްގެ ދަށުންނެވެ.

‏ހެންލީއަކީ އިޒްރޭލްއާއި އެހެން ގައުމުތަކުގެ ފަރުދުންނަށް ރައްޔިތުކަން ހޯދައިދިނުމަށް ކުރާ ވިޔަފާރީގެ ދެފަޅިވެސް ކޮންޓްރޯލްކުރާ ކުންފުންޏެކެވެ. އެޕެކޭޖްތައް ގަންނަ ޢާންމުންގެ ފަޅީގައި ހެންލީން މަސައްކަތް ކުރާއިރު އެކި ގައުމު ތަކުގެ ސަރުކާރުތަކަށް އެކަމާބެހޭ ނިޒާމު ހަދައިދީ ތަންފީޒުކޮށްދެނީވެސް ހަމަ މި މީހުންނެވެ

ދިވެހިން ހަދައިގެން އުޅޭ ޕާރލް ރެސިޑެންސް ޕްރޮގްރާމްގެ ސިޔާސަތާއި ގަވާއިދުތަކާއި އުސޫލުތައް ފަރުމާކޮށް ދުނިޔެތެރޭގައި މި ޕްރޮގްރާމް ވިއްކުމުގެ މަސައްކަތްކުރަނީވެސް ހަމަ މި ކުންފުނިންނެވެ. މި ހިގަނީ ކޮންކަހަލަ ކަމެއްކަން ރޭކާލަނީ ދިވެހިންގެ ތެރެއިން ކިތަށް މީހުނަށް ހެއްޔެވެ؟   

އާއެކެވެ. ތިޔަ ވިސްނުނީ ރަގަޅަށެވެ. ދިވެހިރާއްޖެއިން "ބިދޭސީންނަށް ގެދޮރު ވިއްކައިގެން ރާއްޖޭގައި ބިދޭސީން ވަޒަންވެރި ކުރުވުމުގެ ވިޔަފާރި" ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިގުތިސާދީ މުޝްތަޝާރާއި، އިޒްރޭލުގެ ރައްޔިތުންނަށް އެހެން ގައުމު ތަކުގެ ރައްޔިތުކަން ހޯދައިދިނުމުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގާ ފަރާތާއި، ދިވެހިރާއްޖެއިން ގެދޮރުގަނެގެން މިތަނުގައި އިޒްރޭލުގެ ގިނަބަޔަކު ދިރިއުޅެން އަންނާނެކަމަށް އުންމީދުކޮށް ނޫނު އަތޮޅު އައިލާ މަޝްރޫޢިން ގޮދޮރު ވިއްކަން އިޒްރޭލުގައި އެ މަސައްކަތްކުރަނީ އެއްބައެކެވެ. އީގަލް ހިލްސް އަދި އީމާރ ކުންފުންޏަކީވެސް ހެންލީ ޕާރޓްނާރސް އާއި ގާތް ގުޅުމެއް އޮންނަ އެއްގޮތަކަށް މަސައްކަތް ކުރާ އެއް މަގުސަދެއްގައި ނިކުމެ ޔަހޫދީންނަށް އެހެންގައުމުތަކުގައި ވަޒަންވެރިވުމުގެ ފުރުސަތު ހޯދާދޭން މަސައްކަތް ކުރާ ޖަމާއަތްތަކުގެ ގޮތްޕެކެވެ. 

މިއަދުގެ ނިންމުންތަކުގެ އަސަރު ދިވެހީންނަށް ކުރާނީ ޒަމާން ތަކަކަށް ފަހުގައެވެ. އޭރުން އޮންނާނީ މާލަސްވެފައެވެ. ދިވެހިރާއްޖޭގައި އެހެން ރާއްޖެތަކެއް އުފެދިފައެވެ. ދިވެހިރާއްޖޭގައި އެހެން ދީންތައް އޯކޭވެފައި ޔަހޫދީން ވަރުގަދަ ވެފައެވެ. ދާހިލީ ހަމަނުޖެހުންތަކަށް ދޮރު ހުޅުވިފައެވެ. ހަމަ ހިމޭންކަމުގެ ސުވަރުގެ ކުދިކުދި ގާޒާތަކަކަށް ބަދަލުވެފައެވެ. ހައްދަވާ ގެންގުޅުއްވާ އިލާހް، މިދިވެހިރާއްޖޭގައި ތިބި ޔަހޫދީވިސްނުމުގެ މީހުންގެ ނުބައި ރޭވުންތައް ކާމިޔާބު ވިޔަ ނުދެއްވާ އަމަންއަމާން ކަމުގެ ސުވަރުގެއެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓަވާދޭވެ. އާމީން.