ނިޒާމް ވަނީ ކުނިވެފާ | ރައްޔިތުން ޝުއޫރު ފާޅުކުރަން ތައްޔާރު
ޒިންމާދާރުކަން އަލުން އިއާދަކުރަންވީ ވަގުތު ޖެހިއްޖެ
އިންޑިއާގެ ޒުވާނުން ތިބީ ކެތްތެރިކަން ކޮޅުންލާފައެވެ. އިމްތިހާނުތަކުގެ މައްސަލަތަކާއި، ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވުމާއި، ލިބެން ހުރި ފުރުސަތުތައް އަތުން ބީވެގެންދާތާ އަހަރުތަކެއް ވުމަށްފަހު، މިހާރު އެ ކަންބޮޑުވުންތައް ވަނީ ސޯޝަލް މީޑިއާގައާއި މަގުމަތީގައި ބޮޑު ނުރުހުމަކަށް ބަދަލުވެފައެވެ. އަދި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.
ބޮސްޓަން ޔުނިވަރސިޓީން ތައުލީމު ހާސިލުކޮށްފައިވާ އިންޑިއާގެ ޒުވާނަކަށް، މި މަންޒަރު ދުރުގައި ހުރެގެން ބަލަން ހުރުން ކެތްކުރެވޭވަރުގެ ކަމަކަށް ނުވިއެވެ.
އިންޑިއާގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ކުރަފި އާންމުންގެ ޕާޓީ) އުފެއްދި، އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ، ނިއުދިއްލީއަށް ދިޔައީ އޭނާގެ ޖީލުގެ މި ރުޅިވެރިކަން އަމަލީ ހަރަކާތަކަށް ބަދަލުކުރުގެ އަޒުމުގައެވެ. އޭނާ ރާވާފައިވަނީ ޖަންތަރް މަންތަރް ސަރަހައްދުގައި މުޒާހަރާކޮށް، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލުމަށެވެ.
"އަހަރެން އެއަރޕޯޓުން ހައްޔަރުކޮށްފާނެތީ ރައްޓެހިންނާއި އާއިލާ ތިބީ ބިރުން،" ކަމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ދިޕްކޭ ބުނެފައިވެއެވެ. "އެކަމަކު ޖަލަށް ލާފާނެތީ އަހަރެން ބިރުން ހުންނަންވީ ކިހާ ދުވަހަކު؟ މި ގައުމަކީ ހަމައެކަނި އެއް ޕާޓީއެއްގެ މިލްކެއް ނޫން، މިއީ އަހަރެމެން އެންމެންގެ ގައުމެއް. މިއީ އަހަރެމެންގެ މުސްތަގުބަލާ ގުޅިފައިވާ ކަމެއް. އަހަރެމެންގެ މުސްތަގުބަލު މިދަނީ ބަނަވަމުން." ކަމަށް އޭނާ ބުންޏެވެ.
އޭނާ ދާތީ އެއަރޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ފުލުހުން ވަނީ ދިޕްކޭއާ ބައްދަލުކޮށް މުޒާހަރާ ކުރުމުގެ ހުއްދަ ދިނެވެ.
ޒުވާން ޖީލުގެ ނުރުހުން އަމާޒުވެފައިވާ މައިގަނޑު ސަބަބަކީ އިންޑިއާގެ ޔުނިވަރސިޓީތަކަށް ވަނުމަށް ބާއްވާ ވާދަވެރި އިމްތިހާނުތަކެވެ. މިއީ އެތައް މިލިއަން ދަރިވަރުންގެ މުސްތަގުބަލު ކަނޑައަޅާ، މަދު ޖާގަކޮޅަކަށް ވާދަކުރަންޖެހޭ ވަރަށް އުނދަގޫ އިމްތިހާނުތަކެކެވެ.
ނިޒާމުގެ ތެރޭގައި އިމްތިހާނު ކަރުދާސްތައް ލީކުވުމާއި، ފަންނީ މައްސަލަތައް ކުރިމަތިވުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަންކަމެވެ. މީގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެ، ދަރިންގެ މުސްތަގުބަލަށްޓަކައި ހުރިހާ އެއްޗެއް ގުރުބާންކުރާ އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
އުމުރުން 24 އަހަރުގެ ވެރޯނިކާ މަދަން ވަނީ މެޑިކަލް ސްކޫލަށް ވަނުމަށް ބާއްވާ އުނދަގޫ އިމްތިހާނުގައި ދެ ފަހަރަށް ބައިވެރިވެފައެވެ. އޭނާ ބުނާ ގޮތުގައި މި ފިއްތުންތައް ފެށެނީ އިމްތިހާނު އޮންނަ ދުވަހަކު ނޫނެވެ. އެއީ އެތައް މަހެއް ނުވަތަ އެތައް އަހަރެއް ކުރިން ފެށޭ ކަމެކެވެ.
"އެއީ ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބު ކުރަންޖެހޭނެ ކަމުގެ އިހުސާސާއި، އަމިއްލަ ނަފްސާއި އާއިލާ މާޔޫސްކޮށްލަން ޖެހިދާނެތީ އޮންނަ ބިރުވެރިކަމެއް،" އޭނާ ކިޔައިދިނެވެ.
މަދަން ދެ އަހަރު ދުވަހު ތައްޔާރުވީ ނަމަވެސް، ގައުމުގެ އެންމެ މަތީ މެޑިކަލް ކޮލެޖަކުން ޖާގައެއް ހޯދޭވަރުގެ މާކްސްއެއް އޭނާއަކަށް ނުލިބުނެވެ. އޭނާ ބުނީ އެއީ ވަރަށް މާޔޫސްވި ވަގުތެއް ކަމަށާއި، ނަމަވެސް މިހާރު ފޮރެންސިކް ސައިންސްގެ ދާއިރާއިން މާސްޓާސްއަށް ކިޔަވަމުންދާ ކަމަށެވެ.
ވަޒީފާ ނެތުމުގެ ބޮޑު މައްސަލަ
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި 1.4 ބިލިއަން މީހުން ދިރިއުޅެއެވެ. ބެންގަލޫރުގެ އަޒީމް ޕްރެމްޖީ ޔުނިވަރސިޓީގެ ރިޕޯޓެއް ބުނާގޮތުން، އެ ގައުމުގައި 15 އަހަރާއި 29 އަހަރާ ދެމެދުގެ 360 މިލިއަނަށްވުރެ ގިނަ ޒުވާނުން އެބަތިއްބެވެ. މި ޒުވާން ޖީލަކީ ތައުލީމީ ގޮތުން ކުރިއަރާފައިވާ، ޓެކްނޮލޮޖީއަށް އަހުލުވެރި، އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ މުޖުތަމައުގައި ކުރިއަށްދާން އަޒުމު ކަނޑައަޅައިގެން ތިބި ބައެކެވެ. ނަމަވެސް އުންމީދުތަކަށް ހުރަސް އެޅެނީ ހަގީގީ ހާލަތު އޮތްގޮތުންނެވެ.
ރިޕޯޓުތައް ބުނާގޮތުން މި އުމުރުފުރާގެ މީހުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ ވަރަށް މަތީގައެވެ. އުމުރުން 25 އަހަރުން ދަށުގެ ގްރެޖުއޭޓުންގެ ތެރެއިން ގާތްގަނޑަކަށް 40 އިންސައްތަ މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. އަދި 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ 20 އިންސައްތަ މީހުން ތިބީ ވަޒީފާއެއް ނެތިއެވެ.
މީގެ އިތުރުން ތަކެތީގެ އަގުބޮޑުވުމާއި، ވެރިކަމުގައި ތިބި ފަރާތްތަކުން އެމީހުންގެ އަޑު ނާހާކަމުގެ އިހުސާސް ޒުވާނުންގެ މެދުގައި ދަނީ ބޮޑުވަމުންނެވެ.
މި ހިތްހަމަނުޖެހުންތަކުގެ ތެރެއިން "ކޮކްރޯޗް ޖަންތާ ޕާޓީ" އުފެދިގެން އައީ މީމްތަކާއި މަލާމާތް އެކުލެވޭ ހަރަކާތްތަކަކާއި އެކުގައެވެ. އެންމެ ހަފުތާއެއްގެ ތެރޭގައި މި ޕާޓީއަށް 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ލިބިފައިވެއެވެ. މިއީ ޒުވާނުންގެ ރުޅިވެރިކަން ދައްކުވައިދޭ ކަމެކެވެ. އޭއައި ބޭނުންކޮށްގެން ހަދާފައިވާ " ކުރަފި"ގެ ފޮޓޯތައް ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ވަނީ ފެތުރިފައެވެ.
ކުރަފި ޕާޓީ އުފެދެން ދިމާވީ އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންޓް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވަނީ ވަޒީފާ ނެތް ޒުވާނުންނަށް "ކުރަފި" (cockroaches) އޭ ބުނެ މުހާތަބުކޮށްފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ފަހުން އޭނާ އެކަން ސާފުކޮށްދެއްވަމުން ވިދާޅުވީ، އޭނާ އިޝާރާތް ކުރެއްވީ ވަގު ސެޓްފިކެޓް ބޭނުންކޮށްގެން ވަޒީފާތަކަށް ވަންނަ މީހުންނަށް ކަމަށެވެ. އެހެންނަމަވެސް، އޭރު އޮތީ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައެވެ.
މި ހާދިސާ ދިމާވީ ޔުނިވަރސިޓީ އިމްތިހާނުތަކާ ގުޅިގެން މީހުންގެ ރުޅިވެރިކަން އިންތިހާއަށް ގޮސްފައި އޮތް ވަގުތެއްގައެވެ. އިންޑިއާގެ އެންމެ ބޮޑު މެޑިކަލް އިމްތިހާނުގައި ބައިވެރިވި 2 މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ ނަތީޖާ ބާތިލުކުރީ، އިމްތިހާނު ކަރުދާސް ލީކުވި ކަމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. މިފަދަ ލީކުވުންތަކަކީ މިހާރުގެ ސަރުކާރު އައުމުގެ ކުރިންވެސް ހިނގަމުން އައި ކަންކަމަށް ވީނަމަވެސް، ދަރިވަރުންގެ ކެތްތެރިކަން މިހާރު ވަނީ ކޮޅުންލާފައެވެ.
ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް
ފަހަކަށް އައިސް ދެކުނު އޭޝިއާގެ ގައުމުތަކުގައި ޒުވާނުން އިސްވެ ތިބެ ހިންގާ ހަރަކާތްތަކުން ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ބަންގްލަދޭޝްގައި ދަރިވަރުން ފެށި ހަރަކާތް ބޮޑުވެ، ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓި، އެކަމަނާ ގައުމުން ފުރަން ޖެހުނެވެ. އޭގެ އަހަރެއް ކުރިން ނޭޕާލުގައި ވެސް ޒުވާނުންގެ ހަރަކާތްތަކުގެ ސަބަބުން ސަރުކާރު ބަދަލުވެ، ރެޕް އާޓިސްޓަކުން ސިޔާސީ މީހަކަށް ބަދަލުވި ބަލެންދުރާ ޝާހް ފަދަ ބޭފުޅުންނަށް ބާރުތައް ލިބިގެންދިޔައެވެ.
ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ހިންދީ ލީޑަޝިޕްގެ ދަށުން ހިންގާ ބީޖޭޕީ ސަރުކާރުން ފާއިތުވި ދިހަ އަހަރު ތެރޭގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާފައިވެއެވެ. ނޫޓު އުވާލުމުގެ ނިންމުމާއި، އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ދަނޑުވެރިންގެ މުޒާހަރާތަކުގެ އިތުރުން، ކޮވިޑް-19 ގެ ނުރައްކާތެރި ދެވަނަ ރާޅުގައި ދުނިޔޭގެ ސަމާލުކަން ލިބުނު ކަންކަން މީގެ ތެރޭގައި ހިމެނެއެވެ.
އެހެންނަމަވެސް، މޯދީގެ ސިޔާސީ މަގުބޫލުކަން އަދިވެސް އޮތީ ވަރުގަދަކޮށެވެ. އޭނާ އަންނަނީ އިންތިހާބުތަކުން ބޮޑު އަގުލަބިއްޔަތެއް ހޯދަމުންނެވެ. އަދި ބީޖޭޕީން ވަނީ ކުރިން އެ ޕާޓީއަށް ތާއީދު ކުޑަ ސަރަހައްދުތަކުގައި ވެސް ފައިތިލަ ސާބިތުކޮށްފައެވެ.

ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ ދިޕްކޭ ބުނި ގޮތުގައި، މީގެ ފަސް އަހަރު ކުރިން މޯދީއާ ނުވަތަ ސަރުކާރާ ދެކޮޅަށް ބަސް ބުނަން އެކަކުވެސް ހުރީ ތައްޔާރަކަށް ނޫނެވެ. ނަމަވެސް މިހާރު "ޒަމާން ބަދަލުވަމުންދާ" ކަމަށް އޭނާ ފާހަގަކުރިއެވެ. މިހާރު އެ ޕާޓީން ވަނީ ތިން ތަރުޖަމާނުން އައްޔަންކޮށްފައެވެ. އެއީ އިންވެސްޓިގޭޓިވް ނޫސްވެރިއަކާއި، ފިލްމު އުފައްދާ މީހަކާއި، މެކިންސީގެ ކުރީގެ މުވައްޒަފެކެވެ.
"އަހަރެމެންނަކީ ޒުވާނުންގެ ސިޔާސީ ހަރަކާތެއް. އަހަރެމެންގެ އެދުމަކީ ނިޒާމުގެ ތެރޭގައި ޖަވާބުދާރީވުން އޮތުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ސޯރަވް ދާސް ބުންޏެވެ. "ނިޒާމު ވަނީ ވަރަށް ބޮޑަށް ކުނިވެފައި. ރައްޔިތުން މިހާރު ތިބީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަން ތައްޔާރަށް.ރައްޔިތުން މިހާރު ތިބީ އެމީހުންގެ ޝުއޫރުތައް ފާޅުކުރަން ތައްޔާރަށް." ކަމަށް އޭނާ ބުނެއެވެ.
އިންޑިއާގައި މިނިވަން ނޫސްވެރިކަން ދަށަށް ދިއުމާއި، މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވާކަމަށް އިޝާރާތް ކުރަމުން ދާސް ބުންޏެވެ: އިންޑިއާގައި ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވާތާ އެތައް އަހަރެއް ވެއްޖެކަން އެނގޭނެ ކަމަށާއި ކޮކްރޮޗް ޕާޓީން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭނެ ކަމަށްވެސް ދާސް ބުންޏެވެ.
ދިޕްކޭ ދިއްލީއަށް ދިއުމާއެކު، އޭނާ ރާވާފައިވާ ހަރަކާތްތައް ވަނީ ފެށިފައެވެ. އޭނާއާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ ވެރިރަށުގެ ސިޔާސީ ހަރަކާތްތަކުގެ މަރުކަޒު ކަމަށްވާ ޖަންތަރް މަންތަރްގައި މުޒާހަރާ ކުރުމުގެ ހުއްދަ ލިބިފައެވެ.
"އަހަރެމެންގެ މުޒާހަރާ ކުރިއަށްދާނީ ސުލްހަވެރިކަމާއެކު. އެއީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ކުރިއަށްދާނެ ކަމެއް،" ދިޕްކޭ ބުންޏެވެ. "މިއީ ޒިންމާދާރުކަން އަލުން އިއާދަކުރަންވީ ވަގުތު." ކަމަށްވެސް އޭނާ ބުންޏެވެ.


