ތެދުވެރި ރައީސަކު އަޒުލަށް ބިރެއް ނުގަންނާނެ!
ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ވާކަމެއް ނެތް
މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުނު ފަހުން މަޖިލީހުގެ މެޖޯރިޓީ ވަކިބަޔަކަށް ލިބުމުން ވާގޮތުގެ ގިނަ ތަޖުރިބާތަކެއް ވަނީ ކުރެވިފައެވެ. މަޖިލީހުގެ މެޖޯރިޓީ ސަރުކާރާ އެއްކޮޅަށް ނެތުމުން 2008ގައި އުފެދުނު އެމްޑީޕީ ސަރުކާރަށް ކުރިމަތިވި ދަތިތަކާއި ސަރުކާރު ވެއްޓެން ދިމާވި ސަބަބުތައް ފެނުނެވެ. ރައްޔިތުންގެ މަޖިލީހަށް ކަންކަން ފިލުވާދޭން ޖެހޭވަރަށް ފިލުވާނުދީ ސަރުކާރުން ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރުމުގެ ނަތީޖާ ދިވެހިން ތަޖުރިބާ ކުރީ ވަރަށް ހިތާމަހުރި ދެރަވަރު ގެއްލުން ބޮޑު ގޮތަކަށެވެ.
ސަރުކާރަށް ހެޔޮވަރު މެރޯޓީއެއް މަޖިލީހުގައި އޮވެގެން 2013 ގައި ޕީޕީއެމުން ކުރި ވެރިކަން ފެނުނީ ވަރަށް ތަފާތު ކޮށެވެ. ތަރައްގީއާއި ކޮރަޕްޝަނާއި ފަސާދައެވެ. ރިޝްވަތާއި ޚިޔާނާތެވެ. މުޅި ދުނިޔެއިންވެސް އެވެރިކަން ސިފަކުރީ އަނިޔާ ލާމެހިފައިވާ ޑިކްޓޭޓަރޝިޕެއްގެ ގޮތުގައެވެ.
2019 ވަނައަހަރު އުފެދުނު އެމްޑީޕީ ވެރިކަމަކީ މަޖިލީހުގެ ސްޕަރމެޖޯރިޓީއާއި އެކު ކުރެވުނު ވެރިކަމެކެވެ. ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރޭނު ހަނގުރާމައާއި ވެރިކަން ހިންގާ ކޯލިޝަންގެ ޑިމާންޑާއި މައިޕާޓީގެ އެތެރޭގެ ކޯޅުން ތަކާއެކު ގައުމަށް އިންގިލާބީ ހެޔޮބަދަލެއް ގެނުވި ވެރި ކަމެކެވެ. އެތެރޭގެ ކޯޅުން ބޮޑުވެ ފެނުނީ ލިބި އޮތް ބޮޑު މެޖޯރިޓީގެ ބޭނުން ހެޔޮ ގޮތުގައި ނުކުރެވި ދިޔަތަނެވެ.
މަޖިލީހުގައި އޮތް އެމްޑީޕީ ސްޕަރމެޖޯރިޓީގެ އެތައް ބަޔަކު އިދިކޮޅަށްވުރެ އިދިކޮޅުވެގެން ސަރުކާރާއި މެދު ރައްޔިތުން ނަފްރަތުކުރުވާ އިތުބާރު ގެއްލުވާލަން ބޭނުންކުރާ މައިދާނަކަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުން ބަދަލުކޮށްލިއެވެ. ނަތީޖާއަކަށްވީ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދިނަސް ވާކަމެއް ނެތްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވުމެވެ.
ތަޖުރިބާއިން އެނގިގެން ދަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ދިނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަމެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރު ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އަށަގަތުމުގެ ސަބަބެއް ކަމުގައި ވެގެން ދެއެވެ. ރައީސުލް ޖުމްހޫރިއްޔާ މަގާމުގައި ދެމިހުރުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވެގެން އުޅޭނީ އެކަމުގެ ފަހަތުގައި ދައުލަތް ދަވާލުމުގެ ސިއްރު އެޖެންޑާއެއް އޮވެގެނެވެ. ނޫނީ ވެރިކަން ގެއްލުމުގެ ބިރު އޮންނާތީއެވެ.
ސަރުކާރުން ކަންކަން ކުރަން އުޅޭގޮތާ އެކަމެއް ކުރަންއުޅޭ ސަބަބާއި އޭގެ ނަތީޖާ ސާފުކޮށް ރައްޔިތުންގެ މަޖިލީހަށް އަންގައިގެން މަޖިލީހުގެވެސް ރުހުމާއެކު ކަންކަން ކުރާ ރައީސަކު އަޒުލުގެ ބިރެއް ނުގަންނާނެއެވެ. ހެދުނު ކޮންމެ އެއްޗެއް ހަދައިގެން ވެރިކަމުގައި ބަގުޑިއެއް ނުބައްދާނެއެވެ.