މިހާރުގެ މާފަންނުމައިޒާނަކީ ގަބުރުސްތާނެއްނޫން
ގަބުރެއްނެތި ގަބުރުސްތާނެއް ނުއޮންނާނެ!

ގަބުރުސްތާނެއް އޮތް ތަނަކުން އަޑިއްސުރެ ހުރިއްޔާ ހުރި ގަބުރެއްގެ ކަށިތައްނަގާ ހުސްކުރުމުން އެތަނަކީ ގަބުރުސްތާނަކަށް ނުވާނެއެވެ. އެހިސާބުން ގަބުރުސްތާނަކަށް ހިނގާ ހުކުމެއް އެތާކަށް ނުހިނގާނެއެވެ. ފަތުވާ މަޖިލީހުގައި ތިބި މީހުނަށް އެކަމެއް ނޭގެއެވެ.
ފަތުވާދޭން ތިބޭ މީހުނަށް އާޖުފާޖު އެނގޭނަމަ އެހާ ހަނިކޮށް ވިސްނާ ކަންކަމާމެދު ގޮތެއް ނުނިންމާނެއެވެ. ގުރުއަނާއި ސުންނަތުގައި ސާފުކޮށް ބަޔާންކޮށްފައި ހުންނަ ކަންކަން ދިމާ އިދިކޮޅަށް ކުރާ ގައުމެއްގައި އިހުތިލާފީ ކަންކަމުގައި ހަރުކަށިކަން އިސްކުރުމަކީ ދީނީ ވުމެއް ނޫނެވެ.
ފާޅުގައި ރިބާގެ މުއާމަަަލާތް ހިންގުމަށް ޖާގަދީގެން ދައުލަތް ހިންގާ ނިޒާމެއް އޮތްކަން އެނގިތިބެ ލޯމަރައިގެން ތިބޭ އިލްމުވެރިންގެ މަޖިލީހަކަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ. ޝަރީއަތުން ރިބާ ނަގާދިނުމާއި ރިބާގެ މުއާމަލާތް ދަމަހައްޓާއިރު ޗުއްޕުވެސް ބުނާކަށް ކެރެނީއެއްނޫނެވެ. ސިޔާސީ ފިކުރާ އެއްގޮތަށް އެއްކަމެއްގައި ދެފަހަރު ދެގޮތަށް ފަތުވާ ނެރުނީމާ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ.
ފަތުވާ ނެރިގެން އުޅޭ ގަބުރުސްތާނު މައްސަލައަށް ބަލާލީމާވެސް ފެންނަނީ ފަތުވާ މަޖިލީހުގެ ދެއުޅިއެއްނުވުމެވެ. މާލޭގައި ކުރިން ބޭނުންކުރި އެތައް ގަބުރުސްތާނެއް ހުސްކޮށް މީސްމީހުނަށް ގެދޮރުދީ އެ ގޮދޮރުގައި ހަލާލު ހުއްދަ އެތައް ކަމެއްގެ އިތުރަށް ނަހަލާލު އެތައް ކަމެއް އެބަކުރެއެވެ. ގަބުރުސްތާނު ކުރިން އޮތް އެ ބިންތަކުގައި މީހުން ގެދޮރު އަޅައިގެން ދިރިއުޅެން ފެށުމުން ދިރިއުޅުމާ ގުޅުންހުރި ހުރިހާކަމެއްވެސް އެތަންތާ ހިނގާނެއެވެ. އެތަންތާ ކުރިން ގަބުރުސްތާނެއް އޮތަތީ އެހެނެކޭ ކިޔާ އެތަންތަނުގެ މައްޗަށް މިހާރަކު ގަބުރުސްތާނުގެ ހުކުމެއް ނުހިނގާނެއެވެ. މާފަންނު ސަހަރާވިޔަސް އެހެން ސަހަރާއެއް ވިޔަސް ގަބުރުތައް ނަގާ ހުސްކުރުމުން އެއްޔަކީ ސަހަރާއަކަށް ނުވާނެއެވެ.
ގަބުރުސްތާނެއް ހުސްކުރުމަށް ފަހު އެތާގައި ކުރެވޭ އިޖުތިމާއި ކަންކަމުގެ ތެރޭގައި ދިރިތިބީންގެ ހަށިހެޔޮކަމަށްޓަކައި ކަސްރަތު ކުރުމާއި ކުޅިވަރުކުޅުން ވެހިކަލް ޕާކް ކުރުމަށްވުރެވެސް އިޖުތިމާއީ ކަމަކަށް ވާނެއެވެ. ހިތް ފަސޭހަކުރާ ޕާކާއި ކުޅޭ ބިންތަކުން ދިރިތިބީންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ފައިދާ ކުރެއެވެ.
އިޖުތިމާއީ ކަންކަމަަކީ މަދަރުސާއެޅުމާއި ހޮސްޕިޓަލް އެޅުމާއި ޕާކިން ޒޯން ހެދުން އެކަންޏެއް ނޫނެވެ. ކަސްރަތުކުރާ ތަންތަނާއި ކުޅިވަރުކުޅޭ ތަންތަނާއި އެނޫންވެސް ތަފާތު އެތައް އިޖުތިމާއީ ކަންކަން ހުރެއެވެ. ކުރީގެ މާފަންނު ސަހަރާއަކީ މިހާރަކު ގަބުރުސްތާނެއް ނޫނެވެ. މާފަންނު ގަބުރުސްތާނު އޮތް ބިމަކަށް ގަބުރުސްތާނެއްގެ ހުކުމެއް ހިނގާނެ ދީނީ އަދި ގާނޫނީ ހަމައެއް ނުއޮންނާނެއެވެ. މިހާރުގެ މާފަންނު މައިޒާނުގައި ދީނުގައި ހަރާންކޮށްފައި ނުވާ ކޮންމެ ކަމެއްވެސް މިހާރު ކުރެވޭނެއެވެ. އެތާކުރަންވީ ކަމެއް ފަތުވާ މަޖިލީހަކަށް ނޭނގޭނެއެވެ. ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަމަކީ ބޭކާރު ކަންކަންކަމަށް ދެކޭ ޖާހިލުން ފަތުވާދޭން ތިބެގެން ވައްޓާ އެލަނީ އަމިއްލަ އަގެވެ.