ރާއްޖެއަށް ޕޭޕަލް ގެނައުމުގައި މުއިއްޒުގެ ދައުރެއް ނެތް
ޕޭޕަލް ގެނައުމުގެ ހުރިހާ މަސައްކަތެއް ފަށައިގެން ނިންމީ ސޯލިހުގެ އެމްޑީޕީ ސަރުކާރުން
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ހޯދުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ރާއްޖޭގައި ގާއިމުކުރާ އައު ނޭޝަނަލް ޕޭމަންޓް ސިސްޓަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގައި އެމައުލުމާތު ހިއްސާކުރެއްވީ 20 އޮކްޓޫބަރ 2020ގައެވެ.
ޕޭޕަލްގެ ސްޓްރެޓީޖިކް ޕްލޭންގައި ރާއްޖެ ހިމެނޭތޯ ރަސްމީކޮށް ސިޓީ ފޮނުވާ އެހިދުމަތަށް އެދިފައިވާނެކަމަށް އެދުވަހު އެމްއެމްއެއިން ބުނެފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވެސް އެ ހިދުމަތަށް އެދިފައިވާކަމަށް އޭރުގެ ގަވަރުނަރު ވިދާޅުވިއެވެ. ހިދުމަތް ދިނުމާ މެދު ގޮތް ނިންމުން އޮތީ ޕޭޕަލްގެ އަތްމަތީގައި ކަމަށާއި، ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަމަކީ އައު ނިޒާމަށް ތައްޔާރުވުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިގޮތުގައި އައިއެސްއޯ 222 މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުން، ޕޭޕަލް ފަދަ ކުންފުނިތަކަށް ރާއްޖޭގައި ހިދުމަތް ދިނުމަށް ދިމާވާ ފަންނީ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އެހެން ކަމުން ޕޭޕަލް ގެނައުމަށްޓަކާ އައިއެސްއޯ 222 މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރީ ސަރުކާރުން ވަނީ ފަށަފައެވެ.
އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އޭރުލަފާ ކުރެވުނީ 2021 ގައެވެ. އެގޮތުން އީކޮމާސް ގަރާރަށް ބަހުސްކޮށް މަޖިލީހުން އެ ގަރާރު ބަލައިގަތެވެ. އަދި އެ ގަރާރުގައި ގަވަރުނަރު ފާހަގަ ކުރައްވި ނުކުތާތައް ހިމަނާ ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ކުރީސަރުކާރުގެ ދުވަސްވަރު މަޖިލީހާއި ސަރުކާރުން ވަނީ މުޅީން ނިންމާފައެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު ޕޭޕާލް ގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކުރީ ސަރުކާރުން ކޮށް ނިންމާފައެވެ. ދައުރު ފދެބައިވެގެން ދިޔައިރުވެސް ޕޭޕާލް ހިދުމަތް ރާއްޖެއަށް ނުހޯދި ދިގުލައިގެން ދިޔައީ ރާއްޖޭގެ މަލީ ނިޒާމާމެދު ދުނިޔޭގެ މަލީ އިދާރާތަކުގެ އިތުބާރު ސަރުކާރަށް ނުހޯދި ދިގުލައިގެން ދިޔުމުންނެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްވުމަކީ މުއިއްޒު ސަރުކާރުން މެޑެލްޖަހާ ފޮނި ކެނޑެން އޮތްކަމެއް ނޫނެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ އެމްޑީޕީ ސަރުކާރަށެވެ. ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން މުއިއްޒު ޖަހަން އުޅޭ މެޑެއްޔެއް ދިވެހި ރައްޔިތުން ތިބީ ޖަހާދޭ ގޮތަކަށް ނޫނެވެ. ރައްޔިތުގެ ގިބަޔަކު މިހާރު ދެކެނީ މުއިއްޒަކީ ބޮޑު ފޭލިޔަރެއް ކަމަށެވެ.


