ވޭޕް މަނާކޮށް ސިގިރޭޓް ވިޔަފާރި ފުޅާކުރުމުގެ ޑްރާމާ

ވޭޕް އޮއިލްގެ ނަމުގައި ކެނަބިސް އޮއިލް އެތެރެކުރިކަމަށް ބުނެ ހެދީ ދޮގެއް!

ވޭޕް މަނާކޮށް ސިގިރޭޓް ވިޔަފާރި ފުޅާކުރުމުގެ ޑްރާމާ

ރައީސް މުއިއްޒާއި މުއިއްޒު ސަރުކާރަކީ ޑްރާމާގެ މާ ބޮޑުބައެކެވެ. ކޮންމެ ކަމެއްގައިވެސް އޮންނަނީ ޑްރާމާއެވެ. ވޭޕް މަނާކުރުންވެސް ހަދާލީ ބޮޑު ޑްރާމާ އަކަށެވެ. އިއްޔެ ހަވީރު 5.39 ގައި އެކްސްގައި މުއިއްޒު ކުއްލި ޕޯސްޓެއް ކޮށްގެން ވޭޕްކުރުން ހުއްޓުވާލީއެވެ. 

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރަނީ ޔޯލައެވެ. ދިވެހި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އެ ތާރީހުން ފެށިގެން މަނާކުރަނީ ޔޯލައެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމަށް ނުވިއްޔާ ގައިނަސީބެވެ.   

ކުއްލި ގޮތަކަށް މުއިއްޒު ނިންމި ނިންމުމާ ގުޅިގެން މުސާރަވެރިންނާއި ބޮޓުންގެ ތައުރީފްތައް ސޯޝަލް މީޑިއާގައި އޮހިގަތެވެ. އެހެނަސް އެ ނިންމުމަށް ފާޑުކިޔުން ވެސް ވަކި މަދެއްނޫނެވެ. ސިނގިރޭޓްގެ ވިޔަފާރިއަށް އަޅާދިން ބާރެއްކަމަށް ވެސް ކީބަޔަކު ކިޔެވެ. 

ވޭޕާއި ގުޅޭގޮތުން ރައީސް ނިންމި ނިންމުމާއެކު ދެން ފެތުރިގެން ދިޔައީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކެނެބިސް ވޭޕް އޮއިލް ޝިޕްމެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެން ހަބަރެވެ. ރަސްމީ ގޮތުން އެކަން ކަށަވަރުކޮށްދިނީ ދާހިލީ ވަޒީރު އަލީ އިހުސާނެވެ. ދާހިލީ ވަޒީރު އެކަން ކަށަވަރުކޮށްދޭން ވެސް ޕޯސްޓެއް ކުރީ އެކްސް ގައެވެ. 

އަތުލައިގެން ތަކެތީގެ ފޮޓޯއަކާއި އެކު އެކްސްގައި ރޭގެ 11.23ގައި އިހުސާން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެތަކެތި ރާއްޖެ އެތެރެ ކުރަން އުޅެފައި ވަނީ ވޭޕް އޮއިލްގެ ނަމުގައި ކަމަށެވެ. އިހުސާން އެ ޕޯސްޓް ކުރިއިރުވެސް އެ ބުނި ވޭޕް އޮއިލް ޝިޕްމަންޓް ކަސްޓަމުން ވަނީ ދޫކޮށްލާފައެވެ. އެ ޝިޕްމެންޓުގެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުން ދާކަމަށް ބުނެ އަލީ އިހުސާނު ރާއްޖޭގެ ނޫހަކަށް ދިނީވެސް ދޮގު މައުލޫމާތެކެވެ. ޝިޕްމަންޓް ދޫކޮށްލާފައި ވާކަން އޭގެ ވެރި ފަރާތުން ކަށަވަރު ކޮށްދެއެވެ. 

ވޭޕް އޮއިލްގެ ނަމުގައި ކެނަބިސް އޮއިލް އެތެރެކުރަން ބަޔަކު އުޅުނުކަމަށް ބުނެ ދޮގު ވާހަކައެއް ވަޒީރު އިހުސާން ފަތުރާލީ މުއިއްޒުގެ ނިންމުމަށް ބާރު ދިނުމުގެ ގޮތުންނެވެ. ސިނގިރޭޓް ދޫކޮށް ވޭޕަށް ހިޖުރަކުރުން ހުއްޓުވާ ސިނގިރޭޓުން ޓެކްސްގެ ގޮތުގައި ސަރުކާރަށް ލިބޭ އެއްޗެއް މަދުވިޔަ ނުދިނުމަކީ ވޭޕް މަނާކުރާ ބޭނުންކަމަށް ދެކޭ މީހުން މަދެއްނޫނެވެ. އާއްމު ސިއްހަތަށްޓަކައި ކުރާ ކަމެއްނަމަ އެތެރެ ކުރުމާއި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ދިނުމާއި ބޭނުންކުރުން މަނާ ކުރާނީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކެވެ.