ވަރިވާން ކޯޓަށްދިއުމުން މަރުތޭލަކުން ހަމަލަދީ މަރާލީ އަބިމީހާ
ދެމަފިރިންގެ 10 އަދި 13 އަހަރުގެ ދެ ދަރިންތިބޭ
އަންހެނަކު ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެން މަރުތޭލަކުން ތަޅައި މަރައިލުމުގެ ތުހުމުގައި ފިރިމީހާ ހައްޔަރުކޮށްފިއެވެ. މަރުތޭލުންތަޅާ މަރާލެވިފައިވާ އަންހެން މީހާއަކީ އިންޑިއާނާގެ ގިބްސަން ކައުންޓީގައި ދިރިއުޅެމުން އައި 36 އަހަރުގެ އަންހެނެކެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ އަންހެން މީހާގެ ފިރިމީހާ ޑެނިއަލް ކީތު ފްލާހަރޓީ (42 އަހަރު)އެވެ.
ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އޮކްޓޯބަރު 3 ވަނަ ދުވަހު ފްލާހަރޓީ ވަނީ އޭނާގެ އަނބިމީހާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ އަނބިމީހާ (ކައިލާ ފްލާހަރޓީ) އަށް މަރުތޭލަ އަކުން ހަމަލާދީ މަރާލިކަމަށް އިއުތިރާފުވެފައެވެ. އޭނާ ބުނި ގޮތުގައި، މަރާލުމަށްފަހު ހަށިގަނޑު ޓޮޔޯޓާ ހައިލޭންޑަރ ކާރަކަށްލައި، އެކާރުގައި ރޯކޮށްލާ ވަބާޝް ކޯރަށް ކާރު ވަނީ ވައްޓާލާފައެވެ.
މި ދެމަފިރިންގެ 10 އަދި 13 އަހަރުގެ ދެ ދަރިންތިބެއެވެ. ހާދިސާ ހިންގިއިރު އެކުދިންވަނީ ސްކޫލަށް ގޮސްފައި ކަމަށް ފްލާހަރޓީ ބުނެފައިވެއެވެ. މަރުވި އަންހެންމީހާ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް، އެ ލިޔުންތައް ފިރިމީހާއާ ހަމައަށް ފޯރުކޮށްދީފައި ނުވާކަމަށް ފުލުހުންގެ ސާޖަންޓް ރޮޖަރ ބަލާޑް ބުނެއެވެ.
ފްލާހަރޓީ ވަނީ އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ 10:15 ގައި ގިބްސަން ކައުންޓީ ޖަލަށް ގެންގޮސް ބަންދުކޮށްފައެވެ. އަދި ބޮންޑެއް ނެތި ބަންދުގައި ބަހައްޓާފައިވާ ކަމަށް ޖަލުގެ ރެކޯޑުތަކުން ދައްކައެވެ. މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.
ޕީޕަލް މަޖައްލާއިން ހޯދާފައިވާ ކައިލާ ފްލާހަރޓީގެ ވަރިވުމުގެ މައްސަލައިގެ ލިޔުންތަކުން ދައްކާ ގޮތުގައި، އޭނާ ވަނީ "ދެމަފިރިންގެ ގުޅުމަށް އިސްލާހެއް ނުގެނެވޭނެ ފަދަ ހާލަތަކަށް ގޮސްފައިވާތީ އާއި ދެމީހުންގެ ދެމެދުގައި ހުރި ތަފާތުތަކުގެ ސަބަބުން" ވަރިވުމަށް އެދި ހުށަހަޅާފައެވެ.
ފުލުހުންގެ ބަޔާނުގައި ވާ ގޮތުން، ފްލާހަރޓީ ވަނީ އޭނާ ހައްޔަރުކުރުމުގެ ކުރިން، އޮކްޓޯބަރު 3 ވަނަ ދުވަހުގެރޭ މެންދަމު 1:30 ގައި ކައިލާ އެމީހުންގެ ޕަކޯޓާގައި ހުރި ގެއިން ނުކުމެގެން 20 މޭލު ދުރުގައި އޮންނަ އޭނާގެ މަންމަގެ ގެއަށް ދިޔަ ކަމަށް ބުނެފައެވެ. އަދި އާދަވެގެން ކައިލާ ކުރާ ގޮތަށް އޭނާއަށް އެ ގެއަށް ވަދެއްޖެކަން އަންގައިދޭ މެސެޖެއް ނުފޮނުވާ ކަމަށްވެސް ފްލާހަރޓީ ވަނީ ފުލުހުން ގާތުގައި ބުނެފައެވެ.
ކުރިއަށްދާ މި މައްސަލައިގައި ފްލާހަރޓީގެ މައްޗަށް ކުރެވިފައިވާ ސީރިއަސް ތުހުމަތާ ގުޅިގެން އޭނާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ހެކި ލިބޭތޯ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.