ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު
ޖަޕާނުގެ އިރުއުތުރުގެ ކަނޑުގެ ސަރަހައްދަށް ހޯމަ ދުވަހު ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ ސުނާމީގެ އިންޒާރު ނެރެ، އައްސޭރިފަށުގެ ސަރަހައްދުތަކާ ދުރަށް ދިއުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. ކަނޑުގެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 4:52 ހާއިރުއެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ހާމަކުރި ގޮތުގައި، އިވާޓޭ، އައޮމޯރީ އަދި ހޮކައިޑޯގެ ބައެއް ސަރަހައްދުތަކަށް 3 މީޓަރުގެ އުސްމިނުގެ ސުނާމީ ރާޅު އެރުމަކީ އެކަށީގެންވާ ކަމެކެވެ. ބިންހެލުން އައިތާ ގަޑިއެއްހާއިރު ނުވަނީސް ބައެއް ސަރަހައްދުތަކަށް 80 ސެންޓިމީޓަރުގެ އުސްމިނުގެ ރާޅު އަރާފައިވާކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
2011 ވަނަ އަހަރު ކުރިމަތިވި ހިތާމަވެރި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ލިބުނު އޮޓްސޫޗީ އަދި ކަމައިޝީ ފަދަ ރަށްތައް ހިމެނޭހެން، އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމަށް ވަނީ އަމުރުކޮށްފައެވެ. ޖަޕާނުގެ ދައުލަތުގެ މީޑިއާ، އެން.އެޗް.ކޭ އިން ވަނީ ކުއްލި ނުރައްކަލުގެ އިންޒާރުތައް ދުރަށް ފަތުރައި، ރައްޔިތުން ރައްކާތެރި އުސް ބިންތަކަށް ބަދަލުވުމަށް ބާރުއަޅާފައެވެ.
ބޮޑުވަޒީރު ސަނާއޭ ޓަކައިޗީ ވިދާޅުވި ގޮތުގައި، މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގެ ޓާސްކް ފޯހެއް ވަނީ އެކުލަވާލާފައެވެ. އަދި މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި މީހުންނަށް ލިބުނު އަނިޔާތައް ބަލަމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ލޮޅުންތައް (އާފްޓަރޝޮކްސް) އައުން އެކަށީގެންވާ ކަމަށްވެސް އޮފިޝަލުން ވަނީ އިންޒާރު ދެއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން އައޮމޯރީ ސަރަހައްދުގެ ބްލެޓް ޓްރެއިންގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު، ސުނާމީގެ ނުރައްކަލުން ސަލާމަތްވުމަށް ބައެއް ބަނދަރުތަކުން އުޅަނދުފަހަރު ވަނީ ފުންކަނޑަށް ނިކުމެފައެވެ. ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިފަދަ އުސްމިނެއްގެ ރާޅުތަކުގެ ސަބަބުން ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ، އައްސޭރިފަށުގައި ތިބޭ މީހުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ.
ޖަޕާނަކީ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަށް އާންމުކޮށް ބިންހެލުންތައް އާދެއެވެ. ދުނިޔޭގައި އަންނަ ބާރުގަދަ ބިންހެލުންތަކުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މި ސަރަހައްދެވެ.


