އަބުރޭކިޔަނީ ކުރާ ވައްކަމާ ހިޔާނާތް ފޮރުވަން

ހިތަށް އެރިހާ އެއްޗެއް ބުނެ ހިތުހުރި ކަމެއްކޮށް މަތިމައްޗަށް ދޮގުހެދުމަކީ މުއިއްޒަށް ވެސް އޮތް ހައްގެއް ނޫނެވެ. ރައްޔިތުން ރާއްޖޭގެ ރައީސްކަމަށް ފަސްއަހަރަށް ހޮވުމަކީ މުއިއްޒު ކުރާނެހާ ކަމެއްކޮށް ދައްކާނެހާ ވާހަކައެއް ދައްކާ ދޮގުވައުދުވުމަށް ދިން ލައިސަންސެއް ނޫނެވެ.
ކިތަންމެ ރުޅިއަޔަސް މުއުއިއްޒު އިސްވެހުރެ ދައުލަތް ދަވާލާ ވާހަކަ ދައްކާނެއެވެ. ލިޔަންވެސް ލިޔާނެއެވެ. މުއިއްޒު ހިތުހުރި ގޮތެއް ގައުމާ ރައްޔިތުންނަށް ހަދަމުންދާއިރު އެވާހަކަ ދައްކާނެއެވެ. ލިޔެ ހަގިގަތް ހާމަ ކުރާނެއެވެ.
ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބެގެން ހިތުހުރި ގޮތަކަށް ކަންތައް ކުރަންޏާ އެވާހަކަ ދެއްކުމަކީ އަބުރާ ބެހުމެއް ނޫނެވެ. ރައްޔިތުންގެ ކަންކަމާ ހަވާލުނުވެ ރައްޔިތުންގެ މުދަލާ ފައިސާއަށް އިހުމާލުނުވެ ގޭގައި އޮންނަ މީހެއްގެ ވާހަކައެއް މީހަކު ނުދައްކާނެއެވެ.
މާބޮޑު އަބުރަކާ އިއްޒަތުއްނަފްސްގެ ވާހަކަ މުއިއްޒު ކަހަލަ ހާއިނުން ދައްކާނެކަން އެނގެއެވެ. ފާރަވެރި ލޯތައް އެހެން ދިމާއަކަށް އަނބުރާލަން ބޮޑެތި ދީނީ ވާހަކަ ދައްކަނީ ކުރާވައްކަމާ ވާހިޔާނަތުގެ ވާހަކައިގެ އަޑު ކަނޑުވާލުމަށެވެ.
ރަސްމާލެ ޓަނަލްއަޅަން ފީޒިބިލިޓީ ހަދާ ކޮންސަލްޓެންސީ ހަދަން ބަޔަކާ ހަވާލުކުރިކަމަށް ބުންޏެވެ. ބޮޑުވެގެންވާ އެދޮގު ޒާތުގެ އެތައް ހާސް ދޮގެއް ފާޅުގައި ރައްޔިތުންނަށް ހަދާފައިހުރި ކައްޒާބަކަށް ހައްގު ބަސް ބުނާ އަޑު އަހާކަށް ކެތެއް ނުވާނެއެވެ. ވާނީ ފުލަށް އައިހާ އެއްޗެއްކިޔާ ހިތަށް އެރިހާ އެއްޗެއް ލިޔާކަމަށެވެ.
އަބުރާ އިއްޒަތުގެ ވާހަކަ ދައްކާ ބޮޑެތި އުގޫބާތް ކަޑައަޅާ ޖުރިމަނާކޮށް ޖަލަށްލާ ރަޖިސްޓްރީ ބާތިލުކުރިޔަސް ފަރުވާލެއްނެތެވެ. ހައްގުބަސް ބުނުމާއި މުއިއްޒުގެ ވައްކަމާއި ހިޔާނަތާއި ފަސާދައިގެ އެޕިސޯޑްތައް ހާމަކުރުމުގައި ފަސްނުޖެހޭ އެތައް ހާސް ބަޔަކު މިއަދު އެބަތިއްބެވެ. ދުލާއި ގަލަމުގައި ތަޅިު އެޅުވުމުގެ ކުރިން މުއިއްޒު ހަތަރެސް ފައިގާ ބިޑި ނޭޅޭނެ ކަމެއް ނޭނގެއެވެ.