މަޝްހޫރު ފަންނާނުން ސިފައިންގެ ހިދުމަތުން ރެކެންއުޅޭ މައްސަލަތަކެއް
ތައިވާނުގެ މަޝްހޫރު ފަންނާނުން ސިފައިންގެ ހިދުމަތުން ރެކެން އުޅޭ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ މީޑިއާތަކުން ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް "ބީޓީއެސް" އާ މިސާލުޖަހައި ފާޑުކިޔަން ފަށައިފިއެވެ.
ތައިވާނުގެ ޓީވީބީއެސް، ތައިޕޭ ޓައިމްސް އަދި އީޓީޓުޑޭ ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަޖުބޫރު އަސްކަރީ ހިދުމަތުން ރެކުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޗިއު ޝެންގް-ޔީ މިދިޔަ ބުދަ ދުވަހު ވަނީ ސުވާލުކުރުމަށް ހާޒިރުކޮށްފައެވެ. ނިއު ތައިޕޭގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން ބުނި ގޮތުގައި، އަސްކަރީ ހިދުމަތުން ރެކުމަށް ހިންގާ ނެޓްވޯކްތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ދަށުން މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މިއީ ތައިވާނުގައި މިފަދަ މައްސަލަތަކެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ޖޫން މަހުވެސް، ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ސިފައިންގެ ހިދުމަތުން ރެކެން އުޅުނު 28 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. މީގެ ތެރޭގައި މަޝްހޫރު އެކްޓަރު ޑަރެން ވަންގް، ބައެއް ފަންނާނުން، މަޝްހޫރު ކެއްކުންތެރިއެއް، މިއުޒިކް ޕްރޮޑިއުސަރެއް، ވިޔަފާރިވެރިން އަދި ޑޮކްޓަރެއްގެ އިތުރުން މިކަމުގައި އެހީތެރިވި ހަތަރު މީހަކު ހިމެނެއެވެ.
މި މައްސަލަތައް އިތުރުވަމުންދާތީ، ތައިވާނުގެ މީޑިއާތަކުން ދަނީ ދެކުނު ކޮރެއާގެ ހަރުދަނާ އަސްކަރީ ނިޒާމާ އަޅާކިޔައި، އެ ގައުމުން އިބްރަތް ހާސިލުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން "ބީޓީއެސް އަކީ މުޅި ދުނިޔެއަށް މަޝްހޫރު ތަރިން ކަމަށް ވީނަމަވެސް، އެ ގުރޫޕުގެ ހުރިހާ މެންބަރުން ވެސް ވަނީ ގައުމީ ހިދުމަތް ފުރިހަމަކޮށްފައި" ކަމަށް ބުނެ، ތައިވާނުގެ ފަންނާނުންގެ އަމަލުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މި މައްސަލައާ ގުޅިގެން ތައިވާނުގެ ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާއިރު، ގިނަ ބަޔަކު ދަނީ އިންސާފުވެރިކަމާއި، ނުފޫޒުގަދަ މީހުންނަށް ލިބޭ އިމްތިޔާޒުތަކާ މެދު ސުވާލު އުފައްދަމުންނެވެ.




