ކަނޑުފޭރޭ އުޅަނދުތައް ރާއްޖޭގެ ރަށްރަށަށް
މަނަވަރާ ސަބްމެރިންއާއި އަސްކަރީ މަތިންދާ ބޯޓާއި ހެލްކޮޕްޓަރާ ބޭނުން
ކަނޑުފޭރޭ މީހުންގެ އުޅަނދުތައް އައިސް ރަށްރަށަށް އަރާ ތަންތަން ލޫޓުވާލަންދެން އަޅާވެސް ނުލާ ތިބެންވީހެއްޔެވެ. ކަނޑަށް ވެއްޓިގެއްލޭ މީހުންނާއި ބެހިގެންދާ އޮޑި ދޯނި ފަހަރުގައި ގެއްލޭ މައިންނާ ޅަދަރިން ނުހޯދާ ބެހި ގެއްލިދާން ދޫކޮށްލަން ވީހެއްޔެވެ. މިއޮތް ބޮޑު މާސިންގާ އިންޑިއާކަނޑު ތެރޭގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ދާއަޅައިގެން ބޭރު ގައުމުތަކުގެ މީހުން މަސްވެރިކަން ކުރޭތޯ ނުބަލަން ވީހެއްޔެވެ. ކަނޑުމަތިން ބަދަލުކުރެވޭ ޑްރަގުގެ ބަންޑެލިތައް ބަދަލުކުރާ ކުރުން ނުހައްޓުވާ ދޫކޮށްލައިގެން ތިބެންވީ ހެއްޔެވެ. ޓެރެރިސްޓް ޖަމާއަތްތަކުން ވަގު ހަތިޔާރު ގަނެވިއްކާ ބަދަލުކުރުމަށް ބޭނުންކުރާ ސޭފްޒޯނަކަށް ރާއްޖޭގެ ސަރަހައްދު ހަދަން ދޫކޮށްލަން ވީހެއްޔެވެ.
ރާއްޖޭގެ އެކިހިސާބުގައި އެކިއެކި ހާދިސާތައް ދިމާވެގެން ފުރާނައަށް ނުރައްކާވާ މީހާގެ ފުރާނަ ސަލާމަތް ކުރަން ބޭނުމެއް ނޫން ހެއްޔެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ އަތޮޅު ހޮސްޕިޓަލްތަކުން ދެވެންނެތް ކުއްލި އަވަސް ފަރުވާއެއް ދެވެން ނެތިގެން ފަރުވާދެވޭ ހިސާބަށް ބަލިމީހާ ގެނެސް ނުދެވިގެން އެމީހާ މަރުވެގެން ދިޔުން ބޭނުން ހެއްޔެވެ. ރާއްޖޭގެ އެކި ހިސާބުގައި ހިނގާ އަލިފާނުގެ ހަދިސާތަކުގައި ފިހި މާލާ މީހާ މާލެއާ ހަމައަށް ނުގެނެވި މަރުވާން ދޫކޮށްލަން ވީހެއްޔެވެ. އެހެނެއް ނުތިބެވޭނެއެވެ.
ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަޔާ ކަނޑާ އެއްގަމުގައި ބޭނުންކުރާ އަގުބޮޑު ބެލެހެއްޓުމުގައި ނާޒުކް ވަސީލަތްތައް ހޯދައިގެން ދިމާވެދާނެ ކަމަކަށްޓަކާ އެވަރު ބޮޑު އޮޕަރޭޝަނެއް ހިންގޭވަރުގެ ފުދުންތެރި ކަމެއް ރާއްޖެއަކު ނެތެވެ. އެހެނަސް ރެސްކިއު އޮޕަރޭޝަން ތަކާއި ރާއްޖޭގެ ކަނޑުތައް ފޭރޭމީހުންގެ ކިބައިން ސަލާމަތް ކުރަންޖެހެއެވެ. ޑްރަގް ލޯޑުތަކުންނާއި ވަގަށް ހަތިޔާރު އުފުލުމުން ރާއްޖޭގެ ކަޑުތައް މިންޖުކުރަން ޖެހެއެވެ. ވަގަށް ކަނޑުތަކުން މަސްވެރިކަން ކުރުން ހުއްޓުވަން ޖެހެއެވެ.
ރާއްޖޭގެ ކޯސްޓް ގާޑުން ރެޔާދުވާލު އެ މަސައްކަތް ކުރެއެވެ. އެހެނެއްކަމަކު ކަމުގެ ބޮޑުކަމާއި އެކު ކުއްލި ހާލަތް ތަކުގައި އިތުރު އެހީތެރިކަން ވައިގެމަގުން ބޭނުންވެއެވެ. ރާއްޖޭގެ ސަރަހައްދުގައި ހިނގާ ނޭއްގާނި ހަރަކާތްތައް ބަލާ ހޯދާ ހުއްޓުވުމުގައި ޖައްވީ މައުލޫމާތާއި ވައިގެ މަގުން އިތުރުއެހީ ރާއްޖެއަށް ބޭނުންވެއެވެ. ދުވަހުން ދުވަހަށް ކަމެއް ދިމާވެދާނެކަމަށް މަނަވަރާ ސަބްމެރިންއާއި އަސްކަރީ މަތިންދާ ބޯޓާއި ހެލްކޮކޮޕްޓަރާ ހޯދާފައި ބަހައްޓައިގެން އެތަކެތި ހިންގާ ބެލެހެއްޓުމަކީ ކޮންމެ ކޮންމެ ގައުމަކަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ.
ރާއްޖެއަކީ ރަށްތައް ވަކިވަކިން ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ކަނޑުގެ ގައުމެކެވެ. ކޮންމެ ރަށެއްގައި އެރަށެއްގައި އެރަށަކަށް ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވެފައިވާ ކުޑަމިނުން ރެސްކިއު ފޯސްއެއް ބާއްވާލެވޭ ވަރުގެ ގާބިލުކަމެއް ރާއްޖޭގައި ނެތެވެ. އަތޮޅު ފެންވަރުގައި ކީއްކުރަން ހެއްޔެވެ. ސަރަހައްދީ ފެންވަރުގައިވެސް އެފާޑުގެ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގޭ ވަރުގެ ފުދުންތެރި ކަމެއް ރާއްޖެއަށް ލިބިފައެއް ނެތެވެ.
އެހެން ނަމަވެސް އެއިރަކަށް އެންމެ އެކަށީގެންވާ މިންވަރަކަށް ރާއްޖޭގެ ސަލާމަތީ ކަންކަން ހުރިހާ އިރަކުވެސް ރާއްޖޭން ކުރަމުން ދެއެވެ. އެހެން ބައެއްގެ އެހީތެރިކަން ހޯދަންޖެހޭ އެންމެ ކުޑަ މިންވަރަކަށް ބޭރުގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ހޯދައެވެ. މިސަރަހައްދުގައި އިންޑިއާއިން ނުހޯދުނު އެހީތެރިކަމެއް ދެވޭނެ އެހެން ބަޔަކު ތިބީއެއް ނޫނެވެ. ރާއްޖޭގެ ހުރިހާ ސަރުކާރަކުން ވެސް އެފާޑުގެ ކޮންމެ ކަމެއްގައި އެހީތެރިކަން ހޯދަނީ އިންޑިއާއިންނެވެ. އެހެނެކޭ ކިޔާ މިހާރު އެ އުޅޭހެން ސިޔާސީ ބޭނުމުގައި ބަޔަކު ފަޔަށް ހިނި އަރައިގެން ނޫޅެއެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސްވަހީދާއި ރައީސް ޔާމީނައު ރައީސް ސޯލިހު ވެސް އަޝްކަރީ އެހީ އިންޑިއާއިން ހޯއްދެވީ ރާއްޖޭގައި ނެތް ވަސީލަތް ގާއިމުކޮށް ދެމެހެއްޓުމަށެވެ. ރާއްޖޭގެ ސަލާމަތީ ބާރުތަކާ ގުޅިގެން ހިންގާ އޮޕަރޭޝަން ތަކެއްގެ ގޮތުގައެވެ. ގައުމީ ސަލާމަތަށްޓަކައެވެ. އިންޑިއާ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާގެ ގުޅުމަކީ ދިވެހިރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމެވެ. މިނިވަންކަން ގެއްލި އަޅުވެތި ވުމެއްނޫނެވެ.