އީރާނުގެ އާޔަތުއްލާ އަވަހާރަކޮށްލެވިއްޖެކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

އީރާނުގެ އާޔަތުއްލާ އަވަހާރަކޮށްލެވިއްޖެކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

އާޔަތުއްލާ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ އަސްކަރީ ހަމަލާތަކެއްގައި، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުއްލާ އަލީ ހާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު އިއުލާނު ކުރައްވައިފިއެވެ.

1989 ވަނަ އަހަރުން ފެށިގެން އީރާނުގެ ރޫހާނީ އަދި އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވަމުން ގެންދެވި ހާމަނާއީ އަވަހާރަވީ، ތެހެރާންގައި ހުންނަ އެ މަނިކުފާނުގެ އޮފީސް އިމާރާތަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އިސްރާއީލުގެ ސަލާމަތީ ކަންކަމާބެހޭ އިސް ހަތަރު އޮފިޝަލުންނެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު މަގްސަދަކީ އީރާނުގެ ސަރުކާރު ވައްޓާލުން ކަމަށް ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވެއެވެ. އޭނާގެ 'ޓްރުތް ސޯޝަލް' އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމައްޗަށާއި މުޅި ދުނިޔެއަށް ދާއިމީ ސުލްހަ ގެނައުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން، ކުރިއަށް އޮތް ހަފުތާގައިވެސް މެދުކެނޑުމެއް ނެތި ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ މިސައިލް މަރުކަޒުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކުގެ އިތުރުން އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން، އީރާނުގެ މައި ޖާސޫސީ އިދާރާގެ އިސްވެރިންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު ހުޅަނގުގެ ބާރުތަކުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ވެސް ހަބަރު ލިބިފައިވެއެވެ.  

އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން އެ ސަރަހައްދަށް ވަރުގަދަ އަސްކަރީ ބާރެއް ޖަމާކޮށްފައިވަނީ، އެ މައްސަލައިގައި ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވި ފޭލްވުމާ ގުޅިގެންނެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ވަނީ ހޮނިހިރު ދުވަހު އިސްރާއީލަށާއި މަދުވެގެން އަރަބި ހަތް ގައުމަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އޭނާ ބޭނުންވަނީ އަމާން އަދި ރައްކާތެރި ގައުމެއް ކަމަށާއި، އެކަން ހާސިލުކުރައްވާނެ ކަމަށެވެ.