އިޒްރޭލު ބޮޑުވަޒީރުގެ އިސްތިއުފާގެ އަޑު އިޒްރޭލުގައި ހިއްޕާލައިފި

ދިހަހާހަށްވުރެ ގިނަ މީހުން ނިކުމެ ގުދުސްގައި އަޑު އުފުލި

އިޒްރޭލު ބޮޑުވަޒީރުގެ އިސްތިއުފާގެ އަޑު އިޒްރޭލުގައި ހިއްޕާލައިފި

ޣައްޒާގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމަށާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަގާމުން ދުރުކުރުމަށް ގޮވާލައި ދިހަހާހަށްވުރެ ގިނަ އިޒްރޭލް ރައްޔިތުން ގުދުސްގައި ހިނގާލުމެއް ބާއްވައިފިއެވެ.

މީގެ ކުރިން އިޒްރޭލުގެ ގާނޫނުހަދާ މަޖިލީހުގެ ކުރިމަތީގައި އެއްވެ، އަލިފާން ރޯކޮށް، ގައުމީ ދިދަ އުފުލާފައިވާއިރު، އާދީއްތަ ދުވަހުގެ ހަވީރު މުޒާހަރާގެ ބައިވެރިން ވަނީ  އެ ސިޓީގެ މައި ހައިވޭއެއް ބަންދުކޮށްފަ އެވެ. އެމީހުން ބުނާ ގޮތުގައި މި މުޒާހަރާއަކީ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށިފަހުން ބޭއްވޭ އެންމެ ބޮޑު މުޒާހަރާއެވެ.

ނަތަންޔާހޫއަށް ކުރިމަތިވަމުންދާ ޕްރެޟަރުގެ އަސްލަކީ ޣައްޒާގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ ސަތޭކައަށްވުރެ ގިނަ އަސީރުންގެ އާއިލާތަކުގެ ހިތްހަމަނުޖެހުމާއި ސަރުކާރާއި ދެކޮޅު ފަރާތްތަކުގެ ފިއްތުންތަކެވެ.

ނަސްލެއް ނައްތާލުމުގެ ނިޔަތުގައި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް 32،782 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.