އާސަންދަ ފިއްތާލައިގެން ބަޔަކު މަރަށްތެޅުނަސް މުއިއްޒަށް ވަރިހަމަ!

ރައީސް މުއިއްޒުގެ ކުރިމަތީގައި ދިވެހިރައްޔިތުންގެ ދިރިތިބުމުގެ ހައްގަކީ އެހެން ހުރިހާ ކަމަކަށްވުރެ ދަށުގައި އޮންނަ ކަމެއްކަހަލައެވެ. އެކަން އެނގެނީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުންނެވެ. ރައްޔިތުންނަށް ކާންބޯން ދެވޭނެ ގޮތް ހެދުމުގެ ފަހަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދާދިނުމަށްވުރެ މުހިންމު އެހެން ކަމެއް ނުއޮންނާނެއެވެ. ރަޢްޔިތުންނަށް ދިރިތިބުން ކަށަވަރު ކޮށްނުދެވޭ ސަރުކާރެއްގެ ބޭނުމެއްނެތެވެ.
ނަމުގައި ރާއްޖޭން ބޭސްފަރުވާ ނުކުރެވޭ ކަމެއް ނެތެވެ. ސަރުކާރުން ބުނާ ގޮތުން އައިޖީއެމްއެޗުން ހުރިހާކަމެއް ވެސް ކުރެވެއެވެ. އެހެން ނަމަވެސް ހަގީގަތަކީ އައިޖީއެމްއެޗުން ފަރުވާކޮށްގެން މަދު މީހަކު ނޫނީ ބައްޔައްކުން އަރައިގަނެވިފައެއް ނެތެވެ. ވާނީވެސް އެހެންތާއެވެ.
ވަކިބަލި ބައްޔަށް ހާއްސަ ޑޮކްޓަރުން ތިބެނީ ކޮންމެ ދާއިރާއަކުންވެސް ދެތިން މީހެކެވެ. އެއިން މީހަކަށް އެޕޮއިންޓްމަންޓެއް ލިބޭނީ ހުކުރު ހައްޖުވާ ހެންނެވެ. އެއްފަހަރުން އަނެއް ފަހަރަށް ޑޮކްޓަރަށް ދެއްކެނީ މަސް ދެމަސް ވާފަހުންނެވެ. ޑޮކްޓަރަށް ދެއްކިގެން ފަރުވާކުރުމަށް ފެށުމުގެ ކުރިން ފަރުވާދޭ ޑޮކްޓަރު ދައްކަން ބުނާ ގުޅުން ހުރި ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ނުލިބިގެން ނުދެއްކި އެތައް ދުވަހެއް ދެއެވެ. އަނެއްކޮޅުން ލިޔެދޭ ބޭހެއް ލިބޭކަށް ނުހުރެއެވެ. އޮޕަރޭޝަނެއް ކުރަންޖެހިއްޖެއްޔާ ތިއޭޓަރެއް ނުލިބެއެވެ. އެޑްމިޓްކުރަން ބެޑެއް ނުލިބެއެވެ.
މަދު ބައްޔެއްގައި ނޫނީ ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކޭނެ ދެވަނަ އޮޕްޝަނެއް ނޯވެއެވެ. ރާއްޖޭގެ ނިޒާމުގެ ތެރޭގައި ތާށިވެގެން ފަރުވާކުރަން އުޅޭ މީހާއަށް ފަރުވާ ނުކުރެވި ދިގުލައިގެން ގޮސް ބަލިބޮޑުވެ ފުރާނައަށް ނުރައްކާވާއިރުވެސް ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން ބޭރުން ފަރުވާ ހޯދަން އާސަންދަ ދިނުމަކީ އޮންނަނީ ހަރާން ކަމަކަށް ހަދާފައެވެ.
އާސަންދަ ލިބިގެން ބޭރަށް ފޮނުވާ ބަލިމީހާވެސް އާސަންދައިގައި ތާށިވެ ލިބެންހުރެ ފަރުވާ ނުލިބި މަރަށްތެޅުން މިހާރު ވަނީ އާއްމުކަމަކަށް ވެފައެވެ. ވަކި ބައްޔަކަށް ފަރުވާކުރަން އަސަންދަ ދީފައި ރާއްޖޭން ބޭރަށް ފޮނުވާ ބަލިމީހާއަށް ފަރުވާކުރާ ޑޮކްޓަރ ބައްޔަށް ފަރުވާކުރުމުގެ ތެރޭގައި ކަށަވަރު ކުރަން ބޭނުންވާ ކަންކަން ބެލުމަށް ދައްކަން ބުނާ އެހެން ދާއިރާއެއްގެ ހާއްސަ ޑޮކްޓަރަކު ހައްދަން ބުނާ ޓެސްޓެއް ދޭ ބޭހެއް ގިނަ ފަހަރު އާސަންދައިން ކަވަރެއް ނުކުރެއެވެ.
މިސާލެއްގެ ގޮތުން ކެންސަރުގެ ބަލިމީހަކަށް ފަރުވަދޭ ޑޮކްޓަރ އެދުމުގެ މަތިން ހިތުގެ ޑޮކްޓަރަކަށް ނުވަތަ ގޭސްޓްރިކް ޑޮކްޓަރަކަށް ނުވަތަ ފުއްޕާމޭގެ ޑޮކްޓަރަކަށް ދެއްކުމުން އެ ޑޮކްޓަރަކު ހަދަންދޭ ޓެސްޓްތަކާއި ނަގަން ބުނާ ބޭސް އާސަންދައިން ކަވަރެއް ނުކުރެއެވެ. ކެންސަރުގެ ފަރުވާ ކުރިއަަށް ދާން އޮތީ އެކަންކަން ކޮށްގެން ކަމަށް ވިޔަސް ވަރިހަމައެވެ. ސިދާ ކެންސަރާ ގުޅުން ހުރި ޓެސްޓާއި ބޭހަށް ނުވާތީ އާސަންދަ ނުލިބިގެން ކެންސަރުގެ ފަރުވާއަށް ހުރަސް އެޅިފައިތިބި އެތައް ބަޔަކު ރާއްޖޭން ބޭރުގައި އާސަންދައިގެ ދަށުން ފަރުވާއަށް ގޮސް މަރަށް ތެޅިތެޅި އެބަތިއްބެވެ.
އާސަންދަ ފިއްތާލައިގެން ބަލިމީހުން މަރަށްތެޅުނަސް ސަރުކާރުގެ ހަރަދުގައި ފުލުފުލުގައި މުއިއްޒު ދަތުރު ދިއުމާއި ޝިއުނާއާއި މަލްޝާމެން ކަހަލަ އެތައް ބަޔަކަށް ކޮންމެ މަހަކު ލައްކަ ލައްކައި މުސާރަ ދެވެނިކޮށް މުއިއްޒަށް ވަރިހަމައެވެ.