އާޒިމް ލައްވާ އައުގުރާނަ ގޮއްވީ ނަޝީދު
ރިޔާސަތުން ފުރުސަތު ދިނީ ނިޒާމް ގެއްލުވާލަން
މަޖިލީހުގެެ މިއަދުގެ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތަކުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އަދި ސަރުކާރުން ހުށަހަޅާފައި ހުރި ބިލްތަކެއްގެ މަސައްކަތް ކުރުންވެސް އޮތެވެ. މަޖިލިސް ފެށިގެން ވަކި ހިސާބަކަށް ދިޔަތަނާ މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް އަޑުގަދަ ކުރައްވައި މެންބަރުންގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން މެންބަރުންނަށް ބަހުގެ ހަމަލާތައް ދެއްވާން ފެއްޓެވިއެވެ.
އަޑުގަދަކޮށް އަވަގުރާނަ ގޮވައި ޖަލްސާ ހުއްޓުވައި މަސައްކަތް ކުރިޔަ ނުދިނީ މެންބަރު އަލީ އާޒިމް އެވެ. އަލީ އާޒިމަށް ޖަލްސާގެ ނިޒާމް ގެއްލުވާލަން ފުރުސަތު ދިނީ ރިޔާސަތުންނެވެ.
މެންބަރުންނަށް ފުރުސަތު ނުދީ ނިޒާމީ މައްސަލަ ހުށަހަޅަން ފުރުސަތު ދޭންޖެހޭނެކަމަށް ތަރުކާރުކޮށް ވިދާޅުވެ އަޑު ގަދަ ކުރައްވާ މެންބަރުންނާއި ޒުވާބު ކުރައްވާ ޖަލްސާގެ ނިޒާމް ގެއްލުވާލަން ފާޅުގައި މަސައްކަތް ކުރެއްވީ އެންމެންގެ ކުރި މަތީގައެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދާ ހިލާފުވުމުން ވެސް ރިޔާސަތުން މެންބަރުގެ ނަން އިއްވާ ބޭރުކޮށް، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހިކޮށްދެއްވާފައެއް ނުވެއެވެ.
ކަމަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން މަޖިލިސް ކުރިއަށް ދިޔަ ނުދެއްވުމަށް އާޒިމް އާއި އިދިކޮޅު މެންބަރުން ލައްވާ ކުރުވަމުން ގެންދެވި ކަމެއް ކަމަށް ގިނަ މެންބަރުން ތުހުމަތު ކުރެއެވެ. ރިޔާސަތުގައި އިންނެވި ވިލިފުށީ އަފީފު ގެންދެވީ އެކަމަށް މަގުފަހި ކޮށްދެއްވަމުންނެވެ.
ޖަލްސާ "ކުރިއަށް ނުގެންދެވޭނެ" ކަމަށް ވިދާޅުވެ ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން އަލީ އާޒިމާއި އިދިކޮޅު މެންބަރުން ހަޅޭއްފުޅު ލައްވާ ޖަލްސާގެ ނިޒާމް ގެއްލުވާ ލަމުން ގެން ދެވިއެވެ. ނަން އިއްވާ މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ހަމަޖައްސައިދިނުމަށް ބައެއް މެންބަރުން އެދި ވަޑައިގަތުމުންވެސް ރިޔާސަތުން އާޒިމް ބޭނުން ކަމެއް ކުރައްވަން ފުރުސަތު ދެއްވައިގެން އަފީފް އިންނެވީއެވެ.
މަޖިލިސް މަރުތަޅުގައި ބާއްވައިގެން މަޖިލީހުގެ މިދައުރު ނިންމާލަން ރައީސް ނަޝީދު ހުންނެވީ ފޫގަޅުއްވައިގެންނެވެ.