އިޒްރޭލަށް ހިލޭ މަންފާ ލިބޭނެ ދޫތައް ދިނުން ހުއްޓާލާ: ހިޒްބުއްލާ
ބައިރޫތު: އަންނަ ހަފުތާގައި ވޮޝިންގްޓަންގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދަނިކޮށް، އިޒްރޭލަށް އެއްވެސް ބަދަލަކާ ނުލައި "ހިލޭ ދޫތަކެއް" ނުދިނުމަށް ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް ހުކުރު ދުވަހު ލުބުނާނު ސަރުކާރަށް ގޮވާލައްވައިފިއެވެ.
"ކުރިން އޮތް ހާލަތަށް އެނބުރި ދިއުމަކަށް އަހަރެމެން އެއްބަހެއް ނުވާނަން. އަދި އެއްވެސް ބަދަލަކާ ނުލައި އިޒްރޭލަށް ދޫތައް ދިނުން ހުއްޓާލުމަށް ސަރުކާރުގެ އިސްވެރިންނަށް ގޮވާލަން،" އެ ޖަމާއަތުގެ އަލް-މަނާރު ޓީވީ މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައި ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ބުދަ ދުވަހު އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކުގައި ލުބުނާނުން 300 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި "ލޭއޮހޮރުވުން ބޮޑު ޖަރީމާ" އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.


