އަތްޖަހާ ވަރެއްނޫން - ނުރައްކާ ހީނުކުރާހާ ބޮޑު!

ފިޗް ރޭޓް މައްޗަށް ޖެހެލިޔަސް އޮތް ކަންބޮޑުވުންތަކަށް ހައްލެއް ނެތް

އަތްޖަހާ ވަރެއްނޫން - ނުރައްކާ ހީނުކުރާހާ ބޮޑު!

ފިޗުން ކްރެޑިޓް ރޭޓިންގް އެއް ދަރަޖަ މައްޗަށް ޖެއްސި ނަމަވެސް ރާއްޖޭގެ ހާލަތު ރަނގަޅެއް ނުވެއެވެ. ކަންބޮޑުވުންތަކަށް ލިބުނު ލުޔެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އަދާކުރަންޖެހޭ ދަރަންޏެއް ކުރެވެން އޮތްގޮތަކަށް އަދާކުރަން މަޖުބޫރުވެއެވެ. ބައެއްގެ ފައިބުޑަށް ވެއްޓި ދޫލާން ޖެހުނު ތަނެއްގައި ދޫލައިގެންވެސް އަރައިގަތުމަށް މަޖުބޫރެވެ. 

އެއްވެރިކަމުން އަނެއް ވެރިކަމަށް ދަރަނި ވާރުތަ ވުމުގައި ދަރަނި ދެއްކުން ފަސްކުރުމާއި ދަރަނި އަދާކުރަން ދަރަނި ނެގުމަކީ ކަށީގައި ހިފާފައިވާ ވާކަމެކެވެ. ވަރުތަވާ ދަރަނީގެ ބުރަ އޮތް ގޮތަށް އޮއްވާ ދުނުޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކާއި ފެތުރޭ ބޮޑެތި ބަލިމަޑުކަމުގެ ސަބަބުން އުފުލަންޖެހޭ ކުއްލި ނުރައްކަލުގެ ހާލަތްތަކުން އިތުރަށް ގިއްގަޅުވާލައެވެ. 

2026ގައި ބިލިޔަނަކަށްވުރެ ގިނަ ޑޮލަރ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހުނީ ނޭނގިއެއް ނޫނެވެ. ދަރަނި އަދާކުރަން ދަރަނި ނަގައިގެންނާއި ލޯނުތަކާއި ބޮންޑުތައް ލަސްކޮށް ފަސްކޮށްގެންވެސް ވާރުތަވީ ބޭރުގެ ދަރަނި ބިލިޔަނަކަށް ވުރެ ކުޑަނުވީއެވެ. 2023 ގައި ވެރިކަމަށް ވާދަކުރި އެންމެންވެސް 2026ގައި އަދާކުރަން އޮތް ދަރނީގެ ވާހަކަ ދެއްކިއެވެ. ހައްލުތައް ހުރިކަމަށް ބުނަމުން ދިޔައެވެ. އެހެން އެވާހަކަ ދެއްކިޔަސް ހަގީގަތުގައި ހައްލުކުރާނެ މާގިނަ ގޮތްތަކެއް ނެތެވެ. ފޯރުންތެރި ގައުމެއްގެ ޖީބަށް ފުންމާލުން ނޫނީ އެއްވެސް ގޮތެއް ހަގީގަތުގައި ނެތެވެ. އައުޓް ކުރަން އުޅުނު އިންޑިއާ އުނގަށް ވެއްޓިގަންނަން މުއިއްޒަށް ޖެހުނީ އެހެންވެއެވެ. 

ފިޗްގެ "CCC-" ރޭޓިންގްއަކީ އިގްތިސާދީ ގޮތުން ނާޒުކު އަދި ނުރައްކާތެރި ހާލަތެއްގައި އޮތްކަން އަންގައިދޭ މިންގަނޑެކެވެ. ފިޗް ރޭޓިންގްސްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ހުރި މައިގަނޑު ގޮންޖެހުންތަކާއި ނުތަނަވަސްކަން ހުރި ދާއިރާތަކަށް އެ އެޖެންސީ ބައިލާފާ އޮވެއެވެ. ފިޗުން ފާހަގަކުރާ ކަންބޮޑުވުންތަކަކީ:-

ބޭރު ފައިސާގެ ރިޒާވް ދަށްވުން:

ސުކޫކަށް ފައިސާ ދެއްކުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކަށް ބަރޯސާވުމުގެ ސަބަބުން، ދައުލަތުގެ ރައްކާތެރިކަމަށް ހުރި ފައިސާ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ސަވަރިން ފަންޑު (އެސް.ޑީ.އެފް) ގައި ހުރި ފައިސާގެ ތެރެއިން ބޭނުންކުރެވޭ މިންވަރު ގާތްގަނޑަކަށް ހުސްވުމަށްފަހު، މިހާރު ހުރީ 21 މިލިއަން ޑޮލަރެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މިއީ ރާއްޖެއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް އެއް މަސް ދުވަހަށް ވެސް ފުދޭނެ މިންވަރެއް ނޫނެވެ.

ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުން:

ފިޗްއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބަޖެޓް ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 14.6 އިންސައްތައަށް އަރާނެއެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 7.1 އިންސައްތައަށްވުރެ މާ މަތީ އަދަދެކެވެ. ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ބޮޑު ބައެއް ބޭރުން އިމްޕޯޓް ކުރަންޖެހުމުގެ ސަބަބުން، ކަރަންޓް އެކައުންޓް ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 17.5 އިންސައްތައަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބޭރުގެ ނުފޫޒުތަކާއި ނުރައްކާތައް:

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދެއެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމާއި، މީގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ކުރާ އަސަރުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ބިރު އެބައޮތެވެ.

ޑޮލަރުގެ ތާށިކަން އިތުރުވުން:

ކަޅު ބާޒާރުގައި ދިވެހި ރުފިޔާ ދައުރުވާ މިންވަރު އިތުރުވުމުގެ ސަބަބުން، ރަސްމީ އެކްސްޗޭންޖް ރޭޓަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދެއެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު ލިބުމަށް ހުރި ދަތިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ބުނެވިދިޔަ ކަންކަމަށް އެކަނި ބަލައިލިޔަސް ހަމަޖެހުން ނެއްކަން ވަރަށް ސާފެވެ. އަމްދުން އެތެރޭގެ ދަރަނީގެ ހާލަތު އޮތީ ސަރުކާރުގެ ހަކަތަ ހުސްވާހާ ނުރައްކާތެރި ހާލަތެއްގައެވެ. ގަވައިދުން މުސާރަ ދޭންވެސް މިހާރަކު ފަސޭހައެއް ނޫނެވެ. އަނެއްކޮޅުން ރީޝްވަތާއި ކޮރަޕްޝަނާއި އިސްރާފު ހުރީ މޫލާފައެވެ.