އަލައްބާރު ރަސްމާލެ ބިނާކުރާނީ އޭނާގެ ކަސްޓަމަރުނަށް ބޭނުންވާ ގޮތަށް
ރަސްމާލެ ތަރައްގީކުރުމުގައި މުއިއްޒަށް ޖެހޭނީ އަލައްބާރު އެދޭހާގޮތަކާ ރުހެން
ތަރައްގީ ކުރުމަކަށް ރައްޔިތުންގެ ތެރެއިން އެކަކުވެސް ދެކޮޅެއް ނޫނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅު ހަދަނީ ނުނިމޭ 99 އަހަރަށް 500 ހެކްޓަރ ބިން ބޭރު ބަޔަކަށް ދޭށެވެ. ރައްޔިތުން ދެކޮޅު ހަދަނީ އެ ބައެއްގެ މައްޗަށް ބަސްނުވިކޭނެ ގާނޫނު ނުހިނގާނެ ބޮޑެތި މަހުޖަނުންނަށް ޕްރޮޕަޓީ ވިއްކާ އެ މީހުނަށް ރަށްވެހިކަން ދޭށެވެ. ރައްޔިތުން ދެކޮޅުހަދަނީ ޒަޔަނިސްޓު މަހުޖަނުންގެ އައްޑާއަކަށް ރާއްޖެ ހަދަން ފުރުސަތު ލިބޭނެތީއެވެ. ރައްޔިތުން ދެކޮޅު ހަދަނީ ރަސްމާލޭން 500 ހެކްޓަރު ބިންދިނުމުގައި ރައްޔިތުން ދެކޭގޮތް ނުބަލާ ހާމަކަން ކުޑަ ގޮތަކަށް ސިއްރުސިއްރުން ދޫކޮށްލަން އުޅޭތީއެވެ. ރައްޔިތުން ދެކޮޅު ހަދަނީ ސަރުކާރުން މިހާރު ކަންކުރަން އުޅޭ ގޮތަށް ކޮށްގެން ނިކުންނަ ނަތީޖާއާ ދަރިންގެ ދަރީން ބައްދަލު ކުރާށެވެ.
އަލައްބާރު ބުނަނީ އޭނާއަކީ ވިޔަފާރި ކުރާ މީހެއް ކަމަށެވެ. ވިޔަފާރި ކުރާމީހަކު އޭނާގެ ވިޔަފާރި ބިނާކުރާނީ އޭނާގެ ކަސްޓަމަރުންނަށް އަމާޒުކޮށެވެ. އޭނާގެ ވިޔަފާރި ބައްޓަން ކުރާނީ އެންމެ ފައިދާ ބޮޑު ، އެންމެ މަންފާވާނެ ކަމަށް ދެކޭ ގޮތަކަށެވެ. ވިޔަފާރީގެ ޓާގެޓް ގްރޫޕްތަކަށް ބޭނުންވާ ގޮތަށެވެ.
ޓާގެޓް ގްރޫޕްގައި ހިމެނޭ ވަކި ބަޔަކަށް ބައިވެރި ނުވޭ ގޮތަށް ބޮޑެތި ހުރަސްތަކެއް އޮތް ވިޔަފާރިއެއް ވިޔަފާރިވެރިއަކު ނުކުރާނެއެވެ. އެހެން ކަމުން އަލައްބާރެއް ކަމަކު ވާނީ ވަކީން އެހެން ކޮންގޮތެއް ހެއްޔެވެ.
ރަސްމާލޭގައި ގާއިމުކުރާ އަލައްބާރުގެ ވިޔަފާރީގެ ޓާގެޓް ގްރޫޕަކީ މިސްކިތު މުދިމުންނާއި ގާރީވެރިންނާއި ހާފިޒުންނާއި އިމާމުންނަކަށް ނުވާނެއެވެ. ދުނިޔޭގެ އުފާތަކުން މަހުރޫމުވެގެން ތިބި ދެއްކުންތެރިކަމެއް ނެތި ކަދުރު އޮށަކުން ހައިފިލުވާލައިގެން އުޅޭ މައުސޫމު ބަޔަކު ކަމުގައިވެސް އަލައްބާރުގެ ޓާގެޓް ގްރޫޕެއް ނުވާނެއެވެ. އަލައްބާރުގެ ރަސްމާލެ ބިނާކުރާނީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށެވެ.
އަލައްބާރުގެ ހުރިހާ ބިޒްނަސް މޮޑެލަކީ ވެސް ދުނިޔޭގެ ފައިސާވެރިންނަށް އަމާޒުވާ ބިޒްނަސް މޮޑެލެވެ. އެކަމުން ރަސްމާލެ އިސްތިސްނާ ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ދުނިޔޭގެ ފައިސާ ވެރިންގެ ތެރޭގައި ޑްރަގް ލޯޑުން މަދެއްނޫނެވެ. ޖުވާރީން މަދެއް ނޫނެވެ. މާފިޔާ ގޭންޣްތައް މަދެއް ނޫނެވެ. ސްކޭމަރުން މަދެއް ނޫނެވެ. އަނެއްކޮޅުން ޒަޔަނިސްޓުންނާއި ޒަޔަނިސްޓުންނަށް ފަންޑްކުރާ މީހުންނެއްވެސް މަދެއްނޫނެވެ.
ރަލާއި އޫރުމަސް ހިތަކަށް ނުލިބޭ، ޖުވާ ނުކުޅެވޭ، ނައިޓްކްލަބް ނުހުންނަ ތަނަކުން ޕްރޮޕަޓީ ގަނެގެން އަންނާނީ މަދުބައެކެވެ. ބޮޑު އަގުދީފައި ޗުއްޓީ ހޭދަކޮށްލަން ދެތިން ހަތަރު ދުވަހަށް ލަގްޒަރީ ރިސޯޓަކަށް މަހުޖަނުން އަންނަހެން ބޭނުންވާ ހުރިހާ މަޖަލަކާއި އުފަލެއް ކުރެވެން ނެތް ތާކުން ޕްރޮޕަޓީ ގަނެގެން، ރައްވެހިކަން ގަނެގެން އަންނާނެ މީހަކު ނޫޅޭނެއެވެ. އެންމެ ރަނގަޅަށް އެކަން އެނގޭނީ ވެސް އަލައްބާރަށެވެ.
އެހެން އެކަން އޮތްއިރު މުއިއްޒު އެބުނާ ހުރިހާ ޝަރުތަކެއް ހަމަކޮށްގެން ތަރައްގީ ކުރަންޖެހޭ ރަސްމާލެއެއް އަލައްބާރަކަށް ނުއޮންނާނެއެވެ. އަލައްބާރުގެ ވިޔަފާރިއެއް ދިވެހިންނަށްޓަކާ ކޮމްޕްރަމައިޒެއް ނުކުރާނެއެވެ.
އަލައްބާރު ލައްވާ ރަސްމާލެ ތަރައްގީކުރަން ބޭނުމިއްޔާ މުއިއްޒަށް ޖެހޭނީ ޒަޔަނިސްޓުންނަށް ވެސް ރާއްޖޭގައި ވަޒަންވެރިވާން ފުރުސަތު ދޭށެވެ. ޕަބްތަކާއި ނައީޓްކުލަބްތަކާއި ކެސިނޯ މަރުކަޒުތަކަށްވެސް ޖާގަދޭށެވެ. ޗާޗާއި ފައްޅިއާއި ޔަހޫދީންގެ ސިނަގޯގު އަޅަން އެއްބަސްވާށެވެ.




