ހުސްވި އަހަރު ތާރީހުވެސް ނުދެކޭވަރަށް ކޮރަޕްޝަން ހިންގި: ޝާހިދު
ގާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިއުލާން ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ބަހާލާފައި ވާކަމަށާއި ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުން މިސަރުކާރުން މިވަނީ އާންމުކޮށްފިކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. ގާނޫނު އަސާސީން ކަށަވަރު ކޮށްދިން އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މި ސަރުކާރުން ނަގާލާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުހައްގުން ފަނޑިޔާރުން މަގާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލިހުގެމެމްބަރުން އަޅުވެތިކޮށް، މިނިވަން މުވައްސަސާތަކުގެ އިސް މަގާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ޕީ.އެން.ސީ ސަރުކާރުން ނެތިކޮށްލާފައި ވާކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.
ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައިވާކަމަށް ވިދާޅުވެ ހުސްވި އަހަރު ރައީސް މުއިއްޒު ސަރުކާރުން ކޮށްފައިވާ ކަންކަމަށް ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މޭރުމުން ވާހަކަފުޅު ދެއްކެވީ އައު އަހަރާއި ގުޅިގެން މީސްމީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
އެމްޑީޕީގެ ރައީސް ޝާހިދުގެ އެމެސެޖުގައި ވަރަށް މުހިންމު އެހެން ވާހަކަފުޅުތަކެއް ވެސް ދައްކަވާފައިވެއެވެ. އެގޮތުން 2026 ވަނަ އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއްކަމަށް ވިދާޅުވަމުން މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިގްތިސޯދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރާންވީ ވަގުތުކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ހާލުގައި ޖެއްސުމަށް މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށެވެ. މިއީ ހައްގުތައްކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިއީ ދިވެހި ގައުމުގެ ދިފާއުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށެވެ.
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހެދުމަށް ޝާހިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.




