ޖެހިފާހުރި އިސް ރައީސް މުއިއްޒު ނަގަނީ ގަދަކަމުން
ރައީސް މުއިއްޒު އިސްނަގައިފިޔޭ ބުނެފިނަމަ އެކަމެއް އެކުރަނީ ގޮތް ހުސްވެގެން
ފަހަކަށް އައިސް މާގިނައެއްކޮށް އިވޭ ވާހަކައެކެވެ. ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިންނާއި ދަށުން ކަންތައްތަކެއް ކުރާވާހަކައެކެވެ.
ރައީސް މުއިއްޒުގެ އިސްނެގުން މިހުންނަނީ އާފާޑަކަށެވެ. އަމިއްލައަށް ފެނިގެން އިސްވެކުރާކަމެއް ކުރާން އުޅޭކަމެއް ނެތެވެ. އަމްދުން ރައީސްގެ އިސްނަގައިގެން ކަމެއްކޮށްފިޔޭ ބުނެފިނަމަ އެކަމަކީ އެކަމެއް ނުކޮށްގެން ބަޔަކު އަޑުއުފުލާ ކަމަކަށް ނޫނީ ނުވެއެވެ. ރައީސް މުއިއްޒު އިސްނަގައިގެން ކަމެއްކޮށްފިޔޭ ބުނެފިނަމަ ބަލާނެ ކަމެއްނެތެވެ. އެކަމެއް އެކުރަނީ މަޖުބޫރު ވެގެންނެވެ. ނުކޮށް ނުވެގެންނެވެ. އެގޮތުން ކުރާ ގިނަކަންކަން ކުރަނީ އުނބަށް ޖަހާ އުސޫލުންނެވެ.
އިއްޔެ ރައީސް އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮގަންނަން ލިބޭ އަގު ހެޔޮކޮށްފިކަމަށް އެބަބުނެއެވެ. ރައީސް އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިންނަށް ތެޔޮ އަގުހެޔޮ ކުރަން އިސްނަގަން ރައީސަށް އެނގުނީ މަސްވެރިން ނިކުމެ މުޒާހަރާކޮށް ގޮތް ހުސްކޮށްލުމުންނެވެ.
ޕީއެސްއެމް މެދުވެރިކޮށް ރައީސް އިސްނަގައިގެން ފަލަސްތީނާއެކު ދިވެހިން ތިބިކަމަށް ދައްކަން ތެލެތޯން ބާއްވަން އެގެނީވެސް ގޮތް ހުސްވެގެންނެވެ. އިޒުރޭލު ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލެވޭ އަޑު ގަދަވެ ގޮތް ހުސްވެގެން ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިގެން މީޑިއާ ސްޓަންޓެއް ރައީސް އިސްނަގައިގެން ޖައްސާލީއެވެ.
ފަލަސްތީނު ރައްޔިތުންނަށް ކާމީޔާބާ ނަސްރަށް އެދި ފަސްނަމާދުގައި ކިޔަމުން އައި ގުނޫތު ހުއްޓާލުމަށް ފަހު ހަތަރުފަސް މަސްފަހުން އަލުން ގުނޫތު ކިޔަން ފެށިފެށުންވެސްވީ ރައީސްގެ އިންނެގުމަކަށެވެ. ފަސްވަގުތު ނަމާދަށް ގޮވުންވެސް ރައީސްގެ އިސްނެގުމަކަށް ހަދާފާނެއެވެ.
ކަރަންޓް ބިލްތަކަށް ލުޔެއްދިނުމުގައި ޑިސްކައުންޓްގެ ގޮތުގައި ރޯދަމަހު ކަނޑާލި ބައި ޖެހިގެން އައި ބިލަށް ވައްދާލީ ދުންބުރައިގެން ދާވަރަށެވެ. ހަމައެއް ލަމައެއް އެޔެއް މިޔެއް ނުބަލައެވެ. އަރައިގެން ރުޅިން މީހުންގަނޑު ކެކިއަރައިގަތުމުން އެއްކަލަ ރައީސް އިސްނަގައިގެން ކަރަންޓް ބިލުތައް މުރާޖިއާ ކުރަން ނިންމީޔޯލައެވެ.
ރަތްމަހަށް ނުގޮވާހާ އެއްޗެތި އިންޑިއާއަށް ގޮވާ ޒަމާންވީ ގުޅުން ގޯސްކޮށްލުމަށްފަހު ރައީސް އިސްނަގައިގެން ގުޅުން ރަނގަޅުކުރަން އުޅުމަކީވެސް އެކަހަލަ އަރަތެކެވެ. ބޮކުބާރު ދައްކަން އުޅެއުޅެ އެކަން ނުވުމުން އިސްނަގައިގެން ނާށިގަނޑު ހިފައިގެން ސަލާން ޖަހަންފެށީމާ ކައިރީގައި ބައިންދައިގެން ވަށިވަށިން ދީފާ ބާނާލިގޮތް ލަހެއްނުވެ ފެންނަން ފަށާނެއެވެ.
ކަމަކާ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަން ފެށުމުން ކިރިޔާކަމެއް ކޮށްލާ ވާހަކަ ބުންޏަސް މުއިއްޒުގެ ބޮޓުންގެ ކަމަކީ ރައީސް އިސްނެގިއްޔޭ ކިޔައިގެން ސުރުހީ ހަދައިގެން ފެތުރުމެވެ. ރައީސް މުއިއްޒު އިސްނަގައިފިޔޭ ބުނެފިނަމަ ބަލާނެ ކަމެއްނެތެވެ. އެކަމެއް ކުރާނީ ގޮތް ހުސްވެގެންނެވެ. އެހެންގޮތެއް ނެތިގެންނެވެ.