ފަރުބަދައަށް އެރުމުގެ ރެކޯޑްމުގުރާ ނޭޕާލްގެ ޕޫރްޖާ މަރުވެއްޖެ

7000 މީޓަރު މަތީގައި ބްރޯޑް ޕީކް ފަރުބަދައިގައި ހުއްޓާ

ފަރުބަދައަށް އެރުމުގެ ރެކޯޑްމުގުރާ ނޭޕާލްގެ ޕޫރްޖާ މަރުވެއްޖެ

ދުނިޔޭގެ އެންމެ އުސް 14 ފަރުބަދައަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަރައި ދުނިޔޭގެ ރެކޯޑުތައް މުގުރާލި ނޭޕާލްގެ މަޝްހޫރު ފަރުބަދައަށް އަރާ މީހާ، ނިރްމަލް ޕުރުޖާ، ޕާކިސްތާނުގެ ބްރޯޑް ޕީކަށް އަރަނިކޮށް ކުރިމަތިވި ސުނާމީއެއް ފަދަ ގަނޑުފެން ފޭބުމުގެ ހާދިސާއެއްގައި މަރުވެއްޖެއެވެ.

ނިރްމަލް ޕުރުޖާ މަރުވިކަން އޭނާގެ ކުންފުނި ކަމަށްވާ "އެލީޓް އެކްސްޕެޑިޝަން" އިން ހޮނިހިރު ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު، އުސްމިނުގައި 8051 މީޓަރު ހުންނަ ބްރޯޑް ޕީކްގައި 7000 މީޓަރު މަތީގައި އޭނާ ހުއްޓައެވެ. މި ހާދިސާއާ ގުޅިގެން ޕުރުޖާއާއެކު 10 މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ނޭޕާލްގެ 6 މީހުން ހިމެނެއެވެ.

ރެކޯޑުތައް މުގުރާލި ފަރުބަދައަށް އަރާ މީހާ

ފަރުބަދައަށް އަރާ މީހުންގެ މެދުގައި "ނިމްސް ދާއި" ގެ ނަމުން މަޝްހޫރުވެފައިވާ ޕުރުޖާ ދުނިޔޭގެ ސަމާލުކަމަށް އައީ 2019 ވަނަ އަހަރު އޭނާ ފެށި "ޕްރޮޖެކްޓް ޕޮސިބަލް" އާ އެކުގައެވެ. މިއީ ދުނިޔޭގެ 8000 މީޓަރަށްވުރެ އުސް ހުރިހާ ފަރުބަދައަކަށް (ޖުމްލަ 14 ފަރުބަދަ) ހަތް މަސް ދުވަހުގެ ތެރޭގައި އަރައި ނިންމުމަށް އޭނާ ކަނޑައެޅި އަމާޒެކެވެ.

މިއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، ޕުރުޖާ ވަނީ އެންމެ 6 މަހާއި 6 ދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކޮށްފައެވެ. މިއީ މީގެ ކުރިން ދެކުނު ކޮރެއާގެ ކިމް ޗަންގް-ހޯ ގާއިމުކޮށްފައިވާ 8 އަހަރުވީ ރެކޯޑު މުގުރާލުމެކެވެ. މީގެ އިތުރުން އޭނާ ވަނީ މައުންޓް އެވަރެސްޓް، ލޯޓްސޭ އަދި މަކާލޫ އަށް 48 ގަޑިއިރު ތެރޭގައި އެރި ފުރަތަމަ މީހާގެ ޝަރަފުވެސް ހޯދާފައެވެ. އަދި 2021 ވަނަ އަހަރު ފިނި މޫސުމުގައި ކޭ-2 ފަރުބަދައަށް ފުރަތަމަ ފަހަރަށް އެރި ޓީމުގައިވެސް އޭނާ ހިމެނެއެވެ.

ތިންވަނަ ދަތުރުވީ ފުރާނަދިޔަ ދަތުރަށް

ބްރޯޑް ޕީކަށް ޕުރުޖާ އެންމެ ފުރަތަމަ އެރީ 2019 ވަނަ އަހަރު "ޕްރޮޖެކްޓް ޕޮސިބަލް" ގެ ދަށުންނެވެ. އޭގެ ފަހުން 2022 ވަނަ އަހަރު އޮކްސިޖަން ނުލައި އޭނާ އެ ފަރުބަދައަށް އެރިއެވެ. ނަމަވެސް، މި ފަހަރު އޭނާ ކުރި ތިންވަނަ ދަތުރުގައި ދިމާވި ގަނޑުފެން ފޭބުމުގެ ހާދިސާގައި އޭނާގެ ފުރާނަ ވަނީ ގެއްލިފައެވެ.

އަސްކަރީ ހިދުމަތުން ފަރުބަދަތަކަށް

1983 ވަނަ އަހަރު ނޭޕާލްގެ މިއަގްދީ ޑިސްޓްރިކްޓަށް އުފަންވި ޕުރުޖާ އަކީ އަސްކަރީ ހިދުމަތުގެ ދިގު ތާރީހެއް އޮތް އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބައްޕައާއި ތިން ބޭބެއިންނަކީވެސް "ގޯރްކާ" ސިފައިންނެވެ. އާއިލީ ސުންނަތާ އެއްގޮތަށް އޭނާވެސް އެންމެ ފުރަތަމަ ގުޅުނީ އިނގިރޭސި އަސްކަރިއްޔާގެ ގޯރްކާ ރެޖިމެންޓާއެވެ. އޭގެ ފަހުން އޭނާ ވެގެންދިޔައީ އިނގިރޭސި ރޯޔަލް ނޭވީގެ އެލީޓް ފޯސް "ސްޕެޝަލް ބޯޓް ސާވިސް" އަށް ހޮވުނު ފުރަތަމަ ނޭޕާލް މީހާއަށެވެ.

އަސްކަރިއްޔާގައި އޭނާ ކުރި ތަޖުރިބާތަކަކީ ފަރުބަދައަށް އެރުމަށް އޭނާއަށް ލިބުނު ބޮޑު ހިތްވަރެކެވެ. 2018 ވަނަ އަހަރު އަސްކަރިއްޔާއިން ވަކިވެ، އޭނާގެ މުޅި ދިރިއުޅުން ފަރުބަދައަށް އެރުމަށް ހުސްކުރިއެވެ. މި ދަތުރުތަކަށް ފައިސާ ހޯދުމަށް އޭނާގެ އަމިއްލަ ގެވެސް ވިއްކާލިއެވެ.

ނިރްމަލް ޕުރުޖާގެ މި އާދަޔާހިލާފު ކާމިޔާބީތައް " 14 ޕީކްްސް: ނަތިންގ އިސް އިމްޕޮސިބްލް" ގެ ނަމުގައި ނެޓްފްލިކްސް ޑޮކިއުމަންޓްރީއެއްގެ ގޮތުގައި ވަނީ ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީގެ ސަބަބުން ނޭޕާލްގެ ފަރުބަދައަށް އަރާ މީހުންނާއި "ޝެރްޕާއިން" ކުރާ ބުރަ މަސައްކަތް މުޅި ދުނިޔެއަށް އެނގިގެންދިޔައެވެ. އަދި 2020 ވަނަ އަހަރު އޭނާ ވަނީ " ބިޔޮން ޕޮސިބްލް" ގެ ނަމުގައި އޭނާގެ ހަޔާތުނާމާ ވެސް ނެރެފައެވެ.