ކޮންކޯގެ ކޭމްޕެއްގައި 46 މީހުން މަރުވެއްޖެ

ކޮންކޯގެ ކޭމްޕެއްގައި 46 މީހުން މަރުވެއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގެ ޑިސްޕްލޭސްމަންޓް ކޭމްޕެއްގައި 46 މީހުން މަރުވެ ހަ މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގައި ތިބި އޮބްޒާވަރުންގެ ނެޓްވޯކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 23 ކުޑަކުދިން ހިމެނޭ ކަމަށް އޮބްޒާވަރުން ބުނެއެވެ. 

ސެކިއުރިޓީ ޓްރެކަރ އަކުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހަތިޔާރުއެޅި ގްރޫޕް " ކޯޑެކޯ" އިން ދިން ހަމަލާއަކާއި ގުޅިގެން ޖުގޫ ސަރަހައްދުގައި ކަމަށެވެ.

ކިވޫ ސެކިއުރިޓީން ބުނިގޮތުގައި މި ހަމަލާއަކީ މިފަދަ ނުރައްކާތެރި ހަމަލައެއް ނުދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ޤަތުލުއާންމަކީ ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން ހިންގި އެކިއެކި އަނިޔާވެރި އަމަލުތަކުގެ ބަދަލު ހިފުމެއް ކަމަށް ވެދާނެކަމަށްވެއެވެ.

މޮނޫސްކޯއިން ވަނީ ތަހުގީގް އަވަސްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކޮންގޯގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮންގޯ ސަރުކާރުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށް، އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން އިޓޫރީގެ ސަލާމަތީ ކަންކަން އަލުން ގާއިމް ކުރުމަށް ވައުދުވެފައި ވާ ކަމުގެ ޔަގީންކަން ދީފައެވެ.